ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިޖަލްސާގައި އެންމެ މުހިންމު މައުޟޫޢެއްގެ ގޮތުގައި ވާހަކަދެކެވޭނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާބެހޭގޮތުންނާއި، އިސްލާމީ އުންމަތުގެ އެކުވެރިކަމާއި ބަދަހިގުޅުންތަކުގެ މުހިންމު ކަމާބެހޭގޮތުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއެކު އިސްލާމީ ޤައުމުތަކުގެ މެދުގައި މިހާރަށްވުރެބޮޑަށް އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށްޓަކައި މިޖަލްސާގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވާލައްވާފައިވާ މިސްކިތްތަކާބެހޭ ފަންޑަށް ފައިސާ ހޯދުމަށް ސަޢުދީޢަރަބިޔާގައިވެސް މަސައްކަތްތަކެއް ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުންވެސް، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.