ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާގެ ޒިންޖިއަން ޕްރޮވިންސްގެ ތިމާވެއްޓާ ރައްޓެހި އިޢާދަކުރަނިވި ހަކަތައާބެހޭ ޞިނާޢީ ސަރަޙައްދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުރަތަމަ ވަޑައިގެންނެވީ، އުރުމްގީ އިންޑަސްޓްރިއަލް އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަރުކަޒު ބައްލަވާލެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އުރުމްގީ އިންޑަސްޓްރިއަލް އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަރުކަޒަށް ވަޑައިގެންނެވުމުން، އެތަނުގެ ވެރިންނާއި މުވައްޒަފުންވަނީ އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އުރުމްގީ ސަރަޙައްދު ތަރައްޤީކުރުމުގެ ތްރީޑީ ޕްރެސެންޓޭޝަނެއްވަނީ އަރުވާފައެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި މިހާރު އުފައްދާ ތަފާތު ބާވަތްތަކުގެ އުފެއްދުންތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ، ގޯލްޑް ވިންޑްގެ ނަމުން ނަންދެވިފައިވާ ވައިން ހަކަތަ އުފައްދާ ފަންކާ ތައްޔާރުކުރާ ފެކްޓަރީއެއް ބައްލަވާލެއްވުމަށެވެ. ގޯލްޑްވިންޑް ފެކްޓަރީން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ކުންފުނީގެ ވެރިންނާއި އެންމެހާ މުވަޒަފުންނެވެ. ގޯލްޑް ވިންޑް ފެކްޓަރީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެ ކުންފުނީގެ ވެރިންވަނީ ވައިން ހަކަތަ އުފައްދާ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ތަފްޞީލުކޮށް އަރުވައި، ދުނިޔޭގައި މިހާރު ބޭނުންކުރެވޭ އެންމެ ބޮޑެތި ހަކަތަ އުފައްދާ ފަންކާ ރައީސުލްޖުމްހޫރިއްޔާއަށް ދައްކަވާލައްވާފައެވެ. މިއީ، ތިނެއް މެގަރ ވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ، ގާތްގަނޑަކަށް 200 މެޓްރިކް ޓަނުގެ ބުރަދަން ހުރި ފަންކާއެކެވެ.

މިބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެނަރޖީ މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާއާއި، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އަދި ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭގެ ވަގުތެއްގައި ޒިންޖިއަން ޕްރޮވިންސުން އެނބުރި ޝަންހައިއަށް ވަޑައިގަންނަވާނެއެވެ. ޝަންހައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަންހައިގެ ލޯކަލް ގަވަރމަންޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން އޮންނާނެއެވެ.