ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަޢުވަތަކަށް ސްރީލަންކާއަށް ކުރައްވާ 3 ދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި މިއަދު ސްރީލަންކާއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ.އެލް. ޕީރިސްއާއި، ސްރީލަންކާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ އަލްފާޟިލް ޙުސައިން ޝިހާބާއި، ހައިކޮމިޝަންގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުގައި މިއަދު ހަވީރުއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސާ ބައްދަލުކުރައްވާނެއެވެ. އެއަށްފަހު، ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތް އޮންނާނީ މިރެއެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ސްރީލަންކާގެ ބައެއް ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.