بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޝަހީދު އާދަމް ޙަލީމްގެ ލޮބުވެތި ބައްޕަ އަލްފާޟިލް އަޙްމަދު ޙަލީމް. އަދި މަންމާފުޅު އަލްފާޟިލާ ޚަދީޖާ ޔޫސުފް. އަދި އާދަމް ޙަލީމްގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ މަރިޔަމް ޝިފާ. މިނިސްޓަރ އޮފް ހޯމްއެފެއާޒް. ޕޮލިސް ކޮމިޝަނަރ. އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު. އަދި ހަމައެހެން، ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު. ލޮބުވެތި ފުލުހުން. އަދި ކާށިދޫގެ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ރައްޔިތުން، އަމާން ޖައްވެއްގައި ދިރިއުޅުމަށްޓަކައި އެބަޖެހޭ، ޤާނޫނުތަކާއި ޤަވާޢިދުތަކާ ހަދާ، އަދި އެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޛު ކުރެވޭނެ ނިޒާމުތަކެއް ހަމަޖެހިފައި ހުންނަން. ކޮންމެ ޤައުމެއްގައިވެސް، އެ ޤާނޫނުތައް ތަންފީޛު ކުރުމަށްޓަކައި، އެންމެ މުހިންމު އެއް މަސްއޫލިއްޔަތެއް އުފުއްލަވާ ފަރާތަކީ، އެ ޤައުމެއްގައި އޮންނަ ފުލުހުންގެ ޚިދްމަތް. އެގޮތުން، ދިވެހިރާއްޖޭގައިވެސް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، މި ރާއްޖެއަކީ މިއީ އަމާން ތަނެއްގެ ގޮތުގައި، ސަލާމަތް ތަނެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ޔަޤީންވެގެން، ރޭގަނޑުގެ ހަމަ ނިދި އަޅުގަނޑުމެންނަށް މި ލިބެނީ، އަޅުގަނޑުމެންގެ ސަލާމަތް ބެލެހެއްޓުމަށްޓަކައި، އަޅުގަނޑުމެން ރައްކާތެރި ކުރުމަށްޓަކައި، ބަޔަކު ރެޔާ ދުވާލު މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޔަޤީންކަން އޮންނާތީ. އެ ޔަޤީންކަން ނެތް ތަނެއްގައި، އަޅުގަނޑަކަށް ހިއެއްނުވޭ، އެއްވެސް ބަޔަކަށް ހަމަނިދި ނިދޭނެހެނެއް.

މުޖްތަމަޢު އުފެދިފައިވާ ގޮތުން، ކޮންމެ މުޖްތަމަޢެއްގައިވެސް އެބަހުރޭ، ދެބަސްވުންތަކާއި ހަމަނުޖެހުންތަކާ. އެހެންވީމާ، އެހެން ހުންނަ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މެދުގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، ރައްޔިތުންނަށް އެ ސަލާމަތްކަމުގެ ޔަޤީންކަން ދިނުމަށްޓަކައި، ޤާއިމްކުރަންޖެހޭ ނިޒާމުގެ ވަރަށްބޮޑު ބައެއް ފުލުހުންނަކީ. މިމޭރުމުން ދިވެހިރާއްޖޭގައިވެސް، ދިވެހިރާއްޖޭގެ ޕޮލިސް ސަރވިސް އަދާކުރަމުން ގެންދާ ޚިދްމަތަކީ އެއީ ޤައުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެންގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޚިދްމަތެއް. ޟަރޫރީ ޚިދްމަތެއް. ފުލުހުންނެތި، އަޅުގަނޑުމެންގެ ސަލާމަތް ބަލަހައްޓާނެ ބަޔަކުނެތި، އަޅުގަނޑުމެން އެންމެންވެސް އުޅޭނީ، ވަރަށް ނުތަނަވަސް މާޙައުލެއްގައި. މިކަން އަޅުގަނޑުމެންނަށް ރަނގަޅަށް އިޙްސާސް ކުރެވޭނީ، ފުލުހުން ނެތްނަމަ. ކޮންމެ ބަޔަކުވެސް މާބޮޑު ވިސްނުމަކާނުލާ، އަޅުގަނޑުމެން މި ހީކޮށްގެން މި ތިބެނީ، އަޅުގަނޑުމެންގެ ކަންކަން ފުރިހަމަވެގެން މިދަނީ، ދެން އެކަން ޤުދްރަތީ ގޮތުން ދާންވާގޮތަކަށް ދަނީއޭ. އެހެން ނަމަވެސް، އެކަމަކީ އެއީ ރޭވިގެން، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެން، ބަޔަކު ތަމްރީނު ކުރެވިގެން، އެކަމަށް ޚަރަދުތަކެއް ކުރެވިގެން، ބަޔަކު އެކަމަށްޓަކައި ވަރަށްބޮޑު ހިތްވަރަކާއި ޖިހާދެއް ކޮށްގެން، އަޅުގަނޑުމެންނަށް ސަލާމަތުން މި ތިބެވެނީ. އެވަރު ނުދަންނަ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި، ކަންދިމާވި ގޮތުން އެބައުޅޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ފުލުހުންނާއި، އަޅުގަނޑުމެންގެ ސިފައިންނަށް، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްޓަކައި، ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި، ބަޔަކު މަސައްކަތް ކުރަމުން އެ ގެންދަނީ. އަޅުގަނޑުމެން ހަނދާން ކުރަން ޖެހެނީ، ފުލުހުންގެ ބޭކަލުންނަކީވެސް، ބޭކަނބަލުންނަކީވެސް، ހަމަ އަޅުގަނޑުމެންގެ ދަރިންކަން. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަން. އެބޭކަލުންނާއި ބޭކަނބަލުން އެ ކުރައްވާ މަސައްކަތަކީ އެއީ ހަމައެކަނި މުސާރައަކަށް ކުރައްވާ މަސައްކަތެއް ނޫންކަން. ޤައުމަށްޓަކައި، ޤައުމުގެ ސަލާމަތަށްޓަކައި ރެޔާދުވާލު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، އެހެން މުސާރަވެރިން މަސައްކަތްކުރާ ގޮތަކަށް ނޫން. ޖެހުނު ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި، ޚިދްމަތުގައި ނުކުތުމަށް ތައްޔާރަށް ތިބެގެން.

އެހެންވީމާ، އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވަރަށް ފުންކޮށް މިއަދު މިއޮތީ ވިސްނަންޖެހިފައި. ސަބަބަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ކޮންމެ ރަށެއްގައިވެސް، ފުލުހުންނާ ދިމާކޮށް އަދި ސިފައިންނާ ދިމާކޮށް، އެބޭކަލުންނާއި ބޭކަނބަލުންގެ އަގު ވައްޓާލުމަށްޓަކައި، ބަޔަކު މަސައްކަތްތަކެއް އެބަ ކުރަމުން ގެންދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ޤާނޫނުވެސް އެކަމަށް ތަންދީގެންވާނެ ކަމެއްވެސް ނޫން. ސަބަބަކީ ދައުލަތެއް ބިނާވެފައި މިއޮންނަނީ، ދައުލަތުގެ ނިޒާމް، ވަކިގޮތަކަށް ޤާއިމްކުރެވޭ ގޮތަށް. ދައުލަތުގެ މުއައްސަސާގެ ތެރެއިން، ޢަދުލު އިންޞާފާއި، އަމަން އަމާންކަން ޤާއިމް ކުރުމަށްޓަކައި އުފެދިފައިވާ އެންމެ ވަރުގަދަ، އެންމެ މުހިންމު މުއައްސަސާތައް، ސިފައިންނާއި ފުލުހުންނަކީ. އެކަމަކު މިއަދު އެ މުއައްސަސާތަކާ ދެކޮޅަށް މަސައްކަތް ކުރަމުންދާއިރުގައި، އެއާ ދޭތެރޭގައި، އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. އެކަމުގެ ސަބަބުތައް އެބަހުރި. ޤާނޫނުގައި އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށްވާނަމަ، ޤާނޫނުތައް އެބަޖެހޭ ބަދަލުކުރަން. ބަދަލުނުކޮށް، އަޅުގަނޑުމެންނަށް އެ މުއައްސަސާތަކަށް ދޭންޖެހޭ ބާރާއި، އެ އަޅުގަނޑުމެން މި ހޯދަންޖެހޭ، މި ލިބެންޖެހޭ ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އަޅުގަނޑު ކުރިން ދެންނެވިހެން، ސިފައިންގެ މީހަކަށް ނުވަތަ ފުލުހަކަށް ދެވޭ ޙަމަލާއަކީ އެއީ މުޅި ދައުލަތަށް ދެވޭ ޙަމަލާއެއް. ދައުލަތުގެ އެންމެ މުހިންމު އެއް މުއައްސަސާއަށް ދެވޭ ޙަމަލާއެއް. އެކަން ކުރެވިގެން ނުވާނޭ އަޅުގަނޑުގެ ވާހަކައަކީ. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު، މިއީކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަޅާ ފިޔަވަޅެއް ނޫން. އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުން މިގެންދަނީ، ދުސްތޫރީ ނިޒާމެއްގެ ތެރޭގައި. ޤާނޫނުއަސާސީއެއް އޮވެގެން. ޤާނޫނުއަސާސީގައި އެކިއެކި މުއައްސަސާތައް ކަނޑައެޅިގެން. އަޅުގަނޑުމެން މިއަދު އެބަޖެހޭ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޙާލާ ދޭތެރޭގައިވެސް ވިސްނާލަން. މި ޤައުމުގައި ދުސްތޫރެއް ކަނޑައެޅި، އެ ދުސްތޫރު ހިންގުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. ޤާނޫނުތައް އެބަ ހެދެންޖެހޭ. ދައުލަތުގެ މުއައްސަސާތައް ޙިމާޔަތް ކުރުމަށްޓަކައި، ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. އެ މަސައްކަތްތައް ނުކޮށް، މިހާރު ރައްޔިތުންގެ މަޖިލިސް ހުއްޓާލެވިފައިވާކަން އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އަދި އެކަން އަޅުގަނޑު ވަރަށް ހަރުކަށިކަމާ އެކީގައި ކުށްވެރި ކުރާ ކަމެއް. ޤާނޫނުއަސާސީ ބުނާގޮތުގައި، ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމުގެ މަސްއޫލިއްޔަތު ކޮންމެވެސް ވަރަކަށް މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ކޮނޑުގައި އެޅިފައި. އެ ހުރިހާ މުއައްސަސާތަކުން ކުރާ ކަންކަންވެސް. މި ރާއްޖެއަކީ މިއީ ތަފާތު މުއައްސަސާތަކުން، ވަކިވަކިން އެއްބަޔަކު އަނެއް ބަޔަކާ ނުގުޅި ހިންގަން އޮންނަ ތަނެއް ނޫން. މިއީ ޔުނިޓަރީ ދައުލަތެއްގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިސްމީހަކަށް ހުރެގެން، ދެން އެހެން މުއައްސަސާތަކާ އެކީގައި މަސައްކަތްކޮށްގެން، މިތަން ޙިމާޔަތްކޮށް، މިތަން ތަރައްޤީ ކުރުމަށްޓަކައި އުފެދިފައިވާ ނިޒާމެއް.

އެހެން ނަމަވެސް، މިއަދު އެނގިވަޑައިގަންނަވާނޭ ފަދައިން، މިދެންނެވި ނިޒާމަކަށް ވިސްނުމެއްނެތި، ކޮންމެ ބަޔަކުވެސް، އެ ބަޔަކު އަމިއްލައަށް، އެބަޔަކަށް ފެނުނު ގޮތަކަށް ކަންތައް ކުރަމުން މިގެންދަނީ. އެގޮތަށް މި ޤައުމު ސަލާމަތްކަމުގެ މަތީގައި ދެމިއެއް ނޯންނާނެ. ރައްޔިތުންގެ މަޖިލީހުންވެސް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އެބަ ކުރަންޖެހޭ. މިޤައުމުގެ ރައްޔިތުން ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްގެން، ހޯދާ ފައިސާއިން ޓެކްސް ދިނީމާ، އަޅުގަނޑުމެންނަށް މިދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ދެވެނީ. މިއީކީ އަޅުގަނޑުމެން ގޭގައި ތިބެގެން، ގަހެއް އިންދައިގެން، ގަހުގައި އަޅާ މޭވާއެއްހެން ލިބޭ އެއްޗެއް ނޫން. ދާ އޮހޮރައިގެން، އެތައްވަރަކަށް މަސައްކަތް ކޮށްގެން ކުރާ މަސައްކަތުން ލިބޭ އެއްޗަކުން ޓެކްސް ނަގައިގެން، ދައުލަތް މިހިންގަނީ. އެހެންވީމާ، ހަމަ ހިތަށްއަރާހާ ފަހަރަކު، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ ބޭފުޅުން، މިއަދު ތިމަންނަމެން، އާނ މިތަން މަސައްކަތް ކުރިޔަކަ ނުދޭނަމޭ. މިއަދު ތިމަންނަމެން އަޑުގަދަކޮށްފައި މިތަނުން ނުކުމެގެންދާއިރުގައި ބުނާއިރުގައި، އެބޭކަލުންވެސް ވިސްނާވަޑައިގަންނަވަން އެބަޖެހޭ، އެބޭކަލުންނަކީ އެއީ ދިވެހި ރައްޔިތުން އެބޭކަލުން އެތަނަށް ފޮނުއްވީމާ އެތާ އެ ތިއްބެވީ. މިއަދު އެހެން ނަމަވެސް، އެކަން ދަންނަ ބޭފުޅުން ވަރަށްމަދު. އެހެން ނޫންނަމަ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި، އެބޭފުޅުން އުޅުއްވާނެ.

ސިޔާސީ ގޮތުން، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި އޮންނަ ޢަދާވާތްތެރިކަމެއް، ރައްޔިތުންގެ މަޖިލީސްތެރެއަށް ގެނެސް، އެއްބަޔަކު އަނެއް ބަޔަކު ގަޔަށް ބޮލަށް އަރައި، މިކުރެވޭ މަސައްކަތަކީ މިއީ ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ބަޔަކު، އެކަން ކުރާނެ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް ވަރަށް ހަރުއަޑުން، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑު އިލްތިމާސް ކުރަން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީސްގެ މަޖިލިސް ކުރާ ގެޔަށް ވަޑައިގެން، މަޖިލިސްގެ ޖަލްސާތައް ފަށްޓަވަން. އަޅުގަނޑު މި ވާހަކަ ދައްކަން މިޖެހުނީ، މިއަދު ރާއްޖޭގެ ޙާލަތު އޮތްގޮތުން، މަޖިލީހުން ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުރީމާ.

އަޅުގަނޑުމެންގެ ޤައުމު ހިންގުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް، އަޅުގަނޑުމެން އެ ޤަވާއިދުތައް މިހާރު އޭގެ ބައެއް ގަވާއިދުތައް މިހިރީ، ވަކި މުއްދަތެއްގެ ތެރޭގައި، މުއްދަތު ހަމަވެގެންދާ ގޮތަށް. މިހެންހުރި ކަންކަން ހުއްޓައި، އަދި ހަމައެހެން، އަޅުގަނޑުމެންގެ މާލީ ކަންތައްތައް މިއަދު މިހިރީ ވަރަށްދަތި ޙާލުގައި. އެކަން އެހެން އޮއްވައި، އަދި އަޅުގަނޑުމެންގެ ސިޔާސީ ކަންކަން މިހިރީ އެއަށްވުރެންވެސް ދަތި ޙާލެއްގައި، އަދި އެކަންވެސް އެހެން އޮއްވައި، ކިހިނެއްތޯ އަޅުގަނޑުމެންނަށް ގެޔަށް ގޮސް ނިދާލެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާ ކޮނޑުގައި އަޅައިގެންހުރެ. ދެން އަޅުގަނޑު މިވާހަކަ ދެއްކީމާ، ބައެއް ބޭފުޅުން ވިދާޅުވާނެ، ރައީސުލްޖުމްހޫރިއްޔާއަކާ ބެހޭ ކަމެއް ނޫނޭ، ރައްޔިތުންގެ މަޖިލިސްގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން. އެހެން އެބުނާ ބޭފުޅުން ވިސްނާވަޑައިގަންނަވަންޖެހޭނެ. ރައްޔިތުންގެ މަޖިލީހަކަސް، އަދި ޖުޑީޝަރީއަކަސް، މިހުރިހާ ކަމެއްވެސް ހިނގާ ނުހިނގާ ގޮތް ބެލުމަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް އެވަގުތަކު ހުންނަ މީހެއްގެވެސް ހަމަ ޒިންމާއެއް. އެއީ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކޮށްފައި އޮންނަ ޒިންމާއެއް.

އާދެ! އަޅުގަނޑު މިފުރްޞަތުގައި ވަރަށް ހިތާމަކުރަން. އަޅުގަނޑު އަދިވެސް ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މިދިމާވި ފުން ހިތާމައަކީ، ޝަހީދު އާދަމް ޙަލީމް ނިޔާވުމަކީ މިއީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކަން އޮތް ގޮތުގެ ސަބަބުން ދިމާވި ކަމެއް. އެއީ ރައްޔިތުންގެ ހިތުގައި ފުލުހުންނާ ދޭތެރޭގައި، ސިފައިންނާ ދޭތެރޭގައި ނަފްރަތު އުފައްދައި، ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވެގެންދިޔަ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. މީގެކުރިންވެސް ދިވެހިރާއްޖޭގައި ފުލުހުން އެބައުޅޭ. ފުލުހުންނަށް ޙަމަލާދީ، ފުލުހުން އަވަހާރަކޮށްލާކަށް ބަޔަކު މަސައްކަތެއް ނުކުރޭ. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ހިންގާ ފަރާތްތައް، އަޅުގަނޑު ވަރަށް ހަރުކަށިކަމާ އެކީގައި ކުށްވެރި ކުރަން. އަދި އެކަންކަން ވިޔަނުދިނުމަށްޓަކައި، އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް، ހަލުވިކަމާ އެކީގައި އެޅުމަށްވެސް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

އާދެ! ފުލުހުން ތިކުރައްވާ ޚިދްމަތަކީ، ޤައުމުގެ ވަރަށްބޮޑު ޚިދްމަތެއް. ތިޔަ ބޭކަލުންނާއި ބޭކަނބަލުން، ރެޔާދުވާލު ތިކުރައްވާ މަސައްކަތަކީ، އެއީ އެ ޚިދްމަތާނުލާ ރާއްޖޭގައި އަމަން އަމާންކަމާއި، ޞުލްޙަ މަޞްލަޙަތާއި، ޢާންމު ރައްޔިތުންގެ ސަލާމަތްކަން ނޯންނާނެ. އެހެންވީމާ، ތިކޮށްދެއްވާ ޚިދްމަތަށްޓަކައި، ތިޔަބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އާދެ! ތިޔަބޭފުޅުންގެ ޢާއިލާތައް ތަޙައްމަލް ކުރަމުން ގެންދާ އުނދަގޫތައް، އަޅުގަނޑަށް އިޙްސާސް ކުރެވޭ. އެހެންވީމާ، އެކަމަށްޓަކައި ތިޔަ ބޭކަލުންގެ، ބޭކަނބަލުންގެ ޢާއިލާތަކަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި މިމޭރުމުގައި، ދިވެހި ސިފައިން ކުރަމުން ގެންދާ މަސައްކަތަށާއި، ތިޔަބޭފުޅުންގެ މަސައްކަތުގައި ސިފައިންވެސް ވެދެއްވާ އެހީތެރިކަމަށްޓަކައި، އެފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން، މިއަދު އަލްމަރްޙޫމް ޝަހީދު އާދަމް ޙަލީމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަދި ދައުލަތުގެ ފަރާތުން އެކިއެކި ޢިނާޔަތްތަކާއި މެޑެލް ދެވުނީތީ. އެކަން އެއީ ކުރަންވާގޮތް. ދެން އޭގެއިތުރުންވެސް، ދައުލަތުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަ ޢާއިލާއަށް ކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަން. އަޅުގަނޑުމެން ތިޔަބޭކަލުންނާއި ބޭކަނބަލުންނަށް، ޢާއިލާގެ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު އެދެން، މާތްﷲ ކެތްތެރިކަމާއި ރަޙްމަތް ލެއްވުން.

އަޅުގަނޑުގެ ދުޢާއަކީ، ޝަހީދު އާދަމް ޙަލީމްގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން. އަދި ދިވެހި ސިފައިންނަށް، ކެތްތެރިކަމާއި، ހިތްވަރާއި، ރަޙްމަތް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.