ކޯނީގެ ރިޕޯޓަކީ، ވަކި ފަރާތަކަށް ނުޖެހި، ޙަޤީޤަތް ސާބިތުކޮށްދޭ ރަނގަޅު ރިޕޯޓަކަށްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓީ.ވީ. މޯލްޑިވްސުން ރޭ ފޮނުވި "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯނީގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާ، މިކަންކަމާ ދޭތެރޭގައި އޮންނަންވީ އިތުބާރު މިހާރު މި އޮތީ ވަރަށް ރަނގަޅަށް އުފެދިފައިކަން ފާހަގަކުރެއްވިއެވެ. އެހެންވީމާ، ކޯނީގެ ރިޕޯޓަކީ، އެންމެންވެސް ގަބޫލުކުރަންޖެހޭ ރިޕޯޓެއް ކަމަށާއި، ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި ބޭފުޅަކުވެސް ކޯނީގައި ހިމަނުއްވާފައިވަނީ އެކަމަށް ޝަރުޠުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިތުބާރާ ދޭތެރޭގައި ބޭރުގެ އެއްވެސް ފަރާތަކުން ސުވާލު ނުކުރާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމިޝަންގެ ޑްރާފްޓް ރިޕޯޓާ ދޭތެރޭގައި، ރައީސް ނަޝީދުގެ ފަރާތްޕުޅުން ހިމެނިވަޑައިގަންނަވާ މެންބަރު ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާތީ، އޭގެ ސަބަބަން ކޮމިޝަންގެ ނިންމުންތަކަށް އަސަރެއް ކޮށްފާނެތޯ ދެންނެވުމުން، އެއްބަސްވެފައި އޮންނާނީ ކޮމިޝަންގެ މަސައްކަތް ނިމެންދެން ކޮމިޝަންގެ އެއްވެސް ބޭފުޅަކު، އެއާ ބެހޭ މަޢްލޫމާތު ބޭރު ނުކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެ ދެއްވި އިންޓަރވިޔު ދެއްވީ އެ އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ކަމަށް ވިދާޅުވެ، އެބާވަތުގެ ކަންތައްތައް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމެއް އޮތްކަމަށްވާނަމަ، ދެން ތިއްބެވި މެންބަރުންނާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވަންވީ ކަމަށާއި، އެތާނގައި ދެކެވޭ ވާހަކަތަކާއި ހުރި ހިތްހަމަނުޖެހުންތައް ހިފައިގެން މަގުމައްޗަށް ނުކުންނާކަށް ނުޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށްވުރެވެސް ބޮޑަށް ބަދަހިކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، ރާއްޖޭގެ ކަންކަން ޞުލްޙަވެރިކަމާއެކީގައި ކުރިއަށް ދިޔުމަށް އެބޭފުޅުންވެސް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.