ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ.އެލް.ޕީރިސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހު އޮތްމި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ތާރީޚީ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމައަކަށް އެޅުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށްޓެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތުވެސް، އެކްސްޓަރނަލް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.