بســم اللّـه الرّحمـن الرّحيــم


ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! [ރާއްޖެ މިއަދު] ޕްރޮގްރާމް ބައްލަވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަން. އާދެ! އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން، މިރޭގެ [ރާއްޖެ މިއަދު] އަޅުގަނޑުމެން ޚާއްޞަކޮށްލާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން. އަޅުގަނޑާއެކު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އާދެ! އަޅުގަނޑަށް މިވަނީ މަޢުލޫމާތު ލިބިފައި، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގެން، ސްރީލަންކާގެ ރައީސާއި އަދި ބޭރު ޤައުމުތަކުގައި ތިއްބަވާ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވި ޚަބަރު. ކޮންކަހަލަ ކަންތައްތަކަކާ ބެހޭގޮތުންތޯ ޖުމްލަ ގޮތެއްގައި މަޝްވަރާ ކުރެވުނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން މިއީ ސްރީލަންކާއަށް ކުރާ އެންމެ ފުރަތަމަ ދަތުރު. އެހެންވީމާ، ދަތުރުގެ އެންމެބޮޑު ބޭނުމަކީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދޭތެރޭގައި މިއޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އަޅުގަނޑުމެންގެ އެކުވެރިކަމާއި، އޮންނަ މި ގާތްކަން ޔަޤީންކޮށްދިނުން، އެއްބަޔަކު އަނެއް ބަޔަކަށް. އެގޮތުން، ދިވެހި ރައްޔިތުންގެ ފަރާތުން ސިލޯނުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދިނުމާއި، ދެފަރާތުގައި ހުރި ބައިލެޓްރަލް ބައެއް އިޝޫސްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދި ޚާއްޞަކޮށް، ސްރީލަންކާގެ އިންވެސްޓްމަންޓްސް ރާއްޖެއަށް އަދި އިތުރަށް ގެނެވޭނެ ގޮތެއް ހޯދުމާއި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި އެއްބަސްވާންޖެހޭ ބައެއް އެއްބަސްވުންތަކާ ބެހޭގޮތުން މަސައްކަތް ކުރުން. އެހެންވީމާ، މިދެންނެވި ކަންތައްތައް ކުރެވުނީ. ދެން ބޭރުގެ ޤައުމުތަކުގެ ވަރަށް ގިނަ ޤައުމުތަކަކުން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ސަފީރުން ތިބޭ ތަން ކޮޅުނބަކީ. އެހެންވީމާ، މި ފުރްޞަތުގައި އަޅުގަނޑު ސިލޯނުގައި ތިބޭ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް އަޅުގަނޑު ބައްދަލުކުރީމު. ހަމައެހެން، ވިޔަފާރިވެރިންނާވެސް، ގާތްގަނޑަކަށް ނުވަދިހަވަރަކަށް ވިޔަފާރިވެރިން އަޅުގަނޑާ ބައްދަލުކުރި. ދެން މީގެއިތުރުން، ސިލޯނުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންގެ ކޮމިޔުނިޓީގެ ބޭފުޅުންނާވެސް އަޅުގަނޑު ބައްދަލުކުރިން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! މިދަތުރުފުޅުގައި މަނިކުފާނު ވަނީ ލަންކާގައި ދިރިއުޅުއްވާ ދިވެހި ބޭފުޅުންނާ ބައްދަލުކުރައްވާފައި. ކޮބައިތޯ އެބޭފުޅުންގެ ކޮންސަރންތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑު އެބޭފުޅުންނާ ވާހަކަ ދެއްކިއިރުގައި، އެބޭފުޅުންނާ ދަތިފުޅުވާ ކިތަންމެ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. އޭގެތެރެއިން އެއްކަމެއްގެ ވާހަކައަކީ، މިހާރު ހެލްތް އިންޝުއަރެންސްގެ ޚިދްމަތް، ސިލޯނުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް ނުލިބޭތީ، އެވާހަކަ. ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއީކީ އަދި އެންމެ އިންޞާފްވެރި ގޮތެއް ނޫނޭ. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކޮށްދޭނަމޭ އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ތިޔަބޭފުޅުންނަށް އާސަންދައިގެ ޚިދްމަތް ލިބޭނެގޮތެއްވޭތޯ.

ދެން ދެވަނަ ކަމަކަށް ހުށަހެޅުއްވީ އަދިވެސް ހަމަ ވިސާ ހޯދުމާއި، ވިސާ އިތުރުކުރުމުގައި ދަތިތަކެއް ދިމާވާކަމަށް. ދެން އެކަމުގައި ހައިކޮމިޝަންގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވެދެއްވަން ހައިކޮމިޝަނަރުވެސް ވަނީ ވިދާޅުވެފައި. ދެން މީގެއިތުރުން މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ހުރިހާ ދިވެހިންނަށްވެސް ވަރަށް ދަތިވާ މައްސަލައެއް އެބައޮވޭ. އެއީ ހަމައެކަނި ސިލޯނުގައި ތިއްބަވާ ބޭފުޅުންނަކަށް ނޫން. އެއީ މިހާރު ބޭންކް އޮފް މޯލްޑިވްސްއިން މި އިޝޫ ކުރައްވާ ކްރެޑިޓް ކާޑް. އެ ކްރެޑިޓް ކާޑުން ފައިސާ ނެންގެވުމުގެ މައްސަލައެއް އެބައުޅޭ، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހިންނަށް. ދެން މިކަން އެބަ ޙައްލުކުރަންޖެހޭ. ދެން މިކަމާ ބެހޭގޮތުން އަޅުގަނޑު އިރާދަކުރެއްވިއްޔާ، ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން، އޭގައި އެއްވެސް ޙައްލެއް އޮތްތޯ ބަލައިދިނުމަށް ވާނީ އަޅުގަނޑު ދަންނަވާފައި. ދެން މިހެންހުރި ދަތިތަކެއް މިހުންނަނީ.
މިދެންނެވީ ދެން މުހިންމު ކަންތައްތަކެއް ނޯޓްކުރެވިފައި ހުރި.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

މިދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ކޮންކަހަލަ ފައިދާތަކެއް ކުރާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން މީގައި އަޅުގަނޑު ކުރިން ދެންނެވިހެން މިދަތުރުގެ އެންމެބޮޑު ބޭނުމަކީ، ދެޤައުމުގެ ދޭތެރޭގައި އޮތް އެކުވެރިކަން، ކުރިއަށްވުރެވެސް ބަދަހިކުރެވޭތޯ މަސައްކަތް ކުރުން. ދެން ސްޕެސިފިކަލީ އަޅުގަނޑު ދެންނެވިހެން، ތިން އެގްރީމަންޓްގެ މަސައްކަތް މިހާރު ކުރެވެމުން އެދަނީ. އެއީ، ރާއްޖެއާއި ސްރީލަންކާއާ ދޭތެރޭގައި މި ކުރެވޭ ވިޔަފާރީގެ ދާއިރާ ފުޅާކުރުމަށްޓަކައި މިހާރު ތައްޔާރުވަމުންދާ އެގްރީމަންޓެއް. ދެން މީގެއިތުރުން، ސްރީލަންކާގެ ޔުނިވަރސިޓީތަކުގައި ދިވެހި ކުދިންނަށް މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި އިތުރު ފުރްޞަތުތަކެއް ހޯދުމަށް ހަޔަރ އެޑިޔުކޭޝަނާބެހޭ އެގްރީމަންޓެއްގައިވެސް މިހާރު މަސައްކަތް ކުރެވެމުން މިދަނީ. ތިންވަނަ ކަމަކަށް ދެޤައުމުގައިވެސް ތިބި އަނެއް ޤައުމުގެ ރައްޔިތުންގެ ތެރެއިން ކުށްކުރާ މީހުންނަށް ޤާނޫނުގެ އެހީތެރިކަން ހޯދައިދިނުމާބެހޭ އެމް.އޯ.ޔޫ. އެއްވެސް ތައްޔާރުވަމުން އެބަދޭ. އެހެންވީމާ، މި އެގްރީމަންޓްތައް ދާދި އަވަހަކަށް އަޅުގަނޑަށް އުންމީދު ކުރެވޭ ގޮތުގައި ސޮއިކުރެވިގެންދާނެ.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ދެން އަޅުގަނޑުމެންނަށް އިނގޭ، ބޭރުގެ ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައިވަނީ. އެގޮތުން، ބޭރުގެ ނޫސްވެރިން އެންމެ ބޮޑަށް ހޯދަން ބޭނުންވި މަޢުލޫމާތަކީ ކޮބައިތޯ؟ އެކަމަކާ ބެހޭގޮތުން އެންމެ ބޮޑަށް ސުވާލުކުރާ ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން މިދަތުރުގެ ބާވަތުން އެންމެ ބޮޑަށް ސުވާލު ކުރެވުނީ ހަމަ ރާއްޖެއާއި ސްރީލަންކާއާ ދޭތެރޭގައި އޮތް ގުޅުމާ ބެހޭގޮތުން. ދެން އޭގެއިތުރުން، ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތު ހުރި ނެތްގޮތާ ބެހޭގޮތުންވެސް ބައެއް ސުވާލުތައް އައި.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ދެން މިދަތުރުފުޅުގައި އެއްވެސް ވަރަކަށް ސްރީލަންކާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދިޔައިރު، ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ޕްރެޝަރ ކުރުން ނޫނީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިންތޯ އެއްވެސް ވަރަކަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މިހާރު ސްރީލަންކާގެ ރައީސާއި އަޅުގަނޑާ ދެތިން ފަހަރެއްގެ މަތިން ބަދަލުވެއްޖެ، މިވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައިވެސް، އަޅުގަނޑު ސިލޯނަށް ނުދިޔަ ކަމުގައިވީ ނަމަވެސް. އެބޭފުޅާއާ އަޅުގަނޑާ ރިއޯއިންވެސް ބައްދަލުވި. އަދި ހަމައެހެން، ލަންޑަނުންވެސް ބައްދަލުވި. ހަމަ އެބައްދަލުވުމުގައި ވަނީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ވާހަކަ ދެކެވި، އަޅުގަނޑުމެންގެ ޙާލަތު، ކަންތައްތައް ހުރިގޮތްވެސް ހަމަ ސްރީލަންކާގެ ރައީސަށްވެސް ދެންނެވިފައި. އެހެންވީމާ، ޕްރެޒިޑެންޓް ރާޖަޕަކްސަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ، ރާއްޖޭގެ ޙާލަތު އޮތްގޮތް. އެބޭފުޅުން ތިއްބެވީކީ އަޅުގަނޑުމެންނަށް ޕްރެޝަރެއް ކުރައްވައިގެން، އަޅުގަނޑުމެން ލައްވާ މަޖުބޫރުން ކަމެއް ކުރުވުމުގެ ގޮތަކަށް ނޫން. އެއަށްވުރެ މާ ގާތް، އުޚުއްވަތްތެރި ގުޅުމެއް ދެޤައުމުގެ ދޭތެރޭގައި މިއޮންނަނީ. އެހެންވީމާ، އެބޭފުޅުންވެސް ރާއްޖޭގެ ކަންތައްތައް ޞުލްޙަވެރިކަމާއެކު ކުރިއަށް ދިޔުމަށް ބޭނުންފުޅުވޭ. އާދެ! އެކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި. ދެން އެއްވެސް ސިފައެއްގައި ސްރީލަންކާގެ ސަރުކާރުން އަޅުގަނޑުމެންނަށް އެހީވެދެވޭނެ ގޮތެއް އޮތް ކަމަށްވާނަމަ، އެކަމެއްގައި އެހީވެވަޑައިގެން ދެއްވުމަށް ތައްޔާރަށް ތިއްބެވި ކަމަށް ޕްރެޒިޑެންޓް އަޅުގަނޑު ކައިރީގައި ވިދާޅުވި. ދެން ހަމަ އެހެން، ސްރީލަންކާގެ ފޮރިން އެފެއާޒް މިނިސްޓަރަކީވެސް ވަރަށް ތަޖްރިބާކާރު ދުސްތޫރީ ޤާނޫނާބެހޭ މާހިރެއް. އެހެންވީމާ، އެމަނިކުފާނުވެސް ހުންނެވީ އަޅުގަނޑުމެންނަށް އެހީވެވަޑައިގެން ދެއްވަން ތައްޔާރަށް. އަދި ރާއްޖޭގެ މިހާރު ގާނޫނުއަސާސީ އޮތްގޮތުން، މި ޤައުމު ހިންގުމަށްޓަކައި ގެންނަންޖެހޭ ބައެއް އިޞްލާޙުތަކާ ބެހޭގޮތުން އެމަނިކުފާނުގެވެސް ވަރަށް ތަނަވަސް ޚިޔާލުފުޅު އެބަހުރި. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އެބޭފުޅުންގެ އެހީ ބޭނުންވެއްޖިއްޔާ ލިބޭގޮތަށް މިއޮތީ.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ދެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައި، ޗައިނާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ކަމަށް. އާދެ! ކޮބައިތޯ މިދަތުރުފުޅުގެ ބޭނުމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޗައިނާއަށް މިދަނީ އަޅުގަނޑު ދެން ދިޔުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ އެތާނގެ ޓްރޭޑް ފެއަރއެއްގައި ބައިވެރިވުން. ނަމަވެސް، އޭގެ އިތުރުން އަޅުގަނޑަށް އެބަ ފުރްޞަތު ލިބޭ، އިރާދަކުރެއްވިއްޔާ، ޗައިނާގެ ބޮޑުވަޒީރާ ބައްދަލުކުރުމުގެ ފުރްޞަތު. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ޗައިނާގެ އެހީގައި އަޅުގަނޑުމެން ހައުސިންގ ޕްރޮޖެކްޓްސްވެސް އެބަ ހިންގަން. އަދި ޗައިނާއަކީ ޢިމާރާތް ކުރުމުގެ ކަންކަމުގައި، އިންފްރާސްޓްރަކްޗަރ ކަންކަމުގައި ވަރަށް ކުރިއަރާފައި އޮތް ޤައުމެއް. ވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، މިދަތުރުގެ ސަބަބުން އިތުރު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި، ޗައިނާގެ އެހީގައި ކުރިއަށް ގެންދެވޭނެ ކަމަށް.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ޗައިނާވެސް ކޮންމެވެސް ވަރަކަށް ދިވެހިން އުޅޭ ޤައުމެއް މިއީ. ޗައިނާގައި ތިއްބަވާ ދިވެހިންނަށް މިދަތުރުފުޅުގައި ބައްދަލުކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އިރާދަކުރެއްވިއްޔާ، ދެން އެއީ އަޅުގަނޑު އެދާ ތަނެއްގައި ދިވެހިން ތިބޭ ކަމަށްވަންޏާ، ދިވެހިންނާ އަޅުގަނޑު ބައްދަލުކުރާނަން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ދުވަސްކޮޅެއްގެ ފަހުން ކޯނީގެ ރިޕޯޓް ނެރޭނެ. ކޯނީގެ ރިޕޯޓަށް ސިޔާސީ އިސް ލީޑަރުން މިދަނީ އިންތިޒާރު ކުރަމުން. ކޯނީގެ ރިޕޯޓާ ބެހޭގޮތުން ސަރުކާރުން ކޮންގޮތަކަށް ކިހިނެއްތޯ ޢަމަލު ކުރައްވަން ވިސްނަވާފައި އޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު މި ކޯނީއަކީ އެއީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ. އެއީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އުފައްދާފައި އޮތް ކޮމިޝަނެއް. ދެން މި ކޮމިޝަން އުފެއްދުމާ ގުޅިގެން، ކޮމިޝަން އުފައްދާފައި މިވަނީ، ރާއްޖޭގައި މިވަގުތު އުފެދިފައިވާ ސިޔާސީ ޚިޔާލުތައް ތަފާތުވުމަކާ ގުޅޭގޮތުން. އެހެންވީމާ، ވީހާވެސް ހުރިހާ ފަރާތްތަކަކަށްވެސް ގަބޫލުކުރެވޭ ގޮތަކަށް، ވީހާވެސް މިނިވަންކޮށް އުފެދޭ އެއްޗަކަށް ހެދުމަށްޓަކައި މިކަމުގައި މިވަގުތު ދެން ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިއޮތީ އެމް.ޑީ.ޕީ. އެހެންވީމާ، އެމް.ޑީ.ޕީ.ވެސް ބޭނުންވާ ގޮތަށް އަދި ބޭރުގެ ފަރާތްތަކުންވެސް ޚާއްޞަކޮށް، ކޮމަންވެލްތުން އެދިވަޑައިގެންނެވި ގޮތަށް އަޅުގަނޑުމެން ހުރިހާ ކަމެއް ކޮށްދީގެން މިހާރު ކޯނީ އެކުލަވާލެވިފައި މިއޮތީ. އެހެންވީމާ، ކޯނީގެ މިނިވަންކަމާއި، ވަކިފަރާތަކަށް ނުޖެހުމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުގެ އިތުބާރު މިހާރު މިއޮތީ ވަރަށް ރަނގަޅަށް އުފެދިފައި. އެހެންވީމާ، ކޯނީގެ ރިޕޯޓްގައި، އެ ނެރޭ ރިޕޯޓަކީ އެއީ ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭ ރިޕޯޓެއް. އެކަމަށް ޝަރުޠުކޮށް އަޅުގަނޑުމެން ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި ބޭފުޅަކުވެސް ހިމަނާފައިވެސް ހުރީ. ހަމައެހެން، ކޮމިޝަންގެ ކޯ ޗެއަރއެއްގެ ގޮތުގައި އަޅުގަނޑުމެން ކޮމަންވެލްތުން ހުށަހެޅުއްވި ބޭރުގެ ވަރަށް ޤަދަރުހުރި ފަނޑިޔާރެއް، ސިންގަޕޫރުގެ ރިޓަޔަރޑް ޖަޖެއް އަޅުގަނޑުމެން މި ކޮމިޝަންގައި މިހިމެނީ. އެ ހިމެނުމުގެ ސަބަބުން މިހާރު މި ކޮމިޝަންގެ މިނިވަންކަމާއި، މުސްތަޤިއްލު ކަމާއި، އިތުބާރާ ދޭތެރޭގައި ބޭރުގެ އެއްވެސް ފަރާތަކުން ސުވާލެއް ނުކުރޭ. އަދި އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކުވެސް ސުވާލު ނުކުރާނެ ކަމަށް. ދެން ރިޕޯޓް މިހާރު ނިމުމަކާ ހަމައަށް އަންނަނީ އެ. ޢާންމު ގޮތެއްގައި މިކަހަލަ ކަންތައް ކުރާއިރުގައި، ރިޕޯޓް އެކުލަވައިލުމުގައި އޭގެތެރެއިން ކޮންމެވެސް އެކަކު އެ ޑްރާފްޓް ކުރާނީ. ކޮށްފައި ދެން އެހެންވެސް މީހުނާ މަޝްވަރާ ކުރުމަށްފަހު، އޭތި ފައިނަލައިޒް ކުރާނީ. އެ ޕްރޮސެސް ދެން މިހާރު އެ ހިނގަމުން އެދަނީ. ދެން އަޅުގަނޑުމެން މިތިބީ ކޯނީގެ މަސައްކަތް، އެއްވެސް ބޭރުގެ ނުފޫޒަކާނުލާ ނިންމުމަށްޓަކައި ވެދޭންޖެހޭ ހުރިހާ އެހީއެއް ވެދޭން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މި ކޮމިޝަންގައި އެބަ ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް ނަޝީދުގެ ފަރާތުންވެސް މެންބަރެއް. އެ މެންބަރު މިވަނީ ވިދާޅުވެފައި، ކޮމިޝަންގެ ޑްރާފްޓް ކޮށްފައި މިއޮތް ރިޕޯޓާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައި މިވަނީ. އޭގެ ސަބަބުން ކޮމިޝަންގެ ނިންމުންތަކަށް އަސަރެއް ކޮށްފާނެތޯ؟ ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ.؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އަޅުގަނޑު ހީކުރަން، އެގޮތަށް އެބޭފުޅާގެ ހުރި ޚިޔާލުތައް ކޮމިޝަންގެ ތެރޭގައި، ކޮމިޝަންގެ އެހެން ބޭފުޅުންނާ ޙިއްޞާ ކުރައްވައިގެން، އެކަން ކުރިއަށް ގެންދަވާނެކަން. އަޅުގަނޑުމެން އެއްބަސްވެފައި އޮންނާނީ، ކޮމިޝަންގެ މަސައްކަތް ނިމެންދެން، ކޮމިޝަންގެ އެއްވެސް ބޭފުޅަކު، އެއާބެހޭ މަޢުލޫމާތު ބޭރުނުކުރެއްވުމަށް. އެހެންވީމާ، މިހާރުވެސް އެ ދެއްވި އިންޓަރވިޔު އެ ދެއްވީ، އެ އެއްބަސްވެފައި އޮތް އެއްބަސްވުމާ ޚިލާފަށް. ދެން އަޅުގަނޑު އެދެން، އެއްގޮތަކަށްވެސް އެބާވަތުގެ ކަންތައް ނުކުރެއްވުމަށް. އެބޭފުޅާގެވެސް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމެއް އޮތް ކަމަށްވާނަމަ، ދެން ތިއްބެވި މެންބަރުންނާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވަން. އެހެންވީމާ، އެތާނގައި އަޅުގަނޑު ދެންނެވިހެން އެބަ އިންނެވި، ކޮމަންވެލްތުން ކަނޑައަޅާފައި އިން ޖަޖެއްވެސް. އެހެންވީމާ، ކޮންމެހެން އެތާނގައި ދެއްކެވި ވާހަކަތަކާއި، ހުރި ހިތްހަމަޖެހުންތައް ހިފައިގެން މަގުމައްޗަށް ނުކުންނާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ، އެކޮމިޝަނުން ނިންމާ ރިޕޯޓަކީ އެއީ ރަނގަޅު ރިޕޯޓަކަށްވާނެ ކަމަށް. ވަކިފަރާތަކަށް ނުޖެހި، ޙަޤީޤަތް ސާބިތުކޮށްދޭ ރިޕޯޓަކަށްވާނެ ކަމަށް.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ކޮމިޝަންގެ ނިމުމުގެ ވާހަކަ ދައްކާއިރު، ސިޔާސީ އެކި ފަރާތްތަކުން ފާހަގަކުރެއްވީ، އެކިގޮތަށް ކޮމިޝަންގެ ރިޕޯޓް އޮންނާނެ ކަމަށް. ކޮމިޝަންގެ ރިޕޯޓުން، [ވެރިކަން ބަދަލުވެގެންދިޔައީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫނޭ] އޮވެއްޖިއްޔާ، ސަރުކާރުން މިކަމާ ދޭތެރޭގައި ކިހިނެއްތޯ ކަންތައް ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މީގައި އަޅުގަނޑު ސްޕެކިޔުލޭޓް ކުރާކަށް ނެތިން، އެ ނިމޭނެ ގޮތެއް. ނިމޭނެ ގޮތެއް ނިމުނީމާ، ދެން އެއާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އެބައޮތް ތަން. މިހާރުވެސް މިއަދު އަޅުގަނޑު އެބަ ދަޢުވަތު ފޮނުވަން ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް. އަޅުގަނޑާ އެކީގައި އިށީނދެވަޑައިގަންނަވައިގެން މަޝްވަރާ ކުރައްވަން ވަޑައިގަންނަވާށޭ. އެހެންވީމާ، މަޝްވަރާ ކުރުމުގެ ދޮރު މިއޮތީ ހުޅުވިފައި. އޮވެފައި ދެން އަޅުގަނޑަކަށް ނުވިސްނޭ، އެހެން ގޮތަކަށް އެކަމާ ބެހޭގޮތުން މަސައްކަތް ކުރަން ޖާގަ އޮތް ކަމަކަށް.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އަދި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މަނިކުފާނު ވިދާޅުވެފައ މިވަނީ، ކޮމިޝަންގެ ރިޕޯޓުން، [ވެރިކަން ބަދަލުވީ ނަހަމަގޮތެއްގައޭ ނޫނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫނޭ] އޮވެއްޖެނަމަ، އިސްތިޢުފާ ދިނުމާ ދޭތެރޭ ވިސްނަވާނެ ކަމަށް. މިހާރު އެކަމާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކާ އެއްވެސްވަރަކަށް މަޝްވަރާ ކުރައްވައިފިންތޯ؟ ނޫނީ އެއީތޯ މަނިކުފާނުގެ ނިންމުމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތިޔަ އިޝޫ، ތިޔައީ އެއް ސިނާރިއޯ ދޮއެއްތޯ. ތަފާތު ސިނާރިއޯތައް މީގައި އެބަހުރި. އަޅުގަނޑުމެން އެއަށް އަންނާނީ ކޮމިޝަންގެ ރިޕޯޓް ނިމުނީމާ. އޭގެކުރިން އަޅުގަނޑު ދެންނެވިހެން، އެއާ ބެހޭގޮތުން ތަފާތު ޚިޔާލުތައް ނެރެގެން، އުދާސްކަން އުފެއްދުމަކީ އެއީ، ކޮންމެހެން އަޅުގަނޑު ދެކޭގޮތުގައި އެހާ ބޭނުންތެރި ކަމެއް ނޫން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ރިޕޯޓްގައި އޮވެދާނެއޭ، ވަކިބަޔަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ނޫނީ ރިޕޯޓްގައި ވަކިގޮތަކަށް ރެކޮމެންޓް ކޮށްފައި އޮވެދާނެޔޭ. އެހެން އޮވެއްޖެ ކަމަށް ވެއްޖިއްޔާ، އެފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ރިޕޯޓްގެ ނިންމުންތަކާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާކަށް އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން. ދެން އެކަމުގައި މި ރިޕޯޓް އެބަ ހުށަހަޅަން އަޅުގަނޑުމެން ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް. އަދި ހަމައެހެން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް. އެހެންވީމާ، އެބޭފުޅުންނަށްވެސް އެއީ އެކަމާ ބެހޭގޮތުން ފިޔަވަޅު އެޅުއްވުމުގެ ބާރު އޮތް ބޭފުޅުން. އެހެންވީމާ، ކަމެއް ނަހަމަގޮތުގައި ހިނގާފައި އޮތް ކަމަށްވާނަމަ، ނަހަމަ ގޮތުގައި ކަންތައް ކޮށްފައި ތިބި ބަޔަކު ތިބި ކަމަށް އޭގައި ބުނާ ކަމަށްވާނަމަ، އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ފުރިހަމަ އިޚްތިޔާރު، އެ ހުރިހާ ފަރާތަކަށްވެސް ލިބިގެންވޭ.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ދެން މަނިކުފާނު ފާހަގަކުރައްވައި، ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ވާހަކަ. މިކަމަށް ސިޔާސީ ފަރާތްތަކުން ޚާއްޞަކޮށް، ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންގެ ފަރާތުން ކިހާވަރެއްގެ އިޖާބައެއް އެބަ ލިބޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު މިހާރު އަޅުގަނޑަށް ލިބިފައި ހުރި އިޝާރާތްތަކުން ހަމަ ވަރަށް ރަނގަޅު އިޖާބައެއް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމުން މިގެންދަނީ. ދެން މީގައި ހަމަ ވަރަށް މުހިންމު ކަމެއް، އަޅުގަނޑުމެން ޞުލްޙަވެރިކަމާ އެކީގައި ޤައުމުގެ މަޞްލަޙަތު އިސްކޮށް، ކަންކަން ރައްޔިތުންނަށް އުނދަގޫނުވާ ގޮތަކަށް، މިކަންކަން ކުރެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންވެސް ހަމަ އަޅުގަނޑުމެންނަށް ވީހާ އެންމެ ރަނގަޅަކަށް ކޮމިޝަންގެ ކަންތައްތައް ކުރަމުން މިގެންދިޔައީ. އަޅުގަނޑުމެންނަށް ހިތްހަމަނުޖެހޭފަހަރުވެސް، އެހެން ނަމަވެސް ހަމަ ދޫދީގެން، އެބޭފުޅުން، ގިނަ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ހަމަޖައްސައިދީގެން މިކަން ކުރަމުން މިއައީ މިހާ ހިސާބަށްވެސް. އެހެންވީމާ، ދެންވެސް މި ކޮމިޝަންގެ މަސައްކަތް ހަމަ ފުރިހަމަކޮށް ގޮސް ނިމޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، ކޮމިޝަންގެ ރިޕޯޓް ރަނގަޅަށް ނިމޭނެ ކަމަށް. އެކަމަކަށް އެއްވެސް ހުރަހެއް، އެއްވެސް ފަރާތަކަށްވެސް ނޭޅޭނެކަން. އަދި މި ނިކުތުމަށްފަހުގައިވެސް ޞުލްޙަވެރިކަމާ އެކީގައި ކުރިއަށް އެއާ ބެހޭގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ދައްކަންޖެހޭ ވާހަކަތައް ދެއްކުމުގެ ފުރްޞަތުވެސް އޮތް ކަމަށް. ދެން އެނޫން ގޮތަކުން ގަދަހަދާފައި މަގުމަތީގައި ކަންކަން ކުރަންއުޅޭ ބަޔަކަށް ފުރްޞަތެއް އަޅުގަނޑުމެން ނުދޭނަން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ތި ވިދާޅުވަނީ ކޮމިޝަންގެ ރިޕޯޓަށްފަހު، ޤައުމުގެ މަޞްލަޙަތު ގެއްލުމަކީ އެކަށީގެންވާ ކަމެއް ނޫނޭ. ދެން ޤައުމުގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި، ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ސަރުކާރުން ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅުއްވާނީ؟ ޚާއްޞަކޮށް، މި ރިޕޯޓަށްފަހުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ޞުލްޙަވެރިކަމާއެކު ކަންކަން ކުރުމުގެ ދޮރު ހުޅުވިފައި އޮއްވައި، އެ ދޮރު އިޚްތިޔާރު ނުކޮށް، ގަދަބާރުން ކަންކަން މަގުމަތިން ނިންމަން އުޅުނަކަސް އެކަމެއް ނުވާނެ. އެހެންވީމާ، ތަނުގައި ހަމަނުޖެހުން އުފައްދައި، އަމަންއަމާންކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކޮށްފިއްޔާ، އެކަން އަޅުގަނޑުމެން ހުއްޓުވާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ބައެއް ފަރާތްތަކުން ފާހަގަކުރައްވާ، މިއީ ސިޔާސީ ޕާޓީތަކުން ލީޑަރޝިޕް ދައްކަވަންވީ ވަގުތޭ. މިއީ ޤައުމުގެ މަޞްލަޙަތު އިސްކުރައްވަންވީ ވަގުތޭ. އެހެންވީމާ، ސިޔާސީ ޕާޓީތަކަށް މަނިކުފާނު ގޮވާލައްވަނީ ކީކޭތޯ. ޤައުމުގެ މަޞްލަޙަތުތޯ މުހިންމީ؟ އެހެންނޫނީ ވަކި ސިޔާސީ ޕާޓީގެ ފިކުރުތޯ؟ ވަކި ސިޔާސީ ޕާޓީން ދެކޭގޮތްތޯ މީގައި މުހިންމީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިއީ ވަރަށް މުހިންމު ސުވާލެއް ތިކުރެއްވީ. ދެން ތީގެ ޖަވާބު އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށްވެސް އިނގޭހެން އިނގޭތޯ. މިވަގުތު ރައްޔިތުންނަށް ބޭނުންވަނީކީ އެއްބަޔަކު އަނެއް ބަޔަކު އަރާރުންވެ، ހަނގުރާމަ ކުރުމެއް ނޫން. އެއީކީ މި ޤައުމަކަށް އެންމެ ރަނގަޅު ގޮތެއް ނޫން. މިވަގުތު އަޅުގަނޑުމެން މިޖެހެނީ، ކެތްތެރިކަމާ އެކުގައި އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން، އެއްބަޔަކު އަނެއް ބަޔަކާ އެކީގައި ވާހަކަ ދައްކައިގެން ކަންކަން ކުރަން. ކޮންމެ ގޮތެއްގައިވެސް ޤައުމުގެ އަމަންއަމާންކަން އެބަ ހިފަހައްޓަންޖެހޭ. ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެހެންވީމާ، ހަމައެކަނި ތި ވިދާޅުވިހެން، ސިޔާސީ ފިކުރެއްގައި ނިކުމެ އަޅުގަނޑުމެންގެ މި ޤައުމަކީ މިއީ ސިޔާސީ ސަބަބުތަކަށްޓަކައި ޤަބީލާތަކެއްގެ ގޮތުގައި ބައިބައިވެފައި އޮތް ތަނަކަށްވާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި އެކަކު އަނެކަކަށް ކަރުގައި ހިފާކަށް ނުޖެހޭ. އެހިސާބަށް ކަންކަން ދުއްވާލުމަކީ އެއީ ވަރަށް ވިޔާނުދާ ގެއްލުންހުރި ކަމެއް. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް މިކަން ބައްލަވައިގެން، އަޅުގަނޑުމެންގެ ޢާއިލީ ހަމަޖެހުމާއި، ޤައުމުގެ މަޞްލަޙަތަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ދެން އަޅުގަނޑުމެންގެ ތެރޭގައި މިހާރު ދެކެވެމުންދާ ވާހަކައެއް. ރައީސް މިއަންނަ ދައުރަށް ކުރިމަތިލައްވަފާނެތޯ، ނުލައްވާނެތޯ. އާދެ! ކިހިނެއްތޯ މިހާރު އެކަމާ ބެހޭގޮތުން ވަކިގޮތެއް ނިންމަވައިފިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އެކަމާ މެދުގައި ވިސްނަމުން މިގެންދަނީ. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އެކަމާ ބެހޭގޮތުން ގޮތެއް ނިމޭނެ.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

ޕާޓީއަކުން އެ ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ނޫނީ ރަނިންގމޭޓެއް ގޮތުގައި ހުށަހަޅުއްވައިފިނަމަ، އެކަން ޤަބޫލުފުޅު ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ތިކަމާ ދޭތެރޭ ވަކި އެއްޗެއް އަޅުގަނޑު މިވަގުތު ދަންނަވާކަށް ނެތިން.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ޕްރޮގްރާމް ނިންމާލުމުގެ ކުރީގައި، މަނިކުފާނު ފާހަގަކުރައްވާނެ އެހެން ކަމެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ޤައުމު ޞުލްޙަވެރިކަމާ އެކީގައި، ކުރިއަށް ގެންދިޔުން އެއީ އެންމެ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން އެންމެންވެސް ދެކެން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި، އެންމެންނަކީވެސް ހަމަ ޤައުމުގެ މަޞްލަޙަތާއި، ޤައުމުގެ ކުރިއެރުމަށް ވިސްނާ މީހުން. އެހެންވީމާ، ވަކިބަޔަކުގެ ޤައުމަށް ހެޔޮވެފައި، އަނެއްބަޔަކު ހެޔޮނުވާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން އެކަމުގައި ތަފާތު ފިކުރު ހުރެދާނެ. އެހެން ނަމަވެސް، އެ ތަފާތު ފިކުރުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއް ބަޔަކު ހަލާކުކޮށްލުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ އަދި އޭގެ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވީމާ، ސިޔާސީ ފިކުރު އެއީ އަޅުގަނޑުމެން އެންމެން ބައިބައިކޮށް، އަޅުގަނޑުމެންގެ ތެރޭގައި ފުން ޒަޚަމްތަކެއް އުފައްދާ ކަމަކަށްވާކަށް ނުޖެހޭ. އެހެންވީމާ، އަދިވެސް އެއްފަހަރު އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން ނުއުފައްދާވާނެ ގޮތަކަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ދެން އެއްވެސް ހާލެއްގައި އަޅުގަނޑު މިމަގާމުގައި ހުއްޓައި، ޤައުމުގެ ކަންކަން، އަމަންއަމާންކަން ގެއްލި، މިތަނަށް ނުރައްކާ، ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް އިރާދަކުރެއްވިއްޔާ، ކަންތައްދިޔަކަނުދޭނަން އަޅުގަނޑު. ﷲ އިރާދަކުރެއްވިއްޔާ، މި ޤައުމަކީ ހަމަ ޞުލްޙަވެރިކަމާ އެކީގައި، އަމަންއަމާންކަން އޮތް އަދި މާތްﷲ އިރާދަކުރެއްވިއްޔާ، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ކުރިއަރަމުންދާ ތަނެއް ކަމުގައި ވެގެންދާނެ.

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! ވަރަށް ބިޒީކޮށް އުޅުއްވަމުންވެސް، އަޅުގަނޑުމެންގެ [ރާއްޖެ މިއަދު] ޕްރޮގްރާމަށް ދެއްވި މަޢުލޫމާތަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ޝުކުރިއްޔާ!

ޕްރެޒެންޓަރ މުޙަންމަދު ނާޞިޙު:

އާދެ! މިރޭގެ [ރާއްޖެ މިއަދު] ބެއްލެވީތީ، ތިޔަ އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ވަކިވެލަން.

والســّلام عليــكم