بســم اللّـه الرّحمـن الرّحيــم


ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

السّــلام عليــكم

އާދެ! ޑޮކްޓަރ ވަޙީދު ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަކަށް ވަރަށްމަދު ދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑުމެން ދި ޓީ.ވީ.ގެ ފަރާތުން ބައްދަލުކޮށްލައި، ބައެއް ސުވާލުތައް ދަންނަވާލީމު. އާދެ! އޭރުގެ ޙާލަތު އޮޅުންފިލުވާލުމަށް. އާދެ! އޭގެ ހައެއްކަ މަސްފަހުން އަނެއްކާވެސް ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ އަޅުގަނޑު މި ބައްދަލުކޮށްލަނީ. އާދެ! މިހާރުގެ ޙާލަތު އޮޅުންފިލުވައިލުމަށް. ރައީސް ވަޙީދަށް މަރްޙަބާ އިނގޭތޯ ޕްރޮގްރާމަށް.

އާދެ! ފާއިތުވި ހަމަސް ދުވަހަކީ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް ހަލަބޮލި ދުވަސްތަކެއް ކަމުގައި އަޅުގަނޑަށް ގައިމުވެސް ފާހަގަކުރެވުނީ. ކިހިނެއްތޯ މިދުވަސް މަނިކުފާނު ސިފަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ވަރަށް ޒުވާން ޖަޒްބާތުން ފުރިގެންވާ ވަރަށް ޙަރަކާތްތެރި ދުވަސްކޮޅެއްގެ ގޮތުގައި. ދިވެހިރާއްޖޭގެ ޑިމޮކްރަސީވެސް ވަރަށް ޅަ. ރާއްޖޭގެ އާބާދީވެސް ވަރަށް ޅަ. އެހެންވީމާ، މިހާރު މި އަންނަމުންދާ މި ބަދަލަކީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަމުން މިދަނީ މިހާރު. އަޅުގަނޑުމެން ކުރިން އުޅުނު ގޮތަކަށް ނޫން މިހާރު މިއުޅެނީކީ. އަޅުގަނޑުމެންގެ މުޅި ވެރިކަމުގެ ނިޒާމު މިދަނީ ވަރަށް ބޮޑަށް ބަދަލުވެގެން. ރައްޔިތުންނަށް ބާރު ލިބި، ރައްޔިތުން އެދޭ ގޮތަކަށް ވެރިކަން ކުރުމުގެ އާ ނިޒާމެއް އުފެދިގެން މިދަނީ. އެގޮތުން، އާ ޤާނޫނުއަސާސީއެއްގެ ދަށުން މުޅިން އާ މުއައްސަސާތަކެއް އުފެދި، ވެރިކަން ކުރުމުގެ އުޞޫލުތަކަށްވެސް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އަޅުގަނޑުމެންގެ ތެރެއަށް މިވަނީ ސިޔާސީ ޕާޓީތައް ތަޢާރުފްވެފައި. އަދި ހަމަ މިއާއެކީގައި ޕާޓީތަކުގެ ފިކުރުވެސް ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައި. ތަފާތު ފިކުރުތައް އެކި ޕާޓީތަކުގައި މިހިރީ. އެހެން ނަމަވެސް، މިހާރު ވަރަށް ޅަ ފައްތަރެއްގައި އަޅުގަނޑުމެން މިއުޅެނީ. މިހުރިހާ މުއައްސަސާތައް އަދި ފުރާވަރަށް އަޅައި، ބޮޑުވާން ދުވަސްކޮޅެއް ނަގާނެ. އެހެންވީމާ، އެ ފައްތަރުގެ ތެރޭގައި ދިމާވާނެ ހުންނާނެ، ހެދިބޮޑުވުމުގައި ދިމާވާ ބައެއް ދަތިތައް. ގްރޯއިންގ ޕެއިންސް، މިސާލަކަށް. އެކަމުގެ ތެރޭގައި އަޅުގަނޑުމެން މިއުޅެން ޖެހެނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެހެންވީމާ، މަނިކުފާނު ތިޔަ ސިފަކުރައްވަނީ، މި ފާއިތުވި ހަމަސް ދުވަސްތެރޭ އަޅުގަނޑުމެން ތެރެއިން ބަދަލުވި ކަންތަކަކީ، އަޅުގަނޑުމެން ކަހަލަ ޅަ ޑިމޮކްރަސީއެއްގައި ހަމަ ހިނގާފާނެ ކަންތައްތައް ކަމަށް ޤަބޫލުފުޅު ކުރައްވަމޭ. އެހެންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެހެން. އެއީ ހަމަ ހިނގާފާނެ ކަންތައްތައް. ދެން މިކަން މެނޭޖްކުރާ ގޮތް އެއީ ވަރަށް މުހިންމު ކަމެއް. ބައެއް ޤައުމުތަކުގައި ރަނގަޅަށް މިކަން މެނޭޖް ނުކުރެވިގެން އެބަހުރި ބޮޑެތި ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ގޮއްސަ. އަނެއްކާ މުޅިން ފަހަތަށް ގޮސް، ކުރިން އޮތް ނިޒާމަށްވުރެވެސް ގެއްލުންދެނިވި ގޮތަކަށް ކަންތައްތައް ބަދަލުވެފައި އެބަހުރި. އެހެންވީމާ، އެހެން ނުވާނެ ގޮތަކަށް، އަޅުގަނޑުމެންގެ މިބަދަލުތައް މެނޭޖް ކުރެވިގެން، ކުރިއަށް ދިޔުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެގޮތުން އަޅުގަނޑު މި މަޤާމާ ޙަވާލުވުމާ ގުޅިގެން، ދިމާވި އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެން ފަށާފައިވާ ޑިމޮކްރަސީގެ ދަތުރު، ވީހާވެސް އޮމާންކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތައް ކުރުން. އެގޮތުން، އެންމެބޮޑު ކަމަކީ ރައްޔިތުންގެ މެދުގައި އުފެދޭ ބޮޑެތި ސުވާލުތަކާއި ތަފާތުތައް ޙައްލު ކުރެވޭނެ ގޮތްތަކެއް ހޯދުން. އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރުގައި، މި ޤައުމު މިއޮތީ ވަރަށް ބޮޑަށް ބައިބައިވެފައި. ފިކުރީގޮތުން ވަރަށް ބޮޑަށް ބައިބައިވެފައި. ކޮންމެ ބަޔަކުވެސް މިދެކެނީ، ތިމަންނަމެންނާ އެއްގޮތަށް ނުވިސްނާ މީހުންނަކީ، ތިމަންނަމެންގެ ދުޝްމަނުން ކަމުގައި. މިއީކީ އަދި ޑިމޮކްރަސީއެއްގައި އަދި ކަންކަންވާނެ ގޮތެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ދެންނެވިހެން އެއީ ޅަފަތުގައި ދިމާވެދާނެ ކަންކަން. ދެން އެނގިވަޑައިގަންނަވާނެ ފަދައިން. އަޅުގަނޑުމެންގެ މި ޑިމޮކްރަސީގައި ކުރެވެމުން އައި މަސައްކަތުގައި، ދިމާވި ކަންތައްތަކެއްގެ ސަބަބުން މިއަހަރުގެ ކުރީކޮޅު މިވަނީ ވަރަށް ބޮޑެތި ޙާދިޘާތަކެއް ރާއްޖޭގައި ހިނގާފައި. ދެން މިކަހަލަ ޙާދިޘާތަކަކީ މިއީ ގިނަގިނައިން ހިނގާ ކަންތައްތަކެއް ނޫން. އަދި ހިނގަންވާނެ ކަންތައްތަކެއްވެސް ނޫން. އެހެން ނަމަވެސް، ކަން އެގޮތަށް ދިމާވެފައި އެއޮތީ. ދެން އެކަމުގައި ވަކިފަރާތެއް ބަދުނާމުކޮށް، އެވާހަކަތައް ދެއްކުމަކުންނެއް މާބޮޑު ރަނގަޅުތަކެއްވެސް ނުނިކުންނާނެ. އަޅުގަނޑުމެން ބަލަން މިޖެހެނީ ކުރިއަށް. އަޅުގަނޑުމެން މި ޤައުމާއިގެން އަޅުގަނޑުމެން އެބަ ކުރިއަށްދާންޖެހޭ. އެހެންވީމާ، އެކަމަށްޓަކައި ދެން ކުރަންހުރި ކަންތައްތައް ކުރަން އަޅުގަނޑުމެން އެންމެ ބޭނުންވާނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

މަނިކުފާނުގެ ވާހަކަފުޅުގައި ތިޔަ ވިދާޅުވީ، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރާ ގޮތޭ މީގައި މުހިންމީ. މެނޭޖްކުރާގޮތޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެ މެނޭޖް ކުރުމުގައި އިނގޭތޯ، މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކީ ޕޯސްޓް ކޮންފްލިކްޓް ބައެއް ޤައުމުތަކުގައި އުޅެފައި ހުރި މީހެއް ވަރަށްގިނަ ދުވަސް ވަންދެން އެހެން ނޫންތޯ. އ.ދ.ގެ ވަޒީފާތަކުގައި. އެގޮތުން، އެންމެ ބޮޑަށް މި ސިޔާސީ ހަމަނުޖެހުމާ ކޮންފްލިކްޓް އުފެދިފައިވާ އެއް ޤައުމު، އަފްޣާނިސްތާން. ދެން ހަމައެހެން ޔަމަން. އަޅުގަނޑު ކިޔަވަން އުޅުނުއިރުގައިވެސް، ލުބްނާނުގައި އަޅުގަނޑަށް އުޅެންޖެހުނީ. އެއީވެސް ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑަށް ވަރަށް ބޮޑަށް ހަމަ އަމިއްލައަށް އިޙްސާސް ކުރެވިފައި، ތަޖްރިބާ ކުރެވިފައި މިހިރީ، ދާޚިލީ ހަނގުރާމަތަކާއި ސިޔާސީ ބޮޑެތި ކޮންފްލިކްޓްތައް. އެހެންވީމާ، އެކަންކަމުގެ ތެރޭގައި ލިބިފައި ހުރި ތަޖްރިބާއާއި އިޙްސާސްތަކާ، މީގެ މައްޗަށް ބިނާކޮށްގެން މިދުވަސްކޮޅު އަޅުގަނޑު ކަންތައްތައް މެނޭޖް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެގޮތުން، އަޅުގަނޑަށް ވިސްނުނީ ހަމަ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި މި އުފެދިފައި ހުރި ބޮޑު ތަފާތުތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެން ޙަޤީޤަތް މިބެލޭ ގޮތް ވީހާވެސް އެއްގޮތް ކުރެވޭތޯ ބެލުން. އެހެންވީމާ، އެކަމަށްޓަކައި ޖެހޭނީ، އެންމެބޮޑު އެއްކަމަކީ ކޮމިއުނިކޭޝަން. އެހެން ނަމަވެސް، އެކްސްޕޯޓް އެޑްވައިސްއާއި، ކަމުގެ ތަޖްރިބާއާ، މީހުން އެކަން ދެކޭގޮތް އެއީ އެންމެންނަށްވެސް އެނގުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ތަފާތު ޚިޔާލުގެ މީހުންގެ މެދުގައި ވާހަކަ ދެކެވޭނެ ގޮތްތަކެއް އުފެދިފައި އޮތުމަކީވެސް އެއީ މުހިންމު ކަމެއް. އެހެންވީމާ، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މަޤާމާ ހަމަ ޙަވާލުވުމާ އެކީގައި ހަމަ އެންމެ ފުރަތަމަ ހަމަ ދެތިން ހަފްތާގެ ތެރޭގައި، އަޅުގަނޑު ދެކަމެއް ކުރިން. އެއްކަމަކީ، މިހިނގާދިޔަ ޙާދިޘާގެ ޙަޤީޤަތް ހޯދުމަށްޓަކައި ރިޔާސީ ކޮމިޝަނެއް، ޕްރެޒިޑެންޝަލް ކޮމިޝަން އޮފް އިންކުއަރީއެއް އަޅުގަނޑު އުފެއްދިން. އޭގެ މަޤްޞަދަކީ، މި ޙަޤީޤަތް ރަސްމީގޮތުން އޮޅުންފިލުވުން.

ޕްރެޒެންޓަރ މަސްޢޫލު ޢަލީ:

މި ކޮމިޝަން އުފައްދަވާފައި، ފަހުން ވަކިހިސާބަކުން ބޭރުގެ ޕްރެޝަރވެސް އޮތް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިޔަ ސުވާލަށް ދިޔުމުގެ ކުރީގައި އިނގޭތޯ. ދެން ދެވަނަ ކަމަކަށް އަޅުގަނޑު ކުރި ކަމަކީ، ވާހަކަ ދެކެވޭނެ ފޯރަމެއް އުފެއްދުން އިނގޭތޯ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އުފެއްދީ، ޕާޓީ ޕޮލިޓިކަލް ޕާޓީޒް ޓޯކްސް އެހެން ނޫންތޯ. ދެން މިއިން ކޮންމެ ކަމަކަށްވެސް އޭރު އަޅުގަނޑު ޚިޔާރުކުރީ ރާއްޖޭގައި ތިއްބެވި ތަޖްރިބާކާރު، ތަޢުލީމީ، މީހުން އިޙްތިރާމްކުރާ ދެބޭފުޅުންގެ ތެރެއިން ދެބޭފުޅަކު. އެއްކަމަކަށް އޯކިޑްމާގޭ އިސްމާޢީލް ޝަފީޢު. އާދެ އަނެއް ކަމަކަށް ބޮޑުފެންވަޅުގޭ އަޙްމަދު މުޖްތަބާ. މިދެބޭފުޅުންނަކީވެސް މިއީ ވަރަށް ތަޖްރިބާކާރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި މިހާރު ތިއްބެވި ދުވަސްވީ ތަޖްރިބާކާރު ބޭފުޅުންގެ ތެރެއިން ހަމަ ހޮވާލައިގެން ނެގޭނެ ދެބޭފުޅުން. ވަރަށްގިނަ ބައެއްގެ އިޙްތިރާމް ލިބޭ ދެބޭފުޅުން މިއީ. އަނެއްކާ ސިޔާސީ ކަންކަމުގައި، ސިޔާސީ ކަންކަމުގައި ދުރުގައި އުޅުއްވާ ދެބޭފުޅުން. އެހެންވީމާ، އަޅުގަނޑު އެދެބޭފުޅުން ޚިޔާރުކުރީ. ދެން ކަންދިމާވި ގޮތުން، އެ ހަމަ މިހާރު އަޅުގަނޑަށް ޔަޤީން، އެއީ ހަމަ ރަނގަޅު ޑިޒިޝަނެއްކަން އޭރު އެނެގުނީ. ދެން ވިދާޅުވިހެން ފުރަތަމަ އިންކުއަރީ ކޮމިޝަނެއް އުފައްދަންވެގެން، މީހުން ހޯދަން ބެލިއިރުގައި، އެހާ ފަސޭހައެއް ނޫން، އެވަގުތު ރާއްޖޭގެ މާޙައުލު އޮތްގޮތުން، އެފަދަ ކަމެއް ކޮށްދޭނެ ބަޔަކުވެސް ވަރަށްމަދު. އަނެއްކާ ގިނަ ބޭފުޅުންނަކީ މިއީ ހަމަ ތަޢުލީމީ ތަޖްރިބާކާރު ގިނަ ބޭފުޅުންނަކީ، ސިޔާސީ ކޮންމެވެސް މަޤާމެއްގައި ނޫނީ ސިޔާސީ ކޮންމެވެސް ޕާޓީއެއްގައި އުޅުއްވަމުން ގެންދަވާ ބޭފުޅުން. އެހެންވީމާވެސް އެ ހޮވާލެވެން ތިބި ބޭފުޅުންގެ ޢަދަދު ވަރަށްމަދު. ބައެއް ބޭފުޅުންނަށް ދެންނެވީމާ ވިދާޅުވީ، ކެރިވަޑައިނުގަންނަވާނެ ކަމަށް. ނޫނީ އެބޭފުޅުންނަށް މިވަގުތު ތައްޔާރުވެވަޑައިގެން ނެތީކަމަށް އެކަމަށް. މިހެން ވެގެންގޮސް އެންމެފަހުން އަޅުގަނޑުމެންނަށް މިދެބޭފުޅުން ނެންގެވުނީ. އޭގެތެރޭގައި، އިސްމާޢީލް ޝަފީޢު ދެން ޤަބޫލު ކުރެއްވިކަން އެއީ ވަރަށްބޮޑު ނަޞީބެއް. އެބޭފުޅާވެސް ހުންނެވީކީ ކޮންމެހެން މިކަމުގެ ތެރެއަށް ވެދެވަޑައިގަންނަވާކަށް ނޫން. އެހެން ނަމަވެސް، މިވަގުތު ޤައުމަށް ދިމާވެފައި އޮތް އުނދަގޫ މަރްޙަލާގައި، އެފަދަ ބޭފުޅެއްގެ އެހީތެރިކަން ނުލިބިއްޖިއްޔާ، ޤައުމަށް އޭގެ ގެއްލުން ދައްކާނެކަން އެބޭފުޅާއަށް ވިސްނިވަޑައިގަންނަވާ. އެގޮތުން އެބޭފުޅާ އެކަން ޤަބޫލު ކުރެއްވީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްވެގެންތޯ މި އެންމެބޮޑު ސުވާލު އުފެދޭ އެއްކަމަކީ، ކޮމިޝަންގައި ކުރީގެ ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ފަހުން ހިމަނުއްވާފައިވަނީ، ސަޢީދު. ދެން އަޅުގަނޑުމެންނަށް އިނގޭތޯ، މަޢުލޫމާތު ލިބޭގޮތުން ވެއްޖިއްޔާ، ސަޢީދު ހިމެނުއްވުމާ ބެހޭގޮތުން މަނިކުފާނު އެކުގައި މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ވެރިންވެސް މާ ތާއީދު ކުރައްވާ ކަމެއް ނޫން. ކުރީގެ ރައީސް މައުމޫންވެސް އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ދަންނަވަންތޯ. މިހާރު ވާނެގޮތަކީ ދޮއެއްތޯ. ރައީސުލްޖުމްހޫރިއްޔާގެ ކޮމިޝަނެއް މިއީ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަން ކަނޑައަޅަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގައި ފެންނަ އެންމެ ރަނގަޅު މީހުން ނަގައިގެން. ދެން އެހެން ނަމަވެސް، މިކަމަކީ މިއީ ވަރަށްބޮޑު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައި އުފެދޭ ކަމަކަށްވާތީއާ އެކީގައި، އޭގައި އެ ތަފާތު ޚިޔާލު ގެންގުޅުއްވާ ފަރާތުގެވެސް ކޮންމެވެސްކަހަލަ އެއްބާރުލުމެއްވެސް ހޯދަން އެބަޖެހޭ. ޙަޤީޤީ އިންކުއަރީއެއް ނުހިންގޭނެ، އެފަރާތުގެ ބޭފުޅުންގެ ބަޔާންތައްވެސް ނުލިބިއެއް. އެހެންވީމާ، އެބޭފުޅުންގެ ކޯޕަރޭޝަން އިނގޭތޯ، އެހީތެރިކަން ނުލިބިއެއް ކޮމިޝަން މަސައްކަތެއް ނުކުރާނެ. އެއްފަރާތެއްގެ އަޑު އިވޭނީ. ދެފަރާތެއްގެ އަޑެއް ނީވޭނެ. އެހެންވީމާ، އެ ދެފަރާތުގެ އަޑު އެހުމަށްޓަކައި، ދެފަރާތުގެ އެހީތެރިކަން ހޯދުމަށްޓަކައި އެބަޖެހޭ، އަޅުގަނޑުމެން އަތްދިއްކުރަން އިނގޭތޯ. އެއީ ކުރަންޖެހޭ ކަމެއް. ދެން އަނެއްކާ ހަމަ އެދަނޑިވަޅުގައި، އަޅުގަނޑު ކޮމިޝަނަށް ކަނޑައެޅި ތިން ބޭފުޅުންނާ ބެހޭގޮތުން އަދި ޚާއްޞަކޮށް، އިސްމާޢީލް ޝަފީޢާ ބެހޭގޮތުން އެކިއެކި ސުވާލުތައް އުފެއްދެވި. އުފެއްދެވީ ކުރީގެ ރައީސް ނަޝީދު. އިސްމާޢީލް ޝަފީޢަކީ ކުރީގެ ސަރުކާރެއްގައި އެކިއެކި މަގާމުތައް އަދާކުރައްވާފައި، ޚާއްޞަކޮށް، ލޯ އެންފޯސްމަންޓާ ބެހޭ ދާއިރާގައި މަސައްކަތް ކުރައްވާފައި ހުރި ބޭފުޅަކަށްވާތީ، ތިމަންނަމެން އެބޭފުޅާއަށް އިތުބާރެއް ނުކުރަމޭ ވިދާޅުވެ، އެ ސުވާލު ކުރެއްވި. އެހެން ނަމަވެސް، އެ ސުވާލު ކުރެއްވިއިރުގައި، އެއްގޮތަކަށްވެސް އެ ކޮމިޝަނުން ކުރައްވަން ފަށްޓަވާފައި އޮތް މަސައްކަތް ދާނުދާގޮތެއް ނުބައްލަވާ. އޮބްޒަރވެއް ނުކުރައްވާ. އެބޭފުޅުންގެ މަސައްކަތް ހުރީ ކިހާ ހަރުދަނާކޮށް ކަމެއް ނުބައްލަވާ. ނުބައްލަވައި ހަމައެކަނި އެމޯޝަނަލް، ޕޮލިޓިކަލް ނަޒަރަކުން ބައްލަވާފައި، އެގޮތަށް ވާހަކަފުޅު ދައްކަވަން ފެށްޓެވީ. ދެން އެހެންވީމާ، އަޅުގަނޑުމެންނަށް މަޖުބޫރުވީ، އެކަން ރަނގަޅުކުރަން. އެކަން ރަނގަޅު ކުރުމަށްޓަކައި، އެއީ އަޅުގަނޑުމެންވެސް ހަމަ ގަދަހަދާފައި ބުނެވިދާނެ، މި އޮންނަންވީ އެންމެ ރަނގަޅަށޭ މިއޮތީ. އެހެންވީމާ، މިކަމުގައި އެހީތެރިވަންޏާ، ބަޔާންދެންޏާ ދޭށޭ، ނޫނީ ނުދޭށޭ، އެހެން ބުނެވިދާނެ. އެހެން ނަމަވެސް، އެއީކީ އަދި އެންމެ މަޞްލަޙަތަށް ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ޙާޞިލް ކުރަން މިއުޅޭ މަޤްޞަދަކީ، އެންމެންގެ އެއްބާރުލުން ލިބިގެން، ހުރިހާ އެންމެންގެ ބަޔާންތައް ނެގިގެން ޙަޤީޤަތް ސާފުކުރުން އެހެން ނޫންތޯ. ވަކި މީހަކު އެތާ ބެހެއްޓުމަށް، ނުބެހެއްޓުމަށް އެހެނެއް ނޫން. އެއީއެއް ނޫން ޙަޤީޤީ މަޤްޞަދަކީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެ ބަޔާންތައް ނަގަމުން، އެ ޙަޤީޤަތް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ދެން މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ، މަނިކުފާނަށް ކުރެވޭ ތުހުމަތެއް، ބަޣާވާތެއް ކުރެއްވިކަމާއި، އެކަމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް. އެ ތުހުމަތުތައް ކުރެވުން. އެއްވެސްއިރެއް ދިޔަތޯ ކަންބޮޑުވެވަޑައިގެންނެވި ވަގުތުކޮޅެއް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑެއްނުވޭ. އެއީ ސަބަބަކީ އަޅުގަނޑަށް އެނގޭ، އަޅުގަނޑު އެހެން ނޫންތޯ. ކުރި ކަންތަކާއި ނުކުރާ ކަންތަކާ. އެހެންވީމާ، އަޅުގަނޑަށްވުރެ ބޮޑަށް އެހެން ނޫންތޯ، އަޅުގަނޑުގެ ޢަމަލުތައް ހުރިގޮތް އެނގޭނެ އެހެން މީހަކު ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް އިނގޭތޯ، އަޅުގަނޑާ ދޭތެރޭގައި އެ ދެއްކެވި ވާހަކަތަކަކީ އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން. އެހެންވީމާ، އެކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމަ، އަޅުގަނޑަށް ހަމަ ވަރަށް ކެތްތެރިކަމާ އެކީގައި، ވަރަށް މަޑުމައިތިރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދެވުނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ މި ޔަޤީންކަން ލިބިވަޑައިގެންނެވި ނަމަވެސް، ކޮމިޝަންގެ ރިޕޯޓް ލިބިވަޑައިގަތުމުން، އޭގައި ކަޅާއި ހުދުން ލިޔެވިފައި އޮތުމުން ކުރެވުނީ ކޮންކަހަލަ އިޙްސާސެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އޭގެ ސަބަބުން ހަމަ އުފާ އަޅުގަނޑަށްވެސް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ. އެންމެބޮޑު އުފަލަކީ އެއީ، އެންމެބޮޑު އުފަލަކީ އިނގޭތޯ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގައި އަދި މިހާތަނަށް ނުހިނގާވަރުގެ އިންކުއަރީއެއް މި ހިންގުނީ. އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް ނުކުރެވޭވަރުގެ ކަމެއް މިކުރީ. ރިޕޯޓް އަޅުގަނޑަށް ހުށަހެޅުމުގެ ކުރީ ދުވަހު ފުރާވަޑައިގެންނެވުމުގެ ކުރިން، އ.ދ. އިން ވަޑައިގެން ހުންނެވި އެޑްވައިޒަރާއި، ކޮމަންވެލްތުން ވަޑައިގެން ހުންނެވި އެޑްވައިޒަރ އަޅުގަނޑާ ބައްދަލުކުރެއްވި. ބައްދަލުކުރައްވާފައި އެދެބޭފުޅުންވެސް ވިދާޅުވި، މިއީ އެއްވެސް ޤައުމެއްގައި ނުކުރާވަރުގެ ކަމެކޭ ތިކުރީ. އެއީ މަޤާމުގައި ހުރި ރައީސަކު، އޮތް ވެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭކަހަލަ ކަމެއްގައި ތަޙުޤީޤެއް ހިންގުން. އަދި ހަމައެހެން، ކޮމިޝަނަށް ގޮސް، އެތަނަށް ބަޔާންދީ، އަދި އޭގެއިތުރުން، ޤައުމެއްގެ ރައީސްކަން ކޮށްފައި ތިބި ހުރިހާ އެންމެންވެސް އެތަނަށް ގޮސް ބަޔާންދީ، ތިންސަތޭކަ އަށް ބޭފުޅުންގެ ބަޔާން ނަގައިފި. އެއީ ކޮންމެ އެއްހާސް މީހަކުން މީހަކު، ގާތްގަނޑަކަށް ދިވެހިރާއްޖޭގައި ދިރިއުޅޭ. އެވަރުގެ ބޮޑު ޢަދަދެއްގެ މީހުން ބަޔާންދީގެން، އެކަން ހަމަ ރީތިކޮށްގޮސް ނިމުމުން އެއީ އޭގެ އުފާ އެންމެ ބޮޑަށް އަޅުގަނޑަށް ލިބުނީ. ދެން އެހެން ނަމަވެސް، އަޅުގަނޑާ ދޭތެރޭގައި ފަރާތް ފަރާތުން ކުރައްވަމުން ގެންދެވި ތުހުމަތުތަކާއި، ދައްކަވަމުން ގެންދެވި ވާހަކަތައް ވަރަށް ސާފުކޮށް މިހާރު އެއޮތީ އެނގެން. އެހެންވީމާ، އޭގެންވެސް އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް، އުފަލެއް ލިބުނު.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކީއްވެތޯ! ދެން ރިޕޯޓްގައި އެ އޮތީ ވެރިކަން ފުރޮޅިގެން ދިޔައީ ޤާނޫނީ ހަމަތަކުގެ މަތިންކަން. ނަމަވެސް، ކިހިނެއްތޯ ރާއްޖޭގެ މިހާރު އަޅުގަނޑުމެންގެ ތެރޭގައި މި އުފެދިފައިވާ މައްސަލަތައް، މި މައްސަލަތައް އެކުވެރިކަމާއި އެއްބައިވަންތަކަން، ދެމެހެއްޓުމަށްޓަކައި ނުވަތަ އިތުރަށް އަށަގެންނެވުމަށްޓަކައި، ކިހިނެއްތޯ ވިސްނުންފުޅު ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ. ޙަޤީޤަތަކީ އެކިމީހުން އެކިގޮތަށް ދެކޭ އެއްޗެއް. ބައެއްފަހަރު ހަމަ ކަނޑައެޅިގެން ދިމާލަށް ފެންނަން ހުންނަ ޙަޤީޤަތްވެސް ޤަބޫލު ނުކުރެވޭފަހަރުވެސް އާދޭ. އަނެއްކާ ޙަޤީޤަތަކީ އެއީ ގިނަ ދުވަސްތަކެއްގެ މަތިން ވަކިގޮތަކަށް ވިސްނީމަ ހަރުލާވެސް އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާފާނެ ބަޔަކު، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ކަންތައްވެސް އެއީ، ހަމަ ހިތުގެ އަޑިން ޙަޤީޤަތް ކަމަށް ޤަބޫލު ކުރައްވައިގެން ތިއްބެވި ބޭފުޅުން. އެއީ، ވަރަށް އުނދަގޫ މައްސަލައަކަށްވާނެ އިނގޭތޯ. މިހާރު އަޅުގަނޑުމެން ކަންކަން ދެކޭގޮތް، މި ބައްޓަންވެގެންދަނީ އައިސް، އެކަން ސިފަވެގެން މިދަނީ، އަޅުގަނޑުމެންނަށް އެކަން ފެންނަ ގޮތަކުން. ނޫނީވިއްޔާ، ކިތަންމެ ނަޒަރަކުން، ހުންނަ ތަނަކުން، އިންނަ ތަނަކުން. އެކަމަކު އެހެން ނަޒަރަކުން ބަލާ މީހާއަށް، ހަމަ އެ ޙަޤީޤަތް އެހެން ގޮތަކަށް ފެނިދާނެ. އެއިން އެއްވެސް ޙަޤީޤަތަކީ އެއީ ތެދު ޙަޤީޤަތް ކަމުގައި ނުވެވެސް ހިނގައިދާނެ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އާދެ! ޕަރސެކްޝަނޭ އަޅުގަނޑުމެން މިކިޔާ އެއްޗެއް ދޮއެއްތޯ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެހެން ނޫންތޯ. އެހެންވީމާ، ޙަޤީޤަތް ސާބިތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް މިހުންނަނީ. އަޅުގަނޑުމެން ޔުނިވަރސިޓީ ތަންތާނގައި އުޅުނުއިރުގައި، ޙަޤީޤަތް ހޯދުމަށްޓަކައި ރިސާރޗް ކުރަނީ، އެހެން ނޫންތޯ. އެއް ކަމެއްގެ ކަމެއް ހޯދުމަށްޓަކައި، ދިރާސާކޮށް، އެ ބަލަންޖެހޭ އެކިގޮތްގޮތަށް ބަލައި، އެ ކުރާނެ ގޮތްތައް ކަނޑައެޅިފައި މުޅިން ނެތަސް، މެތޮޑޯލޮޖީތަކެއް ކަނޑައެޅިފައި މިހުންނަނީ. ދެން މިމައްސަލަ މިގޮތަށް ދިމާވުމުންވެސް، މިކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި ޖެހޭނެ ކޮންމެވެސް މެތޮޑޯލޮޖީއެއް ބޭނުންކުރަން. އެހެންވީމާ، އެގޮތުން އިންކްއަރީ ކޮމިޝަން އުފެއްދީ. އިންކްއަރީ ކޮމިޝަނަށް، އަޅުގަނޑުމެންގެ ނަޞީބު އިނގޭތޯ، ހަމަ އެކިގޮތްގޮތުން މި އިންކްއަރީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީ، ވަރަށް ޤާބިލް ބޭފުޅުން. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ހަތަރު ބޭފުޅުންނަކީވެސް. އަދި ހަމައެހެން، ބޭރުގެ ޤައުމުތަކުން ވަޑައިގެން ތިއްބެވި ތިން ބޭފުޅުން ތިއްބެވި. މި ހަތް ބޭފުޅުން މަސައްކަތް ކުރެއްވީ އިނގޭތޯ. އަޅުގަނޑު ފަސް މީހުންގެ ކޮމިޝަނެއް އުފެއްދީ. އެހެން ނަމަވެސް، ކަންދިމާވި ގޮތުން، ހަތް ބޭފުޅުން އެ ކޮމިޝަންގައި މަސައްކަތް ކުރައްވައިފި އިނގޭތޯ. ދެން އަނެއްކާ ރިޕޯޓްގައިވެސް މިހުރިހާ ބޭފުޅުން ސޮއިކުރައްވާފައި ހުރީ އެއްބޭފުޅަކު ފިޔަވައި. އެހެންވީމާ، މިބޭފުޅުންގެ ބެކް ގްރައުންޑަށް ބަލައިލާއިރުގައި، އަޅުގަނޑަށްވެސް ރަނގަޅަށް ކުރިން އެނގިފައި އޮތް ވަރަށްވުރެވެސް މާރަނގަޅު ބޭފުޅުންކޮޅެއް ތިއްބެވީ. މި ވަޑައިގެންނެވި އެޑްވައިޒަރުންނަކާވެސް އަޅުގަނޑަކާ ބައްދަލެއްނުވޭ، ފުރާވަޑައިގަންނަވަންވެގެން ވަޑައިގަތީމާ ނޫނިއްޔަކާ. އެއީ މަސައްކަތް ނިމިފައި އޮތީ. ޖަޖް ސެލްވަންއަކީ އާދަޔާ ޚިލާފު ބޭފުޅެއް. އެބޭފުޅާއާ އަޅުގަނޑު ބައްދަލުވީ ފުރަތަމަ މާލެ ވަޑައިގަތީމާ. ދެން ރިޕޯޓް އަޅުގަނޑުގެ އަތަށް ދެއްވަންވެގެން މިފަހަރު. އެބޭފުޅާ ކަނޑައެޅިގެން ވިދާޅުވި، ތިމަންނަ އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނޫނޭ، ސަރުކާރަކުންނެއް. ތިމަންނަ އަމިއްލަ ސެކްރެޓަރީ ގޮވައިގެން އައިސް، ތިމަންނަ އަމިއްލަ ޚަރަދުގައޭ ތިމަންނަ މިހުންނަނީ. އެއްވެސް ސުވާލެއް، އެއްވެސް ކަމެއް. ދެން އެބޭފުޅާއާ އަޅުގަނޑާ ބައްދަލުވީ، ކޮމިޝަނަށް ސުވާލު ކުރައްވަން ގެންދިޔައީމަ. އެހެންވީމާ، ދެން ހަމަ އެހެން، އ.ދ. އިން ވަޑައިގެން ހުންނެވި ދުސްތޫރީ ޤާނޫނުތަކާބެހޭ ޕްރޮފެސަރެއް. ކޮމަންވެލްތުން ވަޑައިގެން ހުންނެވީ ނިއުޒީލަންޑްގައި 25 އަހަރު ވަންދެން ފަނޑިޔާރުކަން ކުރައްވާފައި ހުންނެވި އިނގިރޭސި ރާނީ ނައިޓްހުޑް ދެއްވާފައި ހުރި ސަރ ރޮބަރޓް ކިޔާ ބޭފުޅެއް އިނގޭތޯ. އެހެންވީމާ، މިއަކަށްވުރެ ވަކި ފުންނާބު އުސް، ޤާބިލް ބައެއް މިފަދަ ކޮމިޝަނެއްގައި، ބޭރު ތަނެއްގައި، ބޭރު އެހެން ޤައުމެއްގައި އުފެއްދި ކަމުގައިވީ ނަމަވެސް ނުތިބޭނެ. އެހެންވީމާ، މިހާރު މިއޮތީ އެ ޕްރޮސެސް ބޭނުންކޮށްގެން ގޮސް އަޅުގަނޑުމެންނަށް މިކަން ސާބިތު ކުރެވިފައި.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ ދެން، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކިހިނެއްތޯ މަސައްކަތް ކުރައްވާނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެކަން ޤާއިމް ކުރުމަށްޓަކައި އަޅުގަނޑަށް ހީވަނީ ކޮންމެ ކަމަކަށްވެސް ވަގުތު ނަގާނެ އިނގޭތޯ. ދެން މިހާރު މި ރިޕޯޓް ނުކުތުމަށްފަހުގައި، މި ރިޕޯޓް ވިދާޅުވާނެ ވަރަށްގިނަ ބޭފުޅުން. ވިދާޅުވުމަށްފަހުގައި، އެބޭފުޅުން އަމިއްލަފުޅަށް ދެން އެކަމުގައި ގޮތްތަކެއް ނިންމަވާނެ. އެކަމަށް ނަގާނެ ކުޑަ ވަގުތުކޮޅެއް. މިހާރުވެސް ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެންފައި ތިއްބެވި ބޭފުޅުން، އެއްގޮތަކަށްވެސް އަޅުގަނޑާ ވަރަށް ގާތްކޮށް ކުރިން އުޅުއްވި، އެހެން ނަމަވެސް ވާހަކަފުޅު ނުދައްކަވައި ހައެއްކަ މަސް ދުވަސްވީ ކިތަންމެ ބޭފުޅުންނެއް މިހާރު އަޅުގަނޑާ ވާހަކަފުޅު ދައްކަވައި މެސެޖް ފޮނުއްވައި ހައްދަވަމުން އެބަ ގެންދަވާ. އާދެ! އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ތިއަށް ކުޑަވަގުތުކޮޅެއް ނަގާނެ. ދެން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިދަނޑިވަޅުގައި މީޑިއާއިން އެބަޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކުރައްވަން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޮބައިތޯ އެމަސައްކަތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެމަސައްކަތަކީ އެއީ މިހާރު މިހުރި ތަފާތުތައް، އެމްޕްލިފައި ކުރުމުގެ ފުރްޞަތު ދެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެދޭކަހަލަ ކަންކަމަށް ސަމާލުކަން ދެއްވައިގެން. އަދި ޚާއްޞަކޮށް، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށާއި، މަޝްރޫޢުތައްފަދަ ކަންކަމަށް ސަމާލުކަން ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހާވަރެއްގެ ޔަޤީންކަމެއް މަނިކުފާނަށް އެބައޮތްތޯ، ކުރިމަގުގައި އަމާން އޮމާން ތަނަކަށް އަޅުގަނޑުމެންގެ ޤައުމު ހެއްދެވިދާނެ ކަމުގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. اللّـه سبحـانـه وتعـالى އެގޮތަށް ދިވެހިރާއްޖެއަކީ އަމާން އޮމާން ތަނެއްގެ ގޮތުގައި މިންވަރު ކުރައްވައި، ދިވެހި ޤައުމަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. މިހާތަނަށްވެސް ދިވެހިރާއްޖެ ރައްކާތެރި ކުރައްވައި، ރާއްޖޭގެ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން މިއޮތީކީ ސަބަބެއް ނެތިއެއް ނޫން. ދިވެހިރާއްޖެއަކީ ޤުދްރަތީގޮތުން ވަރަށް ނާޒުކު ތަނެއް. ވަރަށް ބިންގަނޑު ތިރި، މާ ސިންގާ ކަނޑެއްގެ ތެރޭގައި އޮތް ޤައުމެއް. އެހެން ނަމަވެސް، ﷲ އިރާދަކުރެއްވީތީ، ދިވެހިރާއްޖެއަށް އެހެނިހެން ކުދި ޖަޒީރާތަކަށް ދިމާވާކަހަލަ ބޮޑެތި ޠޫފާންތަކާއި ކާރިޘާތަކެއް ކުރިމައްޗެއްނުވޭ. ވަރަށްމަދު ފަހަރެއްގައި ދެން އެހެން ތަނެއްގައި ހިނގާ ކަމެއްގެ ސަބަބެއް އަސަރެއް ކޮށްފާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ވަރަށް ނަޞީބުގަދަ ބައެއް އަޅުގަނޑުމެންނަކީ އިނގޭތޯ. ދެން އަނެއްކާ ދިވެހި ރައްޔިތުންނަކީވެސް މިއީ ވަރަށް އުފެއްދުންތެރި، ވިސްނުންތޫނު، ކަންކަމުގެ އާ ގޮތްގޮތް ހޯދާ ބައެއް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް އުންމީދީ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ، ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަކީވެސް ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން. އެހެންވީމާ، ވަރަށް ބޮޑެތި ކޮމްޕްރޮމައިޒަސް ކުރައްވަން ތައްޔާރަށް ތިއްބެވީ. މިހާރު އަޅުގަނޑަށް މިވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ކުރަން ޖެހުނީ، ސިޔާސީގޮތުން ވަރަށް ޚިޔާލު ތަފާތު ބޭފުޅުންނާ އެކީގައި. ވަރަށް ވާދަވެރި ބޭފުޅުންނާ އެކީގައި. އެހެން ނަމަވެސް، ޤައުމުގެ މަޞްލަހަޠަށްޓަކައި، ޤައުމަށް ޞުލްޙައާއި އަމާންކަން ގެނައުމަށްޓަކައި އެހުރިހާ ބޭފުޅުންގެ އަމިއްލަ ގޮތުންހުރި ސިޔާސީ ތަފާތުތައް އެއްކިބާ ކުރެއްވުމަށްފަހުގައި، އެކީގައި މަސައްކަތް ކުރައްވަމުން އެގެންދަވަނީ. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް އިނގޭތޯ. މިޤައުމުގައި ތިއްބެވި ޒުވާން ލީޑަރުންނަކީ، ޤައުމަށް ހެޔޮދިވަޑައިގަންނަވާ ބޭފުޅުންނޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހަމަ ރަނގަޅަށޭ ދާނީ ކުރިއަށް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޯނީގެ ރިޕޯޓަށްފަހު މަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވި، ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި، ޢާއިލީ ބޭފުޅުންނާއި، ގާތް ބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށް. ކޮބައިތޯ އެބޭބޭފުޅުންނަކީ. ވިދާޅުވެދެއްވިދާނެތޯ، އެވަރުގެ މަދަދުތަކެއް ކަމަށް ފާހަގަކުރައްވާ އެންމެ ގާތް ބޭފުޅުންނަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ. އެއްވެސް އޯގަނައިޒޭޝަނެއްގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރުމަކީ އެއީ ވަރަށް އެކަނިވެރިކަމެއް. ޚާއްޞަކޮށް، ޤައުމެއްގެ އެންމެ އިސް މަޤާމުގައި ހުރުމަކީ ވަރަށް އެކަނިވެރިކަމެއް. އެހެންވީމާ، އަދި އަމުދުން މިކަހަލަ އުނދަގޫ ދަތި ދުވަސްވަރެއްގައި. އަޅުގަނޑު އެންމެ ފުރަތަމަވެސް އިނގޭތޯ، އަޅުގަނޑުގެ ޢާއިލާގެ ތެރެއިން އަޅުގަނޑުގެ އަންހެނުން އިލްހާމް އަޅުގަނޑަށް ދިން ހިތްވަރާ، އެހެން ނޫންތޯ، އަޅުގަނޑުގެ ކައިރީގައި އަބަދުވެސް އަޅުގަނޑަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، އެހީތެރިވެދިނުމުގެ ގޮތުން އެހުންނަ ހުރުން އެއީ ވަރަށްބޮޑު ބާރެއް އަޅުގަނޑަށް ލިބިފައިވާ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އަޅުގަނޑު ހަމަ ހީކުރި ނަމޭ އިނގޭތޯ ތިޔަ ވިދާޅުވީ ފުރަތަމަވެސް ހަމަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން ދެމީހުންނަކީ މިއީ ވަރަށް ކުޑައިރުއްސުރެ އެކީގައި އުޅޭ ދެމީހުން. އަނެއްކާ ކަން ދިމާވިގޮތުން، ރާއްޖެއިން ބޭރުގައި ވަރަށްގިނަ ދުވަހު އުޅުމުގެ ސަބަބުން ވަރަށް އެހެން ކަހަލަ ގޮތަކަށް ވަރަށް ގާތްކޮށް އުޅޭ ދެމީހުން އަޅުގަނޑުމެން ދެމީހުންނަކީ. އެހެންވީމާ، އެގޮތުން އެއީ ހަމަ ވަރަށްބޮޑު ބާރެއް އަޅުގަނޑަށް ލިބޭ. ދެން ހަމަ އެހެން، އަޅުގަނޑުގެ ދަރިން. އާދަޔާ ޚިލާފަށް ސިޔާސީ ކަންކަމުގައިވެސް ލޯ ހުޅުވި، އެކަންކަމުގައި އަޅުގަނޑަށް ހަމަ ހިތްވަރުދީ، އަބަދުވެސް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި މަސައްކަތް ކުރުމަށް އަޅުގަނޑުގެ ކުދިން އަޅުގަނޑަށް ބާރުއަޅަމުން ގެންދޭ. އަޅުގަނޑުގެ ތިން ބެއިން މިތިބެނީ. އޭގެތެރެއިން ޚާއްޞަކޮށް، އެންމެދޮށީ ދަރިފުޅާއި، އެންމެ ހަގު ދަރިފުޅު، ދެން މިކަމުގައި އަޅުގަނޑަށް ވަރަށް އެހީތެރިވެދޭ. ދެން އަނެއް ދަރިފުޅު ކިޔެވުމުގައި އުޅުމާ އެކީގައި ތަންކޮޅެއް ދުރުގައި މިހުންނަނީ. އެހެންވީމާ، އެކުދިންގެ އެހީ ވަރަށްބޮޑު އަޅުގަނޑަށް. އެހެންވީމާ، ޢާއިލާއާއެކީ ލިބެންޖެހޭ އެ ސަޕޯޓް ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށްޓަކައި އަޅުގަނޑު އުފާކޮށް ޙަމްދުކުރަން. ދެން ހަމަ އެއާއެކީގައި، ކަންދިމާވި ގޮތުން، އަޅުގަނޑަކީ އެހާ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅެންޖެހުނު މީހަކަށްވުމާ އެކީގައި، އަޅުގަނޑުގެ މާގިނަ ގާތް ރަޙްމަތްތެރިންތަކެއް ނުތިބޭ. އަޅުގަނޑު ސްކޫލް ދައުރުގައި، ދެން ގިނަ މީހުންގެ ދެން ރަޙްމަތްތެރިންގެ ގޮތުގައި މިތިބެނީ ސްކޫލް ދައުރުގައި އެހެން ނޫންތޯ. އެހެން ނަމަވެސް، އަޅުގަނޑު ސްކޫލް ނިންމިއިރުގައިވެސް، އަޅުގަނޑުގެ ކްލާހުގައި ތިބީ ފަސްކުދިން އިނގޭތޯ. އޭރުގައި ޖީ.ސީ.އީ ނަގަނީ ވަރަށްމަދު ކުއްޖަކު. އޭރުގައި އޯ ލެވެލް، އޭ ލެވެލްއެއް ނުވެސް އޮވޭ. އެންމެ ފަސްކުދިން ތިބީ އިނގޭތޯ. އެކުދިންގެ ތެރެއިންވެސް ވަރަށްމަދު ކުއްޖަކު މިހާރު ދެން ގާތް ގުޅުމެއް މިއޮންނަނީ. އެހެންވީމާ، އަޅުގަނޑަކީ އެހެން މާގިނަ ގާތް ރަޙްމަތްތެރިންތަކެއް ތިބޭ މީހެއްވެސް ނޫން ކަންދިމާވިގޮތުން. ވަރަށްދެރަ ކަމެއް އެއީ. ނަމަވެސް، އެކި ދުވަސްވަރު އަޅުގަނޑަށް އެހީވެދެއްވާފައި ތިއްބެވި ބޭފުޅުން އަދި އަޅުގަނޑު ސިޔާސީ ޕާޓީއެއް އުފެއްދިފަހުން ޕާޓީގެ ތެރެއިން އަޅުގަނޑަށް އެހީ ދެއްވަމުން ގެންދަވާ މަދު ބޭފުޅުންކޮޅެއް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑުގެ ކައިރީގައި ތިއްބެވިކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތްވަރަކާއި ބާރެއް. ދެން އެހެން ހުރިހާ ބޭފުޅުންނާއެކީގައި އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި. ހުރިހާ ބޭފުޅުންނަށްވެސް ހަމަ ހަމަހަމަކަމާއެކީ ކަންތައް ކޮށްދެވޭތޯ. ކޮށްދިނުމުގެ ނިޔަތުގައި. ދެން ބައެއްފަހަރު ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ، އަޅުގަނޑު އެހެން ބޭފުޅުންނަށް ތަންކޮޅެއް ބޮޑަށް ފޭވަރ ކުރަނީއޭ. އެހެން ނަމަވެސް، އެއީކީ ޤަޞްދުގައި ކުރާ ކަމެއްވެސް ނޫން. އަދި ހަމަ އެހެން، ވަކިބަޔަކަށް ފޭވަރ ކުރުމުގެ ގޮތަކުންނެއްވެސް ނޫން. ދެންވާނެ ގޮތަކީ، އަޅުގަނޑުދެކެ ހަމަ މިހުރިހާ ބޭފުޅުންވެސް ވަރަށް ލޯބިވޭ އިނގޭތޯ. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވޭ، އަޅުގަނޑު އެބޭފުޅުންނާ ގާތް ގުޅުމެއް ބާއްވަން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޮބައި ކަމަށްތޯ ޤަބޫލުފުޅު ކުރައްވަނީ ސަބަބަކީ؟ އަމިއްލަފުޅަށް ތަންކޮޅެއް ދަތިފުޅުވާނެ ދޮއެއްތޯ؟ އަޅުގަނޑު އެވާހަކަ ދައްކަންވާނީ ދޮއެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން އެމީހެއްގެ ސިފަތައް ކިޔައިދޭނީ އެމީހަކު އަމިއްލައަކަށް ނޫން އެހެން ނޫންތޯ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ މަޝްވަރާ ބައްދަލުވުން؟ ރޭގައި ނޫންތޯ ފުރަތަމަ ބައްދަލުވުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އާދެ! ދެން ރޭގައި ހަމަ އަޅުގަނޑު އިނގޭތޯ މިއީ ވަރަށް މުހިންމު ވަގުތެއްގައި މިވާހަކަދެއްކުންތައް މިބޭއްވުނީ. ކޯނީގެ ރިޕޯޓް ނުކުތުމާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދިޔައީ ހަމަ ވީހާވެސް ބޮޑަކަށް، ވީހާވެސް ޞުލްޙަވެރިކަމާ އެކީގައި އަމާން ޖައްވެއްގައި މިކަންކަން ކުރެވޭތޯ. އެހެންވީމާ، ﷲ އިރާދަކުރެއްވީތީ، މާބޮޑު ހަމަނުޖެހުމެއް ނުހިނގާ ކަންކަން ކުރިއަށް މިދަނީ. ދެން އޭގެތެރޭގައި، ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް އެންމެން ވާހަކަ ދެއްކުން. ވާހަކަ ނުދައްކާ ކަމަށްވާނަމަ، ދެން އޮންނާނެ ގޮތަކީ ގަދަބާރުން ކަންތައް ކުރަން އުޅުން. ގަދަބާރުން ކަންތައް ކުރަން އުޅުމުގެ ފުރްޞަތު ކުޑަވެގެންދާނެ، ވާހަކަ ދެކެވޭނެ ގޮތްތައް އޮތް ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑު ފުރަތަމަވެސް ސީދާ އަޅުގަނޑުގެ ދަޢުވަތަކަށް އަޅުގަނޑު މި އެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް މިދެންނެވީ. ވެރިންގެ ފެންވަރުން ވަޑައިގަންނަވަން. ދެން ހުރިހާ ޕާޓީތަކަކުންވެސް ވެރިންގެ ފެންވަރުގައި ވަޑައިގަތީ. ދެން އެންމެ އިސް ލީޑަރު ކަމުގައި ނުވިޔަކަސް. އެހެންވީމާ، އަޅުގަނޑު ވާހަކަ ފެށުމުގެ ކުރިން އަޅުގަނޑު ދެންނެވިން ހުރިހާ ބޭފުޅުންނަށްވެސް، ވޭތުވެދިޔަ ތަން އެއޮތީ ވޭތުވެ ގޮސްފައޭ. ކުރިއަށް ބަލަމާ ހިނގާށޭ އަޅުގަނޑުމެން. ޤައުމާއިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ ކިހިނެއްތޯ ވިސްނަމާ ހިނގާށޭ. ވިސްނާފައި އެކީގައި މަސައްކަތް ކޮށްގެން ނޫނިއްޔަކާ މިކަމެއް ނުވާނެ. ދެން އިރާދަކުރެއްވީތީ، ހަމަ ވަރަށް ވަރަށް ރަނގަޅު މާޙައުލެއްގައި، އެއްބަޔަކު އަނެއް ބަޔަކަށް އެއްވެސްކަހަލަ ފުރައްސާރަ ކުރުމެއް، އެއްޗިހި ކިޔުމެއްނެތި، ވަރަށް ކޮންސްޓްރަކްޓިވްކޮށް ވާހަކަތައް ރޭގައި ދިޔައީ. އޭގެ ނަތީޖާއެއްގެ ގޮތުން، ރޭގައި ނިންމުނު ކަމަކީ، މިހާރު މިގޮތަށް ދެން މިވާހަކަތައް ގެންދިޔުމުގެ ބަދަލުގައި، ތަންކޮޅެއް ބޮޑަށް ފޯކަސް ކުރަމާ ހިނގާށޭ، ކުރަންހުރި ކަންތައްތަކަށް އިނގޭތޯ. އެހެންވީމާ، އެންމެބޮޑު ކަމެއް ކަމަށް މިހާރު މިއޮތީ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން. އާ ޤާނޫނުތައް އުފައްދައި، ދެން އަހަރެއްހާ ދުވަސް ފަހުން އޮންނަ އިންތިޚާބު އެއީ ފްރީ އެންޑް ފެއަރ މިނިވަން އިންޞާފްވެރި އިންތިޚާބެއް ކަމުގައި ހަދައި، މި ރާއްޖޭގައި ސިޔާސީ އެމްބިޝަން ހުރި ބޭފުޅުންނަށް އެ ފުރްޞަތު ހަމަހަމަ ޕްލެޓް ފޯމެއްގައި ލިބުމުގެ ފުރްޞަތު ހުޅުވަމާ ހިނގާށޭ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. ދެން އެކަމަށް އަޅުގަނޑުމެން ފޯކަސްވެގެން މަސައްކަތް ކުރުމަށްޓަކައި ކުރިއަށް ދެވެން އޮތް ގޮތެއް ކަމަށް އެތަނަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތީ، ގިނަ ވާހަކަތައް އެހެން ލެވެލްއަކަށް މިހާރު ގެންދަމާ ހިނގާށޭ. އެއީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ވެރިންގެ މެދުގައި މިވާހަކަތައް ދެން ދައްކަމާ ހިނގާށޭ. އެހެންވީމާ، ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތީ، ޓޯކްސް މިހާރު އޮތް ފެންވަރުން ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވާ ޕާޓީތަކުގެ ވެރިންގެ ފެންވަރަށް ގެންދަން. ގެންދިޔައީމާ އޭގައި ދެން ބައިވެރިވެވަޑައިގަންނަވާނީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކަމަށްވާނަމަ، ޕާޓީގެ ލީޑަރ ނޫނީވިއްޔާ ޕާލަމެންޓަރީ ގްރޫޕަށް އެ ޕާޓީއަކުން އިސްކުރައްވާފައި ހުންނަވާ ލީޑަރަކު. މި ވާހަކަތައް ދެން ފޯކަސް ކުރާނީ ސްޕެސިފިކް ކަންތައްތަކަކަށް. ކުރަންހުރި ކަންތައްތަކަށް ދެން ފޯކަސްކުރާނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ޖުމްލަ ގޮތެއްގައި ތިޔަ ވިދާޅުވަނީ، ރޭގެ މަޝްވަރާ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެކޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު ދެކޭގޮތުގައި ވަރަށް ކާމިޔާބު ބައްދަލުވުމެއް. ވަރަށްބޮޑު އަންޑަރސްޓޭންޑިންގއަކާ އެކީގައި މިހާރު ރޭގައި ޖަލްސާ ނިމިގެން އެދިޔައީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެއްވެސް ގޮތަކަށް ކުރީގައި އަޅުގަނޑުމެން އޮތް ޙާލަތަށް ހިނގައިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟ ކޯނީގެ ރިޕޯޓަށްފަހު ދެން އަޅުގަނޑުމެން އުންމީދު މިކުރަނީ، ހަމަޖެހުން ޤާއިމްވެގެންދާނެ ކަމަށް. އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް އަޅުގަނޑުމެން ހިނގައިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން ދެން ހަމަނުޖެހުން އިތުރުވެދާނެ ކަމަކަށް. އެއީ މިހާރު އަޅުގަނޑުމެން މިޖެހެނީ ހަމަ އިނގޭތޯ، އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ހަމަ ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވާނީ، ޤައުމާއިގެން ކުރިއަށްދާން. ޤައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި ފަހަތަށް ބެލުމެއް އެއީ އެހާ ރަނގަޅު ކަމެއް ނޫން އިނގޭތޯ. ދެން ވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަން ވެއްޖިއްޔާ، ކޮންމެ ބަޔަކަށްވެސް އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް އިނގިލި ދިއްކޮށް އިނގޭތޯ، އެކިއެކި ތުހުމަތުތަކާ ކަންތައް ކުރެވިދާނެ. އެއީކީ މިވަގުތު މި ޤައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން. މިހާރު މިއޮތީ ރަސްމީގޮތުން ވަކިކަހަލަ ޕޮޒިޝަނެއް ކަނޑައެޅިފައި. އަނެއްކާ މި ކަނޑައެޅިފައި މިއޮތީ ހުރިހާ އެންމެންގެ އެއްބާރުލުން ލިބިގެން އިނގޭތޯ. ހުރިހާ އެންމެން އޭގައި ބައިވެރިވެގެން. އޭގެތެރޭގައި، ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައިގެން. އަދި އެބޭފުޅާ ބޭނުންފުޅުވި ގޮތަށް އޭގެ ޓަރމްސް އޮފް ރެފަރެންސާއި، އޭގެ ޗެއަރއާ، މިހުރިހާ އެއްޗިއްސެއް ބަދަލުކޮށްގެން. އެހެންވީމާ، މިއޮތީ ދެން މިހާރު ރަސްމީގޮތުން ޕޮޒިޝަނެއް ކަނޑައެޅިފައި. ދެން މިއާއިގެން އަޅުގަނޑުމެން މީގެ މައްޗަށް ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:


2013 ގައި ވާދަކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

2013 ގައި ވާދަކުރާ ވާހަކައެއް ނޫން ދައްކަންވީކީ ދޮއެއްތޯ. އަޅުގަނޑުމެން ދައްކަންވީ 2013ގައި ޤައުމާއިގެން ރަނގަޅު ލީޑަރޝިޕެއް ދައްކައިގެން ކުރިއަށް ދެވޭނެމަގު.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

މަނިކުފާނު ވާދަކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު މިހިރީ 2013 ގައިވެސް މި ޤައުމުގެ ލީޑަރޝިޕްގައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ތައްޔާރަށް. ދެން މިކަމުގައި ގޮތެއް ފެންނާނެ، ގޮތެއް ދައްކަވާނެ މާތްﷲ. އެހެންވީމާ، އަޅުގަނޑު މިހިރީ އެކަމަށް ތައްޔާރުވެ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، އެހެން ޕާޓީއެއްގެ ޓިކެޓެއް ހޯއްދެވުމަށް އެހެން ޕާޓީއަކާ ގުޅިވަޑައިގެންފާނަންތޯ؟


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެއްވެސް ޕޮސިބިލިޓީއެއް އަޅުގަނޑު ދޫކޮށެއްނުލަން. ހުރިހާ ޕޮސިބިލިޓީއެއްވެސް އޮތީ ހަމަ ހުޅުވިފައި. ދެން އެކަމުގައި މި ޤައުމަށް އެންމެ ރަނގަޅު ގޮތެއް އަޅުގަނޑު ޚިޔާރުކޮށްގެން ކުރިއަށްދާނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ޝުކުރިއްޔާ އިނގޭތޯ ރައީސް.