މައްކާގައި މިހާރު ހިނގަމުންދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާރ އޯޑިނަރީ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ ވާހަކަފުޅު ދައްކަވާނެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯ.އައި.ސީ.ގެ މި ޚާއްޞަ ޖަލްސާ ފެށުނީ، ރާއްޖޭ ގަޑިން ރޭ މެންދަމު 1.30 ގައެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒެވެ. މި ޖަލްސާގައި، އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުގެ އެންމެމަތީ ވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރޭގެ ޖަލްސާގައި، މީގެތެރެއިން ބައެއް ޤައުމުތަކުގެ ވެރިން ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި މައިގަނޑު ގޮތެއްގައި މެންބަރުން މަޝްވަރާ ކުރައްވަމުން ގެންދަވަނީ، މައިގަނޑު ހަތަރު މައްސަލައަކާ ބެހޭގޮތުންނެވެ. އެއީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާ ބެހޭގޮތުންނާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުންނާއި، ބަރުމާގައި ދިރިއުޅޭ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އަދި މާލީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުންނެވެ.

ރޭގެ ޖަލްސާގައި ތަޤްރީރު ކުރެއްވި ބޭފުޅުން، މި މައްސަލަތަކާ ބެހޭގޮތުން އަލިއަޅުއްވާލައްވައި، މި މައްސަލަތައް ޙައްލު ކުރެއްވުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އިސްލާމީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ބެހޭގޮތުންވެސް، މިޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.