މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރްޞަތު ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހު ހަމަވިއިރު 108 ފޯމު ހުށަހަޅާފައިވާކަން ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. މި ފޯމުތައް ހުށަހަޅާފައިވަނީ، އިނާމަށް ފުރްޞަތު ހުޅުވާލި 29 ދާއިރާގެ ތެރެއިން 24 ދާއިރާއަކަށް ކަމަށް އެ ކޮމިޓީން ހާމަކުރައްވައެވެ.

މިއަހަރު ޤައުމީ އިނާމަށް ހުށަހެޅި ފޯމުތައް ބައްލަވައި، އިނާމަށް މީހުން ހޮއްވެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާ ކަމަށްވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން މަޢްލޫމާތު ދެއްވައެވެ.

ޤައުމީ އިނާމަށް މިދިޔަ އަހަރު ހުށަހަޅާފައިވަނީ 102 ފޯމެވެ. އެއީ، އެފަހަރު ފުރްޞަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކަށެވެ. މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތީ 13 ބޭފުޅަކަށެވެ. އަދި ކުންފުންޏަކަށްވެސް ހިތްވަރު ދިނުމުގެ އިނާމު ލިބުނެވެ.

މިއަހަރުގެ ޤައުމީ އިނާމު ދެއްވާނީވެސް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.