ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "މޯލްޑިވިއަން ބްލަޑް ސަރވިސަސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ނަމުގައި އިދާރާއެއް އުފެއްދެވީ، ލޭ ހޯދުމާއި، ލޭ ރައްކާކުރުމުގެ ޚިދުމަތްދިނުމާއި، ލޭގެ ބަލިތަކަށް ފަރުވާކޮށް، މިކަންކަމާބެހޭ މަސައްކަތްތައްކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އުފެއްދެވުމާގުޅިގެން، ޤާނޫނު ނަންބަރު 2012/4 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ހ) ދަށުން އުފެދިފައިވާ "ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ" ހިނގަމުންދާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 449 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.   
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް
1.           ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމުގެ ޚިދުމަތްތަކާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.
2.           ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމުގެ ޚިދުމަތްތަކާގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަޑުތައް ކަނޑައަޅާ، މި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަޑުތަކަށް ޢަމަލުކުރަމުންދާގޮތް ބެލުން.
3.           ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރާއި، ސެންޓްރަލް ބްލަޑް ބޭންކް ހިންގައި ބެލެހެއްޓުމާއި، އެތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައް ރާވައި ހިންގުމުގައި އެހީތެރިވުން.
4.           މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާބެހޭ ގޮތުން ވަޒީރަށް ލަފާ އެރުވުމާއި ރިޕޯރޓް ކުރުން.
5.           ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި، އެކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވާލައި ޢާންމުކުރުން.
6.           ރާއްޖޭގައި ހިނގަމުންދާ ބްލަޑް ސެންޓަރުތަކުގެ ތަފާސް ހިސާބު ބެލެހެއްޓުން.
7.           މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް ޢާންމުކުރުން.
8.           ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.
9.           ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
10.       ލޭ ބޭނުންވާ ފަރާތްތަކަށް ސާފު، ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
11.       ލޭ ނެގުމާއި ލޭ ރައްކާކުރުމާއި ލޭ ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި، ކޭމްޕްތައް (ބްލަޑް ކޭމްޕް) ރާވައި ހިންގުން.
12.       ލޭ ޕްރޮސެސް ކުރުމާއި، ލޭގެ މާއްދާތައް ވަކިކުރުމާއި، ލޭ ބޭނުންވާ ފަރާތްތަކަށް ސާފު، ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަހުލީލުތައް ކުރުން.
13.      ލޭއެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
14.       ލޭ ހަދިޔާކުރުމާބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތަށް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.
15.       ލޭ ނެގުމާއި ލޭ ރައްކާކުރުމާއި ލޭ ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިނގަމުންދާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުންނެވެ.
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އިޚްތިޞާޞްގެ ދާއިރާގެތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭ ކަންކަމެވެ.
1.           މި ޤާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.
2.           ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދްމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
3.           ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން.
4.           ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުން.
5.           ތެލަސީމިއާ ހުއްޓުވުމަށްޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތަޢުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.
6.           ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މަޢުލޫމާތުތައް އެއްކުރުމާއި އެ ބަލި އިތުރުވަމުންދާގޮތް ބަލަމުން ގެންދިއުން.
7.           ތެލަސީމިއާ އާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، ޢާންމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.
8.           ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުން.
9.           މި ޤާނޫނު ހިންގުމުގެގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
10.       އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ލެބޯޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދްމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވިގޮތެއްގައި ދެމުންދިއުން.
11.       ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަސް ހުސްވުމުގެކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.
12.       މީހާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ނުވަތަ މީހާގެ ގައިގައި އުފެދޭ ޙާލަތެއްގެ ސަބަބުން، އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންވީ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތްތަކާ ގުޅޭގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.