ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މިވާހަކަފުޅުތައް އޮތީ، ޗައިނާގެ ޒިންޖިއަން ޕްރޮވިންސްގައި ހުންނަ ސްޓޭޓް ގެސްޓް ހޮޓަލުގައި އިއްޔެއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މިވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެ އިސްބޭފުޅަކީ، ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެންމެ އިސް ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

މި ވާހަކަފުޅުތަކުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމު ކުރެވުނުތާ 40 އަހަރު ފުރޭ އުފާވެރި މުނާސަބަތުކަންވެސް ދެޤައުމުގެ ވެރިން ފާހަގަކުރެއްވިއެވެ. އަދި މިމުނާސަބަތުގައި ދިވެހިރާއްޖެއާމެދު ވަރަށް ޚާއްޞަ ނަޒަރަކުން ބައްލަވާ ކަމުގައިވެސް ޗައިނާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެޤައުމުގެ ދެމެދުގައި މިހާރުވެސް ހިނގަމުންދާ ވިޔަފާރިއާއި، އެހީގެ ޕްރޮގްރާމްތަކުގެ މައްޗަށްވެސް ރަސްމީ ވާހަކަފުޅުތަކުގައި ބައްލަވާލެއްވިއެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެއްވުމަށް ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަމާއި، ދަތުރުފަތުރު ތަރައްޤީ ކުރުމާއި، ޢިމާރާތް ކުރުމާއި، މަގުހެދުންފަދަ ދާއިރާތަކުގައިވެސް ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ބޮޑުވަޒީރު ދެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރިޔަމް ޝަކީލާއާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްބެސެޑަރ އެޓް ލާރޖް މުޙަންމަދު ރަޝީދެވެ.