بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢަދާލަތު ޕާޓީގެ ރައީސް، ޢަދާލަތު ޕާޓީގެ ކައުންސިލްގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ކޮންމެ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ اللّـه سبحـانـه وتعـالى. އަޅުގަނޑުމެންނަށް ޙަޤީޤަތް ތަޞައްވުރުވެގެންދަނީ އަޅުގަނޑުމެން ހުންނަ ތާކުން، އިންނަ ތާކުން، ނޫނީ އޮންނަ ތާކުން. މިއަދު ރާއްޖެއަށް އައިސްފައިވާ މިބަދަލުތަކާ ބެހޭގޮތުން، މިއަހަރުގެ ކުރީކޮޅު އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ސިޔާސީ ގޮތުން ކަންކަން ވެގެން ދިޔަ ގޮތް، އޭގެ ސަބަބުން ރާއްޖެއަށް އައިސްފައިވާ ބޮޑު ބަދަލު އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވިގެން ގޮސްފައިމިވަނީ އެކި މީހުންނަށް އެކި ގޮތަށް. މިއަދު މި މަޢުރަޒުން ތިޔަ ފެނިވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ގިނަ ބަޔަކު އެކަން ދުށް ގޮތް. އޭގެ ތަޞައްވުރު ކުރެހުމުގެ ސިފައިގައި މިއަދު އެވާހަކަ މިތާނގައި މިއޮތީ ދައްކާލެވިފައި.

ނަމަވެސް މިނޫން ގޮތަކަށް ޙަޤީޤަތް ދެކޭ ބަޔަކުވެސް އެބަ އުޅޭ. އެހެންވީމާ، ޙަޤީޤަތް ސާފުކުރުމަށްޓަކައި އަޅުގަނޑުމެން މިޖެހެނީ އެންމެން ޤަބޫލްކުރާ، އިތުބާރުކުރާ، މެކޭނިޒަމެއް ނޫނީ ނިޒާމެއް އުފައްދަން. އެ މޭރުމުން އަޅުގަނޑުމެން މިވަނީ ފެބްރުއަރީ 6، 7 ގައި ހިނގި ހާދިސާއާ ބެހޭ ގޮތުން، އޭގެ ޙަޤީޤަތް ސާފުކުރުމަށްޓަކައި ކޮމިޝަން އޮފް އިންކުއަރީއެއް އުފައްދާފައި. އެކޮމިޝަނުގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އެންމެ އިތުބާރު ކުރެވޭ ޤަދަރުހުރި ބޭފުޅުންވެސް ހިމަނާފައި އެތިބީ. އަދި ބައިނަލްއަޤްވާމީ ގޮތުންވެސް، ބައިނަލްއަޤްވާމީ ޖަމާޢަތްތައްވެސް އ.ދ. އާއި ކޮމޮންވެލްތް ޤަބޫލުކުރާ ޤަދަރުހުރި، އިތުބާރުކުރެވޭ ބަޔަކުވެސް އެކޮމިޝަނުގައިވަނީ ހިމަނާފައި. އަދި އަޅުގަނޑުމެން ކަންކަން ދެކޭ ގޮތާ ޚިޔާލު ތަފާތުވާ ފަރާތެއް، އެފަރާތުގެ މަންދޫބުންވެސް އެކޮމިޝަނުގައިވަނީ ހިމަނާފައި.

އެހެންވީމާ، ހުރިހާ އެންމެންނަށް ގަބޫލުކުރެވޭ، ހުރިހާ އެންމެންނަށް އިތުބާރުކުރެވޭ ސިފައެއްގައި ކޮމިޝަނެއް އެކުލަވާލެވި، އެ ކޮމިޝަނުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް މި އަންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިހިނގާދިޔަ ކަންތައްތައް ހިނގާދިޔަ ގޮތުގެ ޙަޤީޤަތް، ރަސްމީ ގޮތުން އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކަށް ވާނީ މިކޮމިޝަނުން ނިންމަވާ ގޮތެއް. އަދި ހަމައެހެން، ދައުލަތުގެ ފަރާތުން ޤާނޫނީ ގޮތުން އުފައްދަވާފައިވާ އެކިއެކި މުއައްސަސާތައް، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ކޮމިޝަންތަކުން ނިންމަވާ ގޮތް، އެއީ ރަސްމީ ގޮތެއް ކަމުގައި ކަނޑައެޅިގެންދާނީ.

ކުރިން ދެންވިހެން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ اللّـه سبحـانـه وتعـالى. އަޅުގަނޑުމެންނަށް މިކަންކަން އެނގޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެއް. އެހެންނަމަވެސް އެ އެނގޭ އެއްޗެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެން ކަންކަން ނިންމަން ގަސްދުކުރާ ގޮތް ހަމަޖެހިގެން މިދަނީ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތްތަކެއް އެބަހުރި. ސަބަބުތަކެއް އެބަހުރި ކަންކަން ވެގެން ދިޔަ ގޮތާމެދުގައި. އެހެންވީމާ، އެސަބަބުތަކާއި، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތާއި، އަޅުގަނޑުމެންނަށް ފެނުނު އެއްޗެއްގެ މައްޗަށް ބިނާކޮށް، މިއަދު މިމަޢުރަޒުގެ ކުރެހުންތައް ކުރަހާލެވިފައި މިވަނީ. އަޅުގަނޑު ޔަޤީންކުރަން، މީގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް މި ޙަޤީޤަތް ކޮންމެވެސް ވަރަކަށް އިތުރަށް ސާފުވެގެން ދާނެކަމަށް.

މިމަސައްކަތް ކޮށްދެއްވި ކުރެހުންތެރިޔާއަށް، އަޅުގަނޑަށް ޚަބަރު ލިބިފައިވާގޮތުގައި އެންމެ ބޭފުޅެއްގެ މަސައްކަތްމީ. ވީމާ، އެބޭފުޅާއަށް އަޅުގަނޑު މުބާރަކްބާދީ ދަންނަވަން. އަދި މިހާ ބޮޑު މަސައްކަތެއް އިސްނަންގަވައިގެން ކޮށްދެއްވި ކަމަށްޓަކައި، ޢަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ނިންމުމުގައި އެއްވެސް ބަޔަކު، ތިމަންނަމެންނަށް ކަން އެނގޭ ގޮތް އެއީ، ހަމައެކަނި އޮތް ގޮތް ކަމަށް ދެކި، އަދި ތިމަންނަމެން މިތިބި ގޮތަކީ، މިއީ އެންމެ ރަގަޅު ގޮތް ކަމަށް ދެކިގެން، ގޮތްދޫނުކޮށް، އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ހިސާބަށް ނުދާނެކަމާއި، ކިތަންމެ ރަނގަޅަށް އަޅުގަނޑުމެން ގޮތެއް ޤަބޫލުކުރި ކަމުގައި ވިޔަސް އެއީ، އޭގެ ޙަޤީޤަތްކަމަށް ނުވެވެސް ހަމަ ހިނގައިދާނެ.

އެހެންވީމާ، އަޅުގަނޑު ހުރިހާ ފަރާތްތަކަކަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް، އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތް އެއީ ހަމަ އޮތް އެންމެ ގޮތްކަމަށް ދެކިގެން، ގޮތްދޫނުކޮށް އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ހަނގުރާމަކުރާ ހިސާބަށް ދިޔުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ ފުރިހަމަ އީމާންކަމެއްގައި ތިބޭ ބަޔަކު ކުރާވަރު ކަންތައްތަކެއް ނޫނޭ. އެއްގޮތަކަށްވެސް އެހިސާބަށް ކަންކަން ދުއްވާލުމަކީ އެއީ، މުއުމިނުން ކުރަންވާވަރު ކަންތައްތަކެއްނޫނޭ. އަޅުގަނޑުމެން ޖެހޭނީ އެއަށްވުރެ ބޮޑަށް އެހެނިހެން ވެލިއުސްތަކަށް އިސްކަންދޭން. އެ ވެލިއުސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ މުސްލިމުންގެ ތެރޭގައި އޮންނަ އުޚުވަތްތެރިކަމާއި، އެއްބަނޑުއެއްބަފާކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމާއި، އަޅާލުމާއި، މިކަންކަމަށް އަޅުގަނޑުމެން އެބަޖެހޭ އިސްކަންދޭން. އެހެންވީމާ، އަޅުގަނޑުމެން ކަންކަން ދެކޭ ގޮތް އެއީ، ހަމަ އެންމެ މޮޅު ގޮތް ކަމަށް ދެކިގެން، ގޮތްދޫނުކޮށް، އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް، އެއީކީ އެންމެ ރަނގަޅު ގޮތެއްނޫން. މިއަދުގެ މިމަޢުރަޒުންވެސް އަޅުގަނޑުމެންނަށް އެކަން ސާފުވެގެންދާނެ.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް މިފުރުޞަތު ދެއްވި ކަމަށްޓަކައި. އަޅުގަނޑުގެ އުންމީދަކީ، ވީހާވެސް ގިނަ ބަޔަކު މިމަޢުރަޒު ބައްލަވަން ވަޑައިގަތުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

والســّلام عليــكم ورحـمــة اللّـه وبـركاتـه