ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމުގެ މަތިން، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ވަޙީދާއި، ޑީ.އާރު.ޕީ ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުސޫމާއި، ޕީ.ޕީ.އެމް ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފާއި، ޖުމްހޫރީ ޕާޓީ މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމާއި، ޕީ.އޭ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރާއި، ޤައުމީ ޕާޓީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.