މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ. މިފުރްޞަތު ހުޅުއްވާލައްވައި، އެ އޮފީހުން މިއަދު ނެރުއްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ އިޢްލާނުގައިވާ ގޮތުން، މި ފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން މި އޯގަސްޓް މަހުގެ 15 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޛުކޮށް، އެ ސިޔާސަތުތައް ދިފާޢުކޮށް، ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެ ސިޔާސަތާ އެއްގޮތަށް ޢަމަލުތައް ބަހައްޓާތޯ ބަލައި، އެ ސިޔާސަތުތަކާ އެކި ފަރާތްތަކުން ޚިލާފުވާ ފަހަރުތަކުގައި ފިޔަވަޅު އެޅުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާގުޅޭ އެހެނިހެން ކަންކަން ކުރުމަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޒިންމާދާރުގޮތެއްގައި ހަރުދަނާ ކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، އުފައްދާ ކޮމިޝަނެކެވެ. މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ކޮމިޝަން އެކުލެވިގެންވަނީ، މި ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢައްޔަންކުރެވޭ 7 (ހަތެއް) މެންބަރުންގެ މައްޗަށް ކަމަށާއި، އަދި އެއިން ކޮންމެ މެންބަރަކީވެސް، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ޚާއްޞަކޮށް ސިޔާސަތު އެކުލަވާލުމާއި، ޤާނޫނާއި އާ އީޖާދުތަކާއި، ނޫސްވެރިކަން އަދި/ނުވަތަ ވިޔަފާރީގެ ރޮނގުން، ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ، މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚްލާޤުރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ޤާބިލު މީހެއްކަމުގައި ވާންވާނެކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުންގައި ފުރިހަމަވާންޖެހޭކަމަށް ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް މިއަދު ގެޒެޓް ކުރެއްވި އިޢްލާންގައި ބަޔާންކުރައްވާފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.