ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫ އެއަރޕޯޓް، ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެއަރޕޯޓް ހުޅުވިގެންދިޔައީ، ކޫއްޑޫ އެއަރޕޯޓްގެ ނަންބޯޑުގެ ފަރުދާ، ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ. އެއަށްފަހު، އެމަނިކުފާނު ކޫއްޑޫ އެއަރޕޯޓްގެ ދިދަ ނަންގަވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓު، ކޫއްޑޫ އެއަރޕޯޓަށް ޖެއްސުމާއެކު، ބޯޓަށް ސެލިއުޓެއް އެރުވިއެވެ. އަދި އެއަރޕޯޓް ހުޅުއްވައިދެއްވުމަށްފަހު، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރްކަޒުގެ ދަރިވަރުންގެ މަރްޙަބާ ދެންނެވުމުގެ އައިޓަމެއް، ރަންވޭގައި ކުރިއަށްދިޔައެވެ.

ކޫއްޑޫ އެއަރޕޯޓް ހުޅުވުމަށްޓަކައި ބޭއްވެވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ހުވަދުއަތޮޅަށް ޚާއްޞަކޮށް، ހުވަދުއަތޮޅު އުތުރުބުރީ ރައްޔިތުންނަށް ވަރަށްބޮޑު އުފަލެއް ލިބުނު ދުވަހެއްކަން ފާހަގަކުރައްވަމުން، ހުވަދުއަތޮޅު އުތުރުބުރީގައި އެއަރޕޯޓެއް ޤާއިމްކުރެވި، މިއަދު އެއަރޕޯޓް ހުޅުވިގެންދިޔަ ކަމަށްޓަކައި އަތޮޅުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހައާއި ހެޔޮގޮތްތައް ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވަމުން، ހުވަދުއަތޮޅު އުތުރުބުރީގައި އެއަރޕޯޓް ޤާއިމް ކުރެއްވުމުގެ މަޤްޞަދަކީވެސް އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެގޮތް ހައްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓްތައް ޤާއިމް ކުރެއްވުން ކަމަށާއި، ހުވަދުއަތޮޅު އުތުރުބުރީގައި އެއަރޕޯޓެއް މިއަދު ހުޅުވުނުކަން އެއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަކީ ވަރަށް މުހިންމު އިންޑަސްޓްރީއެއްކަން ފާހަގަކުރައްވަމުން، މީގެކުރިން ރާއްޖެ މަޝްހޫރުވެފައިވަނީ ކަނޑުދަތުރު ކުރުމުގެ ރޮނގުން ކަމުގައި ވިދާޅުވިއެވެ. މި އެތެރެވަރީގެ ޤައުމެއްގައި އޮތް އެންމެބޮޑު ޝިޕިންގ ލައިން ހިންގި ބަޔަކީ ދިވެހިން ކަމަށާއި، އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުއްޓިފައިވަނީ، ވައިގެ ދަތުރުފަތުރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ވައިގެ ދަތުރުފަތުރުގެ އިންޑަސްޓްރީވާންޖެހޭނީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ލިއްބައިދޭ، ޤައުމުގެ އިޤްތިޞާދުގެ ވަރަށް މުހިންމު ޞިނާޢަތަކަށް ކަމުގައެވެ. މިކަމުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް ހަނދާނީ ފިލައެއް އެރުވުން އޮތެވެ. ހަނދާނީ ފިލާ އެރުވީ، ހުވަދުއަތޮޅު އަތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދެވެ. އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ އަޙްމަދު ޝަމްހީދަށާއި، ބޮނަވިސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ މިސްޓަރ ހެންރީ އެންގޯއަށްވެސް ހަނދާނީ ފިލައެއް އެރުވުނެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ އަޙްމަދު ޝަމްހީދު ވާހަކަފުޅު ދެއްކެވިއެވެ. މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ހޮޓެލް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި ކޭ.އެޗް.އޭ. ރިޒޯޓްސް އެންޑް ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހެވެ. އޭނާގެ އިތުރުން، ބޮނަވިސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ މިސްޓަރ ހެންރީ އެންގޯވެސް ވާހަކަފުޅު ދެއްކެވިއެވެ. ޝުކުރު ދެންނެވީ، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދެވެ.