ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގައި ބެއްލެވުމަށް ކަނޑައެޅުއްވި އުޞޫލުތަކާއި، އިނާމާބެހޭ އިތުރު މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ޙިއްޞާ ކުރައްވައިފިއެވެ. ފަންނީ ކޮމިޓީގެ ބޭފުޅުން، މި މަޢްލޫމާތުތައް ޙިއްޞާ ކުރެއްވީ މިއަދު މެންދުރުކުރީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައެވެ.

މި އިނާމު ދެއްވުމަށް އެކޮމިޓީއިން ނިންމަވާފައިވަނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގޮތުގައެވެ. އިނާމު ދެއްވުމުގެ މަޤްޞަދުތަކަށް ރިޢާޔަތް ކުރައްވައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް އެކުލަވައިލައްވާފައިވާ މައިގަނޑު ދާއިރާތަކުގެ ތަފްޞީލު ކޮމިޓީގެ ބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ.

މި ކަރުދާހާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު، މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި، ކަރުދާހަށް ގެންނަވަންޖެހޭ ބަދަލުތައް، ފަންނީ ކޮމިޓީން ގެންނެވުމަށްފަހު، އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިއަދު ނިންމެވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް، ސަރުކާރުން ކުރިން ދެއްވަމުން ގެންދެވި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި، މިއަހަރުން ފެށިގެން ޤަވާޢިދުން ދެއްވަމުން ގެންދެވުމަށާއި، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއިން އިނާމުގެ ކަންތައްތައް ގެންދެވުމަށް، މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މި ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، މިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، މާފަންނު ބްލޫސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، ހެންވޭރު ކަނޑޫމާގޭ އާމިނަތު ރީނާއެވެ. މި ކޮމިޓީގައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ ޙުސައިން ޢާމިރެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި ފެށޭ އޯގަސްޓް މަހުގެ ތެރޭގައި، އިނާމަށް އިޢުލާނު ކުރައްވައި، އިނާމާބެހޭ ލިޔުން ގެޒެޓް ކުރެއްވުމަށެވެ.