ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާއަށް ކުރައްވާ 3 ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރަށް ބަދަހިކަމާއެކު ކުރިއަށް އެބަދާ ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން މި ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސާއި ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ސްރީލަންކާގެ ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސްރީލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި ހުރުމާއެކު، ފަތުރުވެރިކަމަށް އަލަށް ހުޅުއްވާލައްވާ ރަށްތަކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އަނެއް ބޭނުންފުޅަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރައްވައި، ރާއްޖެއަށް އިމްޕޯޓު ކުރެވޭ ތަކެތި އިތުރުކުރެއްވުމާއި، ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިތުރުވަމުންދާތީ، އެފަދަ ބާވަތްތައް ސްރީލަންކާއަށް އެކްސްޕޯޓު ކުރުމުގެ އިތުރު ފުރުޞަތު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތައްވެސް ބައިވެރިކުރައްވައެވެ.