ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވަމުން، މިދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ޗައިނާގެ ބައިލެޓަރަލް އެސިސްޓެންސްގެ ދަށުން ޗައިނާ ސަރުކާރުން ރާއްޖެއަށް 100 މިލިޔަން ޔުއާން ދިނުމުގެ އެއްބަސްވުމާއި، ގެދޮރުއެޅުމާއި އިންފްރާސްޓްރަކްޗަރަށް ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ހަމަޖެހިފައިވާ 150 މިލިއަން ޑޮލަރުގެ ފްރޭމްވަރކް އެގްރީމަންޓް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޮއާ ބައްދަލުކުރެއްވި ކުރެއްވުމުގައި، ދަތުރުފަތުރުގެ ނިޒާމާއި، މަގު ހެދުމާއި، ޝިޕިންގ ފަދަ ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ޗައިނާ ސަރުކާރުން ފޯރުއްވައިދެއްވާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް މިދަތުރުފުޅުގައި ބައްދަލުކުރެއްވި ކަމަށާއި، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެވޭތޯ މަސައްކަތް ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.