بســم اللّـه الرّحمـن الرّحيــم

އާދެ! ވަޑައިގެން ތިއްބެވި އެންމެހާ ވަޒީރުން. އަދި އެމް.އެން.ޑީ.އެފް. އަދި ޕޮލިސް ހުރިހާ ބޭފުޅުން. އެންމެ އިސްބޭފުޅުން. އަދި އެސް.ޓީ.އޯ.ގެ ފަރާތުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގެންނެވި، ހުޅުމާލޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި، ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.

السّــلام عليــكم

އާދެ! ޝައްކެއްނެތް، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ރައްޔިތުންނާ އެކުވެގެން ރައްޔިތުންގެ ތަރައްޤީއަށް، ޤައުމެއްގެ ތަރައްޤީއަށް ޙަޤީޤަތުގައި މަސައްކަތް ކުރަންވީ ގޮތަށް މަސައްކަތް ކުރީމާ ފެންނާނެ ނަތީޖާގެ މިސާލުތައް. އާދެ! ޙަޤީޤަތުގައި ޤައުމެއްގެ ތަރައްޤީއަކީ، އެ ޤައުމެއްގެ ރައްޔިތުން އެކަތިގަނޑަކަށްވެ، އެއްބަޔަކަށްވެގެން، އެއްބައެއްގެ ގޮތުގައި އެކި މަސައްކަތްތަކުގައި ބައިވެރިވެ، ޒުވާނުންގެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަން ދިނުންކަން އަޅުގަނޑުމެންނަށް ވަނީ ވަރަށްގިނަ ތަޖްރިބާތަކުން އެނގިފައި. އާދެ! އޭގެ ނަތީޖާ މިރޭ އަޅުގަނޑުމެންނަށް މިފެންނަނީ.

އާދެ! އެސް.ޓީ.އޯ.ގެ ފަރާތުން ދެންމެ އަޅުގަނޑުމެންނަށް ދެއްކެވި ވީޑިއޯގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ވަރަށް ޒިންމާދާރު ގޮތެއްގައި އެސް.ޓީ.އޯ މަސައްކަތް ކުރަމުންދާތަން. ހަމައެގޮތަށް އަޅުގަނޑުމެން ވިސްނާލާއިރުގައި، އެސް.ޓީ.އޯ އަކީ އެއީ ރައްޔިތުންގެ ޙިއްޞާވާ ކުންފުންޏެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެހެންވީމާ، މުޅި ހުރިހާ ރައްޔިތުންގެ ޙިއްޞާ މީގައިވާކަން. ދެން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އެމް.އެން.ޑީ.އެފް އަދި ޕޮލިސް ސަރވިސަސް އަދި މިފަރާތުންވެސް ކުޅުއްވި އަގުހުރި މަސައްކަތުގެ ނަތީޖާ. އާދެ! މިއަދު އަޅުގަނޑުމެންނަށް އެނގޭ، ސިފައިންނަކީ ނުވަތަ ފުލުހުންނަކީ ހަމައެކަނި ޤައުމުގައި ހަތިޔާރު އަޅައިގެން ތިބި ނޫނީ މަޞްލަޙަތު ހަމަޖައްސަން ތިބި ސިވިލް ބައެއް ނޫންކަން. މިއަދު އެފަރާތުން އަޅުގަނޑުމެންނަށް ހާމަކޮށްދެނީ، އެމީހުންނަކީވެސް ހަމަ ދިވެހި ޤައުމުދެކެ ލޯބިވާ، މި ވަޠަންދެކެ ލޯބިވާ، ޤައުމަށްޓަކައި ޖިހާދުވާނޭ ލޮބުވެތި ދަރިންކަން. އަދި އެމީހުންގެ ޙިއްޞާ، އެމީހުން ބޭނުންކަން ރައްޔިތުންނާ ޙިއްޞާކޮށް، އެކަމުގެ އަގުހުރި ނަތީޖާ ރައްޔިތުންނަށް ދައްކަން. އަދި އޭގައި ބައިވެރިވާން. އާދެ! މީގައި އަޅުގަނޑު ދަންނަވާނީ، ސިފައިންނަކީ އަދި ފުލުހުންނަކީ ވަރަށްބުރަ، ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާ ފަރާތެކޭ. އެބޭފުޅުންގެ ވަގުތުތަކަކީ، އެތައް ގޮތަކުން، ޤައުމުގެ ދިފާޢުގައި، ޤައުމުގެ މަޞްލަޙަތަށް އެތައް މަސައްކަތްތަކެއް ކުރައްވާ ވަގުތުތަކެކޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މީގެކުރިންވެސް ފެނިގެންދިޔަ، ސާކް ސަމިޓަށް ތައްޔާރުވެގެންދިޔައިރުވެސް، އެ ސިފައިންގެ މަސައްކަތާއި އަދި ފުލުހުންގެ އެހީތެރިކަން. އާދެ! މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، މިއީ އެ ފުލުހުންނާއި ސިފައިން ރައްޔިތުންނާ އެކުގައި މަސައްކަތް ކުރަން ތިބި ކަމުގެ ފުރިހަމަ ނިޝާންކަން. އަދި ޢަމަލީގޮތުން އެކަން އެމީހުން އެބަ ދައްކައިދޭކަން.

އާދެ! އަމިއްލަ ކުންފުނިތަކަކީ ނުވަތަ ކުންފުނިތަކަކީވެސް އެއީ ޒިންމާދާރު ބަޔަކަށް މިއަދުވާން އެބަޖެހޭ. އެގޮތުން، އެސް.ޓީ.އޯ އިން އެ ދައްކަވާ މިސާލު، ވަރަށް ޒުވާން އަދި ހީވާގި އިސް ބޭފުޅުންތަކެއް ތިއްބަވައިގެން، އެސް.ޓީ.އޯ.ގެ ކަންތައްތައް ހިނގަމުން އެދަނީ. ވީމާ، އަޅުގަނޑު އަދި ފާހަގަކޮށްލަން ބޭނުންވަނީ، އެސް.ޓީ.އޯ. އިން އެކުރައްވާ ޙިއްޞާ، ސިފައިން އެކުރައްވާ ޙިއްޞާ އަދި ޔޫތު މިނިސްޓްރީގެ ފަރާތުން އިސްނަންގަވައިގެން، އެކަންތައް ކުރައްވަމުން ގެންދަވަނީ، އެއީ ވަކި ދިމާލަކަށް، ވަކި ކުލައަކަށް، ވަކި އަސަރަކަށް، ވަކި ވިސްނުމަކަށް ފަހަރެއްގައިވެސް ވިސްނަވައިގެނެއް ނޫނޭ. އޭގެ ނަތީޖާއެއް މިއަދު މިއީ، އަޅުގަނޑުމެންނަށް މިފެންނަނީ. އާދެ! އެއީ އަޅުގަނޑު މިހެން މިދެންނެވީ، މި ދަނޑުގައި، މިދަނޑުގައި ކުޅޭނީކީ ވަކި ޚިޔާލަކަށް ތާއީދުކުރާ ބައެއް ނޫން. ވަކި މިޞްރާބަކަށް ދާން ބޭނުންވާ ބައެއް ނޫން. މި ދަނޑުގައި އަޅުގަނޑަށް ހަމަ ޔަޤީން، މާތްﷲގެ ރަޙްމަތްފުޅުން މި ދަނޑުގައި އަޅުގަނޑުމެން ދެކޭނަން، ހަމަ ހުރިހާ ކުލަތަކެއް ކުޅެމުންދާތަން. އާދެ! އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފެނެއް. އަޅުގަނޑުމެން ދެކެން ބޭނުންވާ ޙަޤީޤަތެއް. އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދަން ބޭނުންވާ ހުވަފެނެއް. އިރާދަކުރެއްވިއްޔާ، މާތްﷲ އެކަމުގައި އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން.

މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެން ފުރިހަމައަށް ފައިތިލަ ސާބިތުކޮށްގެން ތިބެ، ޤައުމުގެ ނަމުގައި ޤައުމަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ މިއީ އަޅުގަނޑުމެންނަށް މާތްﷲ ކާމިޔާބު ދެއްވާނެ ކަމެއް. އެކަމުގެ ކާމިޔާބު އަޅުގަނޑުމެންނަށް މިހާރު ފެންނަމުން އެބަދޭ. އަޅުގަނޑުމެންނަށް އެނގޭ، އެކަމުގެ ކާމިޔާބު، އަޅުގަނޑުމެންނަށް ކާމިޔާބުގެ މަގުގައި އަޅުގަނޑުމެންނަށް ފައިތިލަ ސާބިތު ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން. އަޅުގަނޑުމެން އެއްވެސް ދަތިކަމެއް، އުނދަގޫކަމެއް، މި މިޞްރާބަށް މިއަދު މި ސަރުކާރުން މިދަނީ ފިސާރި ކެރިގެން. ފިސާރި އެކަމާ ދޭތެރޭގައި ވިސްނައި، ރައްޔިތުންގެ ޝުޢޫރުތަކާއި ޚިޔާލުތަކާ އެކުގައި. އަދި ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން މިދަނީ މަޝްވަރާގެ މަތިވެރި މާތްވެގެންވާ ކީރިތި ރަސޫލާގެ މަޝްވަރާގެ އުޞޫލުތަކާއި އެ މާތް ރޭއްވެވުމުގެ އެ މާތް އަޞްލަށް، އެ ކަންތައް ރަސޫލާ ގެންދެވި ގޮތުގެ މަތިން، އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން އަޅުގަނޑުމެން މިދަނީ. އާދެ! އަޅުގަނޑުމެން އެއްވެސް ކަމެއް، މަޝްވަރާއެއްގެ ތެރެއިން ނޫނީ އިރާދަކުރެއްވިއްޔާ ނުނިންމަން. އެކަން ތިޔަބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މަޝްވަރާ ކުރަން އަޅުގަނޑުމެން އަބަދުވެސް މިތިބީ ތައްޔާރަށް. މަޝްވަރާ ކުރުމުގެ މާޙައުލެއް އަޅުގަނޑުމެން އުފެއްދުމުގައި، މިއަދުގެ ރައީސްވެސް މަސައްކަތް ކުރައްވާ. އަދި ވަޒީރުންނާއި، އެހެން ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަނީ، މަޝްވަރާގެ ތެރެއިން ކާމިޔާބެއް ނެރެވޭތޯ. އެއީ މަޝްވަރާއަކީ މާތްﷲ އިންސާނާއަށް ދެއްވާފައި އޮތް އެންމެ އަގުހުރި ނިޢުމަތް. އެ މަޝްވަރާ ކުރުމުގެ އުޞޫލުގެ ތެރެއިން ނޫނިއްޔާ ކަންކަން ނިންމުމަކީ، އެއީ މިއަދުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން.

އާދެ! ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ ހަމަ މިއަދު އެޅުނު ފުރަތަމަ ފިޔަވަޅޭ. އާދެ! ހިޓާޗީ ފުޓްސަލް އެރީނާއަކީ މިއީ އެތައް ދަނޑެއްގެ، އާދެ! މިހާރު އެއްބަސްވެފައިވާ ގޮތުން 7 ދަނޑެއްގެ ފުރަތަމަ ފެށުން. މީގެ ނަތީޖާ އަދި މީގެ އުފާ ޙާޞިލްކުރާނީ، މި ޤައުމުގެ ލޮބުވެތި ޒުވާން ރައްޔިތުން. ޒުވާން ދަރިން. އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ، ޤައުމު ބިނާކުރަންޖެހޭނީ، އެމީހާ ދުނިޔޭގައި ހުރިހާ ދުވަހަކު، އޭނައަށް ރަނގަޅުގޮތެއްވާ ގޮތަކަށް ނޫން. ޤައުމު ބިނާކުރަންޖެހޭނީ، އޭނަ ދުނިޔޭގައި ނެތް ދުވަހަކުން ޤައުމުގައި މަޞްލަޙަތު އޮންނާނެ ގޮތަކަށް. އެ ވިސްނުމުގައި އަޅުގަނޑުމެން ޤައުމު ބިނާކުރަން މަސައްކަތް ކުރަން ޖެހޭނީ. އެގޮތަށް ޤައުމު ބިނާކުރެވޭނީ، ޤައުމުގެ ޒުވާނުންނަށް، އެދަރިންނަކީ އަގުހުރި ބަޔަކަށް ހެދިގެން. އެ ދަރިންނަކީ ޤައުމުދެކެ ލޯބިވާ، ވަޠަންދެކެ ލޯބިވާ ދަރިންނަށް ހެދިގެން. ޤައުމެއްގެ ޒުވާނުން ތަރައްޤީ ކުރުމުގައި، ހަމައެކަނި އިސްކަންދޭންޖެހޭނީ ތަޢުލީމަށް އެކަންޏެއް ނޫން. މިއަދުގެ މާހިރުން، މިއަދުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ކުޅިވަރަކީ ނުވަތަ އެކިއެކި އެތްލެޓިކްސް ކުޅިވަރުތަކަކީ، މީހާގެ ނަފްސު ވަރަށް ރަނގަޅަށް ބައްޓަންކޮށްދީ، އަމިއްލަ ނަފްސުގެ މައްޗަށް އިތާބުރު އުފައްދައިދޭ ކަމެއް. އެކަމަކީ އަޅުގަނޑުމެންނަށް ހަމަ ކުޑަވެސް ޝައްކެއްނެތި އެނގޭ ކަމެއް. ވީމާ، މިއަދު އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން ތިފެށްޓެވި މަސައްކަތްޕުޅަކީ އަގުހުރި މަސައްކަތެކޭ. މީގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނީ، ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި، ހުސްއެކަނި މި ފުޓްސަލް ދަނޑަކުން ނޫން. މި ދަނޑުގައި ކުޅޭ ކުދިންނަކީ ތަރުބިއްޔަތުވެ، މަތިވެރި އުޞޫލުތަކެއް ޤަބޫލުކުރާ، ހަމަތަކެއް ޤަބޫލުކުރާ ބަޔަކަށްވެގެން.

އެހެންވީމާ، މިގޮތަށް މިކަންތައްތައް ކުރުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އޮޔާއި ވައި ކޮންމެ ދިމާލަކުން ޖެހުނަސް އަދި ރާޅުތައް ކިތަންމެ ގަދަވެގެންދިޔަޔަސް އަދި ފަރުފަރަށް ދޯނިފަހަރު އެރިޔަސް އަދި އެ ދޯނިފަހަރުން އަޅުގަނޑުމެން ކިތަންމެ ގިނައިން ދިޔަހިއްކަން ޖެހުނު ކަމުގައިވިޔަސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަޤްޞަދަށް އަޅުގަނޑުމެން ދާނަން، ކެރިގެން ތިބެގެން. އެއީކީ އެއްވެސް ބަޔަކަށް ހުއްޓޭނެ ކަމެއް ނޫން. މި ޤައުމުގައި މިފަދަ ކަންތައްތަކަށް ކުރިމަތިލައި، މިއަދު މި ތިއްބެވި ވަޒީރުން، އަދި މި ޤައުމުގައި ތިއްބެވި ވެރިންނަކީ، މިކަން ފިސާރި ރަނގަޅަށް ދެނެތިބި އަދި މިކަން އެނގިގެން، ކޮންކަހަލަ ކަނޑަކަށްކަން މި އެރެނީ، ހިތުގެ އަޑިން ރަނގަޅަށް ފަހުމްވެހުރެ، މިކަމަށް ކުރިމަތިލައިގެން ތިބި މީހުން. އަޅުގަނޑުމެންނަކީ ފަހަރެއްގައިވެސް ފިނިފެންމަލެއްގެ ދާނުގައި ނިދާކަށް، މި ޤައުމަށް އެހީތެރިވާން އައިސްތިބި ބައެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ، ޤައުމުގެ ކަންތައްތައް ހުރީ ކިހިނެއްކަން. އަޅުގަނޑުމެންނަށް އެނގޭ، އިޤްތިޞާދީ ޙާލަތު އޮތީ ކިހިނެއްކަން. އަޅުގަނޑުމެންނަށް އެނގޭ، ބައިނަލްއަޤްވާމީ މުޖްތަމަޢުން އަޅުގަނޑުމެންނާ ދޭތެރޭގައި ވިސްނަމުންދަނީ ކޮންގޮތަކަށްކަން. އަޅުގަނޑުމެންނަށް އެނގޭ، މާތްވެގެންވާ އިސްލާމްދީނުގައި، އެކަންތައްތަކާމެދު އެކި ފަރާތްތަކުން ވިސްނަނީ ކޮން ގޮތްގޮތަކަށްކަން. މިކަން އެނގި ތިބެ އަޅުގަނޑުމެން މިތިބީ މިކަމުގައި.

އެހެންވީމާ، އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި، މި ލޮބުވެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގައި އަޅުގަނޑުމެން ފަހަށްޖެހޭނޭ. ނާ ނޫން ނޫން ނުޖެހޭނެ. އެއީ މުޅިން މޮޔަ ހީފުޅެއް. އާދެ! އަޅުގަނޑުމެން މިދަންނަވަން ބޭނުންވާ އެއްޗަކީ އިނގޭތޯ، މިކަހަލަ މަޝްރޫޢުތައް ތިޔަބޭފުޅުން ކުރިއަށް ގެންދެވުމުގައި، މި ޤައުމުގެ އަދިވެސް އެބަތިބި އިތުރު އެހީތެރިވާންޖެހޭ އަދި އެހީތެރިވާނެ ވިޔަފާރީގެ ފަރާތްތަކާއި އަދި އެހެން ފަރާތްތައްވެސް. އަޅުގަނޑުގެ އުންމީދަކީ، އެފަރާތްތަކުންވެސް މިކަންކަމުގައި އެހީވެދީ އަދި މިކަމުގައި އެއްބާރުދީ، މިކަމާއިގެން ކުރިއަށްދިޔުން. އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޔޫތު މިނިސްޓްރީން މިކަމުގައި މި އިސްނެންގެވި އިސްނެންގެވުމަކީ އަޅުގަނޑުމެން ހަމަ ފާހަގަކުރަންޖެހޭނެ ކަމެއް. އެއީ ކޮންމެ މިނިސްޓްރީއަކަށްވެސް މިއަދު އެބައޮތް، ވަރަށްބޮޑު، ވަރަށްބުރަ މަސްއޫލިއްޔަތެއް. ކޮބައިތޯ އެ މަސްއޫލިއްޔަތަކީ؟ އެއީ އުފެއްދުންތެރިކަމާ އެކުގައި ތިޔަބޭފުޅުންގެ މިނިސްޓްރީތައް ހިންގަވާށޭ. ކޮންމެހެން ޢާންމު ގޮތެއްގައި، މިދިޔަ އަހަރުވެސް ދިޔައީ އެހެން. މީގެ 25 އަހަރުވެސް އޮތީ މިހެން. މީގެ 30 އަހަރުވެސް އޮތީ މިހެން. މީގެ 23 އަހަރުވެސް އޮތީ މިހެން. އެހެންވީމާ، އެގޮތަށް ކަންތައްތައް ގެންދިޔުމެއް ނޫނޭ. މިއަދު މި ޤައުމަށް ބޭނުންވަނީ، ވިސްނުންތެރިކަމާއި އަދި އުފެއްދުންތެރިކަމާއި އަދި ރައްޔިތުންނަށް ފައިދާހުރީ މިއިން ކޮންގޮތަކަށްކަން ވިސްނައިގެން ޤައުމާއިގެން ކުރިއަށްދިޔުން. އެއީ މި ޤައުމު ދެން ކުރިއަށްދާންޖެހޭނެ ގޮތަކީ. އާދެ! އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ހަމައެކަނި ހުސްއެކަނި އެންމެ ފިޔަވަޅެއް ނޫނޭ. މިއީ އެތައް ސަތޭކަ ފިޔަވަޅެއްގެ ފެށުން. އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތްފުޅާ އެކީގައި އަދި އެސް.ޓީ.އޯ.ފަދަ، އެމް.އެން.ޑީ.އެފް.ފަދަ އަދި ފުލުހުންފަދަ އަދި މިނޫންވެސް އަމިއްލަ ފަރާތްތަކާ އެކުގައި، އަޅުގަނޑުމެން މަސައްކަތް ކޮށްގެން، މިކަމުގެ ކާމިޔާބު އަޅުގަނޑުމެން ހޯދާނަން. އާދެ! އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މިގޮތަށް މިކަންތައްތައް ކުރުމަކީ މިއީ ހުސްއެކަނި އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި ދެކިގެނެއް ނޫން. އާދެ! މިކަން މިއަދު އަޅުގަނޑުމެން މިކުރަނީ، މިއީ އަޅުގަނޑުމެން ކުރާހިތުން، ލޯބިވާތީ، ރައްޔިތުންގެ ޙައްޤުގައި ކުރާ ކަމެއްގެ ގޮތުން މިކަން މިކުރަނީ. ފަހަރެއްގައިވެސް މިއީ މަޖުބޫރު ކަމަކަށްވެގެން، ނޫނީވިއްޔާ މިއީ ޤާނޫނުގައި އޮތް ކަމަކަށްވާތީ، ނޫނީ އުޞޫލުތަކެއް ނިންމުމުގެ ގޮތަކުން ނޫން. މިއީ މިކަން ކުރުމަކީ އަޅުގަނޑުމެންގެ ލޯތްބެއް. އަޅުގަނޑުމެން ލޯބިވާ ކަމެއް. އަޅުގަނޑުމެން ކުރާ ކަމެއް. އަޅުގަނޑުމެން ލޯބިވާ ރައްޔިތުންނަށް މިފަދަ ކަންތައްތައް އަޅުގަނޑުމެން ކޮށްދީ، މީގެ ނަތީޖާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޙާޞިލްކުރާނަން.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިފަދަ ކަންތައްތަކަށް ހިތްވަރު ދެއްވާ ބޭފުޅުން، އަޅުގަނޑުމެން އަބަދުވެސް އެބޭފުޅުންގެ އަގު ވަޒަންކުރަން ޖެހޭނެ. އާދެ! އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ތަފާތު އެކިއެކި މަރްޙަލާގައި، މިފަދަ މަސައްކަތްތައް، އެމް.އެން.ޑީ.އެފް.ގެ ފަރާތުންވެސް އަދި އެސް.ޓީ.އޯ.ގެ ފަރާތުންވެސް އަދި މިނޫންވެސް އެހެން ފަރާތްތަކުންވެސް، ޔޫތު މިނިސްޓްރީ ނޫނީ އެހެން މިނިސްޓްރީތަކުން އިސްނަންގަވައިގެންވެސް ކުރައްވާ ކަންތައް. އާދެ! މީގެ ނަތީޖާއަކަށްވާނީ، މި ޤައުމު އިރާދަކުރެއްވިއްޔާ އެކަތިގަނޑަކަށްވުން. އެއްބައެއްގެ ގޮތަށް ތިބުން. އާދެ! ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންނަކީ، މިއީ އަޅުގަނޑުމެންނަކީ ހަމަ ދިވެހިން. އަޅުގަނޑުމެންނަކީ އިސްލާމުން. އަޅުގަނޑުމެންނަކީ އެއް ދީނެއް ޤަބޫލުކޮށްގެން ތިބި، އެއް މަޒްހަބެއް ޤަބޫލުކޮށްގެން ތިބި، އެއް މިޞްރާބަކަށްދާ މީހުން. ވީމާ، އަޅުގަނޑުމެންނަކަށް ނޯންނާނެ، އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ މި މަގަށް، މިމަގުން އަޅުގަނޑުމެންދާ ދިޔުމުގައި ހުރަސްއެޅޭނެ އެއްވެސް ފަރާތެއް. އެއީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑުމެން ތިބީ މާތްﷲގެ މަގުގައި. އަޅުގަނޑުމެން މިތިބީ، ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ދެއްކެވި މާތް މަގުގައި. އަޅުގަނޑުމެން މިތިބީ، މާތްﷲ ރަޙްމަތް ލައްވާގޮތަށް، އެކަލާނގެ ވާގިފުޅަށް އެދިގެން. ވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިކަމުގައި ކާމިޔާބު ހޯދާނަން.

އާދެ! އަޅުގަނޑު މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އާދެ! ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، މިފަދަ ކަންތައްތަކުގައި، މިއަދުގެ ސަރުކާރުން، އަޅުގަނޑުމެން މިތިބީ މިއަދުގެ ރައީސްވެސް އަދި މިއަދުގެ ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މިތިއްބެވީ، ހަމަ ހުރިހާ ހިތްވަރެއް ދެއްވައި، ތިޔަބޭފުޅުންނާ އެކުގައޭ. އަޅުގަނޑުމެން މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ، މަތިން ތިރިއަށް ވެރިކަން ކުރުމެއް ނޫން. ތިރިން މައްޗަށް ވެރިކަން ކުރުން. ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންގެ ޚިޔާލު ހޯދައިގެން، ދެން ކަންތައްތައް ނިންމަމުން ގެންދިޔުން. އާދެ! އެ އުޞޫލަށް އަޅުގަނޑުމެން ކަންތައް ކުރާނަން. އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެންނަށް ވާގި ދެއްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމު، އަޅުގަނޑުމެން މާޒީގައި ދެކެމުން އައި ރީތި އުޖާލާ ދިވެހި ޤައުމު އަޅުގަނޑުމެންނަށް ދެއްކެވުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދު އަޅުގަނޑުމެންނަށް މާތްﷲ ތަނަވަސްކޮށްދެއްވާނެ.


والحمد للّـه. والســّلام عليــكم