ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، އަންނަ އަންގާރަ ދުވަހު ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، އެދުވަހު މެންދުރުފަހު 1.30 އެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އިނާމަށް ފުރްޞަތު ހުޅުއްވާލެއްވިއިރު، އިނާމު ދެއްވުމުގެ އުޞޫލުތަކަށް ބައެއް ބަދަލުގެންނަވައި، އިނާމުދެވޭ އިތުރު ދާއިރާތަކާއި ރޮނގުތައްވެސް، އެކޮމިޓީއިން ވަނީ އިތުރުކުރައްވާފައެވެ.

މިގޮތުން، ގެންނެވި ބަދަލުތަކުގެ ތެރޭގައި، ހިތްވަރު ދިނުމުގެ އިނާމު، ވަކިވަކި ފަރުދުންނަށް ދެއްވަމުން ގެންދަވާ މުއްދަތު، 10 އަހަރުން 7 އަހަރަށް ކުޑަކުރެއްވުން ހިމެނެއެވެ. ޝަރަފްގެ ޤައުމީ އިނާމު ދެއްވުމަށް ބައްލަވާ މުއްދަތަކަށް ވަކި ބަދަލެއް ގެންނަވާފައެއް ނުވެއެވެ. ޝަރަފްގެ ޤައުމީ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ޚިދްމަތްކޮށްފައި ވުމުންނެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި، އެކު ޖުމްލަ 35 އަހަރު ވުމުންނެވެ.

މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމަޢިއްޔާ ޖަމާޢަތްފަދަ ތަންތަނުންވެސް، ސަރުކާރުގެ އިދާރާއެއް މެދުވެރިނުކުރައްވައި ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވަމުން ގެންދަވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.