މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު މިއަދު ހުޅުއްވައިލައްވައި، އެކަމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މިއިނާމާބެހޭ އިތުރު ތަފްޞީލު މަޢުލޫމާތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވީ، މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، އެ ކޮމިޓީގެ ޗެއަރމަން ޑޮކްޓަރ އަޙްމަދު އަންވަރާއި، ކޮމިޓީގެ އެހެން މެންބަރުންނެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ހެންވޭރު ކަނޑޫމާގޭ އަލްފާޟިލާ އާމިނަތު ރީނާއެވެ. އަދި މި ކޮމިޓީގައި ޤައުމީ އިނާމާބެހޭ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މެންބަރު އަލްފާޟިލް ޙުސައިން ޢާމިރު ހިމެނިވަޑައިގަންނަވައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ފާހަގަކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދަންނަވާ ކަންކަމަށެވެ.

1. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

ފުރިހަމަކޮށްފައިވާ ކޯހަކީ، ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސަނަދެއް ދީފައިވާ ކޯހަކަށްވުން. އޯޑިނަރީ ބެޗްލަރޒް ޑިގްރީއަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެކެވެ.

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލްކުރުން.
މި ސަނަދުތަކުގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރ އޮފް ފިލޯސަފީއާއި، ޕްރޮފެޝަނަލް ޑޮކްޓަރޭޓާ، މިފެންވަރުގެ ސަނަދުތަކެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަނަދު ޙާޞިލު ކުރުމަށްފަހު، ދިވެހިރާއްޖެއަށް ޚިދްމަތްކުރާ ދިވެހިންނަށެވެ.

3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.

4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން.

5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ކަނޑައަޅާ ދާއިރާއަކުން ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް މަސައްކަތެއްކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށެވެ. މި އިނާމުދޭން ކަނޑައެޅޭ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާތަކާއި، އިނާމުދެވޭ ފެންވަރު، ކޮންމެ އަހަރަކު އިޢުލާނު ކުރެވޭނެއެވެ. މި އިނާމުދޭނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން، ކުރިއަށް އޮންނަ އަހަރު އިނާމު ދެވޭ ދާއިރާ ނުވަތަ ރޮނގު އިޢުލާނު ކުރާނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދެންނެވި ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން، ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރްޞަތު، މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00ގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ.

އިނާމަށް ނަން ހުށަހަޅާ ފޯމް، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.