ޗައިނާ-ޔުރޭޝިއާ އެކްސްޕޯ އަދި ޗައިނާ-ޔުރޭޝިއާ އިކޮނޮމީ ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޤްރީރު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މި ފޯރަމްގައި ތަޤްރީރު ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ، ޒިންޖިއާންގެ ރައްޔިތުންނަށާއި ސަރުކާރަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވިއެވެ.

މިވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ދުވަހުގެ ތެރޭގައި، ތަރައްޤީގެ ރޮނގުގައި ޗައިނާ ހޯދާފައިވާ ކުރިއެރުންތަކާއި، އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ބައްލަވާލައްވައި، އެބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ޗައިނާއަކީ ރާއްޖެއާ ވަރަށް ގާތް، ވަރަށް ރަޙްމަތްތެރި ޤައުމެއް ކަމަށް ވިދާޅުވިއެވެ. ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްވިތާ މިއަހަރު 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިޖްތިމާޢީ ގޮތުންނާއި، ޘަޤާފީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ޗައިނާއިން ރާއްޖެއަށް ވެދީފައިވަނީ، އަގުނުކުރެވޭފަދަ ގިނަގުނަ އެހީތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ރޮނގުން ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި މިއަދު މިފެށުނު ފޯރަމްގެ ސަބަބުން މިރޮނގުން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި އިންވެސްޓް ކުރުމުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރާއްޖެ ވަނީ ވިޔަފާރީގެ ދާއިރާއިން ދުނިޔެއަށް ހުޅުވާލެވިފައި ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޗައިނާގެ އެކި ކުންފުނިތައް ރާއްޖޭގައި އިންވެސްޓްކޮށް، ވިޔަފާރިތައް ހިންގަމުން ގެންދާކަން އެއީ ރާއްޖެއަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމުގެ އިތުރު ފުރްޞަތުތައް ހުޅުވާލެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޯވެސް ތަޤްރީރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޒިންޖިއާން ޕްރޮވިންސްގައި ހުރި ޗައިނާގެ ވަރަށް ޒަމާންވީ އެއް ދާރުލްއާޘާރު ބައްލަވާލެއްވުމަށް މިއަދު ހެނދުނު ވަޑައިގެންނެވިއެވެ.