ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި ސިވިލް ސަރވިސްއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަން މަޝްވަރާ ކުރުމަށްޓަކައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް، 2010 ސެޕްޓެމްބަރ 20 ގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީއަށް ބަދަލުގެންނަވައި، [ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީ]ގެ ނަމުގައި ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އަލުން އެކުލަވައިލައްވައި، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

ކޮމިޓީގެ ޗެއަރމަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދާއި، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފެވެ. ސިވިލް ސަރވިސް ކޮމިޝަނުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙަންމަދު ފަހުމީ ޙަސަނާއި، ނައިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންދީދީ އާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ ޑޮކްޓަރ މުޙަންމަދު ލަޠީފާއި، އަލްފާޟިލާ ޚަދީޖާ އާދަމާއި، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދެވެ.

މިބޭފުޅުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢިޞާމް މުޙަންމަދާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ސަޢީދުވެސް މިކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

މިކޮމިޓީ އުފެއްދުމުގެ މައިގަނޑު ބޭނުންފުޅަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމުގައި، ދިވެހި ސިވިލް ސަރވިސްއަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންނަށް ޚިދްމަތް ދެއްވުމުގެ ކަންތައްތައް ރާއްވަވައި ހިންގެވުމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަންގެ ވިސްނުން، އެއް މިޞްރާބެއްގައި ބަހައްޓަވައިގެން، ދެފަރާތް ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ތަނަވަސް ކުރެއްވުމެވެ.

މިގޮތުން، މިއަދު ބޭއްވެވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ބައެއް ކަންކަމާ ބެހޭގޮތުންނާއި، ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅުއްވި ބައެއް ކަންކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ.