ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެއްވެންހުރި ހުރިހާ ކަންތައްތަކެއް ކުރެއްވުމަށް އަތުކުރި އޮޅާލައްވައިގެން، ކުރިއަށްވުރެ އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ޤާއިމް ކުރެވުނު ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހުޅުއްވައިދެއްވުމަށް، މިއަދު މެންދުރުފަހު އެ ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ހަތްމަސް ދުވަހުގެ ތެރޭގައި، މަސައްކަތް ކުރެއްވީ، ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެއްވަމުން ގެންދެވުމަށާއި، ރޭވިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތައް ހިފަހައްޓަން ޖެހުނު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރައްވަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާ އަދި މިނޫންވެސް އެހެން މަސައްކަތްތައް، އަތޮޅުގައި ކުރެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މުސްތަޤްބަލަށް ބަލާއިރު، ޝިޕިންގގެ އެކިއެކި ޚިދްމަތްތައް ދެވޭނެ މަރްކަޒެއް، މި ސަރަޙައްދުގައި ޤާއިމް ކުރެވިދާނެ ކަމަށާއި، މިކަމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތަޢުލީމީ ރޮނގުންނާއި، ޞިއްޙީ ރޮނގުން ކުރަންޖެހޭ ކަންތައްތަކާއި، ގެންނަންޖެހޭ އިޞްލާޙުތައްވެސް އެބަހުރި ކަމަށާއި، އެކަންކަން ކުރެއްވުމުގައިވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވިލިނގިލީ ޒުވާނުންގެ މަރްކަޒަށްވެސް ވަރަށް އަވަހަށް އިޞްލާޙީ ބަދަލުތަކެއް އަންނާނެ ކަމާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ޚިދްމަތްތައް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިލިނގިލީ ރައްޔިތުންވެސް ސިޔާސީ ކަންކަމަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން ޤާއިމް ކުރެއްވުމަށް ބާރުއަޅުއްވައި ދެއްވުމަށާއި އަދި ރަށުގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އެކަމުގެ ނަތީޖާ މިހާރު އެބަ ފެންނަމުންދާ ކަމަށާއި، މިއަދު މި ހުޅުވުނު ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީވެސް ރައްޔިތުންގެ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ޤާއިމް ކުރެވުނު މަރްކަޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.