ސިޔާސީ ޕާޓީތަކުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ މަޝްވަރާ ބައްދަލުވުން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައި، މި ބައްދަލުވުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިއްޔެ ދަޢުވަތު ފޮނުއްވައިފިއެވެ. މި ބައްދަލުވުން އޮންނާނީ އެރޭ 9 ޖަހާއިރު ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މި ބާއްވަވާ މަޝްވަރާ ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައި ސިޓީ ފޮނުއްވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށާއި، ދިވެހި ރައްޔިތުންގެ ޕާޓީއަށާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށާއި، ދިވެހި ޤައުމީ ޕާޓީއަށާއި، ޢަދާލަތު ޕާޓީއަށާއި، ޖުމްހޫރީ ޕާޓީއަށާއި، ޕީޕަލްސް އެލަޔަންސަށާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓަށެވެ.