ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދަވަން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިރޭ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިހާރު ކުރަން ހުރި ގިނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އަލަށް ހަދަންޖެހޭ ޤާނޫނުތައް ހެދުމުގެ މަސައްކަތްކަމަށްވުމާ، މިކަންކަމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވެންހުރި ކަންތައްތައްކަމަށްވާތީއާއި މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށްކަމަށްވާތީ މިގޮތަށް ނިންމެވީއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާނީވެސް މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަލްފާޟިލް އަޙްމަދު މުޖުތަބާއެވެ.