މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، މިއަދު ހުޅުއްވާލައްވައިފި ކަމަށާއި، މި އިނާމާބެހޭ ކަންތައްތައް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ އަންނަނިވި ކަންކަމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.     މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
2.     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.
3.     ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4.     މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން.
5.     ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.
މި ގިންތިތަކުގެ ތެރެއިން 5 ވަނަ ގިންތިއަށް އިނާމު ދެއްވަން ފަށްޓަވާނީ، 2013 ވަނަ އަހަރުން ފެށިގެން ކަމަށާއި، މި ގިންތިން އިނާމު ދެވޭނެ ދާއިރާ އިޢުލާނު ކުރައްވާނީ، ޚާއްޞަ އިނާމު މިއަހަރު ދެއްވާ ޖަލްސާގައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  
ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް 2 ފޯމެއް ކަނޑައެޅިފައިވާކަމަށާއި، އިނާމު ދިނުމަށް ކަނޑައެޅިފައިވާ 1 ވަނަ ގިންތިއަށާއި 2 ވަނަ ގިންތިއަށް ނަން ހުށަހެޅުއްވުމަށް ފުރިހަމަކުރައްވާނީ "މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި ހުށަހަޅާ ފޯމު 1" ކަމަށާއި، 3 ވަނަ ގިންތިއަށާއި 4 ވަނަ ގިންތިއަށް ނަން ހުށަހެޅުއްވުމަށް ފުރިހަމަކުރައްވާނީ "މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި ހުށަހަޅާ ފޯމު 2" ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. ފޯމު ފުރިހަމަކުރައްވައި ފޮނުއްވާނީ، "ޚާއްޞަ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކުރައްވައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3.00ގެ ކުރިން މިއޮފީހަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ލިޔުމާއި، އިނާމަށް އެދި ނަން ހުށަހަޅާ ފޯމުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާއްޞަ އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރު 3336206 ފޯނަށް ނުވަތަ 3323701 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.