ފުލުހުންނަށްދޭ ޙަމަލާތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، އެކަންކަން އެހެންވިޔަ ނުދިނުމަށްޓަކައި، އެކިއެކި މުއައްސަސާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ހަލުވިކަމާ އެކީގައި އެޅުއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ޕޮލިސް ލާންސް ކޯޕްރަލް ޝަހީދު އާދަމް ޙަލީމްގެ ހަނދާނުގައި މިއަދު މާލެއަތޮޅު ކާށިދޫގައި ބޭއްވެވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަރްޙޫމް ޝަހީދު އާދަމް ޙަލީމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވަމުން، ދައުލަތުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް، އެޢާއިލާއަށް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޝަހީދު އާދަމް ޙަލީމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން އެކިއެކި ޢިނާޔަތްތަކާއި މެޑެލް އެރުވުނީތީ، އެކަމާ އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ރައްޔިތުން އަމާން ޖައްވެއްގައި ދިރިއުޅުމަށްޓަކައި ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާ، އެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޛު ކުރެވެންޖެހޭކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ޤައުމެއްގައިވެސް، އެ ޤާނޫނުތައް ތަންފީޛު ކުރުމަށްޓަކައި، އެންމެ މުހިންމު އެއް މަސްއޫލިއްޔަތު އުފުއްލަވާ ފަރާތަކީ، ފުލުހުންކަން ބަޔާން ކުރައްވަމުން، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި، ސަލާމަތް ތަނެއް ކަމަށް ޔަޤީން ކުރެވިގެން، ރޭގަނޑުގެ ހަމަނިދި އަޅުގަނޑުމެންނަށް މި ލިބެނީ، އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި، ބަޔަކު ރެޔާދުވާލު މަސައްކަތް ކުރަމުން ގެންދާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ފުލުހުންނެތި އަދި އަޅުގަނޑުމެންގެ ސަލާމަތް ބަލަހައްޓާނެ ބަޔަކު ނެތްނަމަ، އެންމެންވެސް އުޅޭނީ، ވަރަށް ނުތަނަވަސް މާޙައުލެއްގައެވެ.

ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި ސިފައިންނާމެދު ނަފްރަތާއި ފިތުނަފަސާދަ އުފެއްދުމަށާއި އަދި ސިފައިންނާއި ފުލުހުންނާ ދިމާކޮށް، އެބޭކަލުންނާއި ބޭކަނބަލުންގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން ގެންދާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. ސިފައިންގެ މީހަކަށް ނުވަތަ ފުލުހަކަށް ދެވޭ ޙަމަލާއަކީ، މުޅި ދައުލަތަށް ދެވޭ ޙަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، މިކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް، އަޅަން އެބަޖެހޭ ކަމަށާއި، މިއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަންޖެހޭ ފިޔަވަޅެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުގައި އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށްވާނަމަ، ޤާނޫނުތައް ބަދަލުކުރަން އެބަޖެހޭ ކަމަށާއި، މުއައްސަސާތަކަށް ދޭންޖެހޭ ބާރުތައް، އެ މުއައްސަސާތަކަށް ދޭން އެބަޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ މުއައްސަސާތައް ޙިމާޔަތްކޮށް ވަރުގަދަ ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ހުރިނަމަވެސް، އެމަސައްކަތްތައް ނުކޮށް، މިހާރު ރައްޔިތުންގެ މަޖިލިސް ހުއްޓާލެވިފައިވާކަން އެއީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި، އެކަން ވަރަށް ހަރުކަށިކަމާ އެކީގައި ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެ ބަޔަކުވެސް، އެބަޔަކު އަމިއްލައަށް، އެބަޔަކަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރަމުން ގެންދާ ކަމަށްވާނަމަ، މި ޤައުމު ސަލާމަތްކަންމަތީގައި ދެމިނޯންނާނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި އޮންނަ ޢަދާވާތްތެރިކަމެއް، ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގެނެސް، މިކުރެވޭ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ބަޔަކު މަސައްކަތް ކުރާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ޖަލްސާތައް ފަށްޓަވަން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސް އަދި ޖުޑިޝަރީ ކަމަށްވިޔަސް، މިހުރިހާ ކަމެއްވެސް ހިނގާ ނުހިނގާގޮތް ބެލުމަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް އެވަގުތަކު ހުންނަ މީހެއްގެވެސް ހަމަ ޒިންމާއެއް ކަމަށާއި، އެއީ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކޮށްފައި އޮންނަ ޒިންމާއެއް ކަމަށެވެ.

މިއަދު ބޭއްވެވި ތައުބީނުގެ ޖަލްސާގައި ޕޮލިސް ލާންސް ކޯޕްރަލް ޝަހީދު އާދަމް ޙަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ޝަހީދު އާދަމް ޙަލީމްގެ ބައްޕަ އަޙްމަދު ޙަލީމާ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

މިޖަލްސާގައި ޝަހީދު އާދަމް ޙަލީމްގެ ހަނދާނުގައި އެއް މިނިޓްގެ ހަމަހިމޭން ވަގުތުކޮޅެއް ގެންނެވިއެވެ.