ބޮނަވިސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރި ރިޒޯޓް "ދަ ރެޒިޑެންސް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ ފަޅުމާފުށީގައި ތަރައްޤީ ކުރެވިފައިވާ މި ރިޒޯޓް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަދު ހަވީރުއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިޒޯޓް ތަރައްޤީ ކުރެއްވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވި ޚިދްމަތަށްޓަކައި ބޮނަވިސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެކުންފުނިން ރާއްޖޭގައި ރިޒޯޓެއް ތަރައްޤީ ކުރުމަށް ނިންމި ނިންމުމުން ދޭހަކޮށްދެނީ، އެފަރާތުން ރާއްޖެއަށް ކުރާ އިތުބާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކުންފުންޏަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ރާއްޖެއިން އަބަދުވެސް ލިބެމުންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޮނަވިސްޓާ މޯލްޑިވްސްއިން ތަރައްޤީކޮށް މިއަދު ހުޅުވުނު ކޫއްޑޫ އެއަރޕޯޓްގެ ސަބަބުން ހުވަދުއަތޮޅު އުތުރުބުރިއަށް އިތުރު ކުރިއެރުންތައް ލިބެމުންދާނެކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައިވެސް އެކުންފުންޏަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.