މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ހިންގަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް، ސިޔާސީ ހުރިހާ ޕާޓީތަކުގެ މެދުގައި ވާހަކަ ދެއްކުމަށް އެއްބަސްވާކަން އިޢުލާނުކުރި ކުރުމަށް ސަރުކާރުން މަރުޙަބާ ކިޔަމެވެ. މި އިޢުލާނުކުރި ކުރުމާ ގުޅިގެން، އެމް.ޑީ.ޕީ.އަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރުގެ އިސްވެރިންނަށާއި، ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށާއި އެމީހުންގެ އާއިލާތަކަށް ގެއްލުން ދިނުމަށް ގޮވާލާ ގޮވުންތަކާއި ކުރަމުންދާ ފުރައްސާރަތަކަށް ނިމުމެއް އަންނަންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރަމެވެ.

ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޞުލްޙަވެރި [ޕޮލިޓިކަލް ޕާޓީ ޓޯކްސް" ކުރިއަށް ގޮސްފައިނުވަނީ އެޖެންޑާގެ ފުރަތަމަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޞުލްޙަވެރި މާޙައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެމް.ޑީ.ޕީ އިން އެއްބަސްނުވުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެމް.ޑީ.ޕީން އިޢުލާނުކުރި ކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ޕޮލިޓިކަލް ޕާޓީ ޓޯކްސް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރަމެވެ. އަދި އަލުން ޕާޓީ ޓޯކްސް ފަށާނެ ތާރީޚެއް ކަނޑައެޅުމަށް ކުރަންހުރި މަސައްކަތްތައް، ޕޮލިޓިކަލް ޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާއާ ގުޅިގެން ސަރުކާރުން ކުރާނެއެވެ.

މިފުރުސަތުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް، ރާއްޖޭގައި ޞުލްޙަވެރި މާޙައުލެއް ޤާއިމް ކުރަން ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ސަރުކާރުން ގޮވާލަމެވެ.