ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، [މޯލްޑިވިއަން ބްލަޑް ސަރވިސަސް]ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މިއަދު  އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
 
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ލޭ ހޯދުމާއި، ލޭ ރައްކާކުރުމުގެ ޚިދްމަތް ދިނުމާއި، ލޭގެ ބަލިތަކަށް ފަރުވާކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމް ކުރުމަކީ، ބޭނުންތެރި ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީއެވެ.
    
މޯލްޑިވިއަން ބްލަޑް ސަރވިސަސް އުފެއްދެވުމާ ގުޅިގެން، ޤާނޫނު ނަންބަރު: 2012/4 (ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެދިފައިވާ [ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ] ހިނގަމުންދާނީ، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.