ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައްދަލުކުރައްވައި، ޢީދުގެ ސަލާން ކުރައްވައިފިއެވެ. ޢީދުގެ ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު 9.30 އިން 10.30 އަށް މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޢީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން، ޢީދުގެ ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޙާޒިރުވިއެވެ.