ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވަރަށް މުހިންމު ތިން އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރައްވައިފިއެވެ. މިގޮތުން، ސޮއިކުރެއްވުނު އެއްބަސްވުންތައް މިދަންނަވަނީއެވެ.

1. ޗައިނާ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެއްވަމުން ގެންދަވާ އިޤްތިޞާދީ އަދި ފަންނީ އެހީގެ ޕްރޮގްރާމްގެ ދަށުން މިއަންނަ އަހަރަށް ދެއްވާ އެހީގެ އެއްބަސްވުން

މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމާރސް މިސްޓަރ ޗެން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.

2. ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ލުއި ގޮތެއްގައި ލޯނު ދޫކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމާރސް މިސްޓަރ ޗެން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ.

3. ޗައިނާ ސަރުކާރުގެ ފަރާތުން އެ ޤައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް މެދުވެރިވެގެން ދިވެހި ސަރުކާރަށް 1500 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް ދެއްވާ ލުއިލޯނު އެހީގެ އެއްބަސްވުން

މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމާރސް މިސްޓަރ ޗެން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޯ ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި، ޗައިނާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުންގެ ކުރިފުޅުމަތީގައި މިފަދަ އެއްބަސްވުމެއް އެއްބަސްވެވުނު ފުރަތަމަ ފަހަރެވެ. އަދި މިއެއްބަސްވުންތަކުގައި ސޮއިކުރެވިގެން މިދަނީ، މުސްލިމުންގެ އާބާދީ ޗައިނާގައި އެންމެގިނަ ސަރަޙައްދު، ޒިންޖިއަން ޕްރޮވިންސްގައިކަމީ، މި ތާރީޚީ މުނާސަބަތު އިތުރަށް ވަރުގަދަވެގެންދާ ކަމެއްކަން ޔަޤީނެވެ.

މި އެއްބަސްވުންތަކަށްފަހު، ދެޤައުމުގެ ދެމެދުގައި މިހާރުވެސް ހިނގަމުންދާ ވިޔަފާރިއާއި އެހީގެ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި ދަތުރުފަތުރު ތަރައްޤީ ކުރުމާއި، ޢިމާރާތް ކުރުމާއި، މަގުހެދުންފަދަ ދާއިރާތަކުގައި ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ ބޮޑުވަޒީރު ވަނީ ޔަޤީންކަން ދެއްވާފައެވެ.