ރާއްޖޭގައި ކުރަމުންދާ ފާނައިގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި، އެ މަސްވެރިކަން ބެލެހެއްޓުމަށް އެކުލަވައިލައްވާފައިވާ ޕްލޭނަށް ޢަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި ޕްލޭނާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މި ޕްލޭންގެ އަމާޒަކީ، ރާއްޖޭގައި ކުރެވޭ ފާނަ މަސްވެރިކަމަކީ، ޠަބީޢީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމަކަށް ހެދުމާއި، އެ މަސްވެރިކަމުން މަސްވެރިންނަށާއި އެކްސްޕޯޓަރުންނަށާއި ޤައުމަށް ލިބޭ އާމްދަނީ، މާލީގޮތުންނާއި އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިޔުމަށް މަގުފަހިކުރުމެވެ. މި ޕްލޭންގައި ފާނަ މަސްވެރިކަމުގައި ފާނަބޭނުން ހުއްދަކުރާނެ އަދި އެކްސްޕޯޓް ކުރުން ހުއްދަކުރާނެ އެންމެ ދަށް ސައިޒާއި ބަރުދަނާއި، ފާނަ ބޭނޭނެ ސަރަޙައްދުތައް ކަނޑައެޅިފައިވެއެވެ.

މި ޕްލޭންގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ފާނައިގެ އާބާދީއަށް އަންނަ ބަދަލުތައް، ވަކި އުޞޫލެއްގެ ދަށުން މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.