بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން!

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 47 އަހަރު ފުރުނު ދުވަސް. މި އުފާވެރި މުނާސަބަތުގައި، މިނިވަންކަމުގެ އަގުބޮޑު ނިޢުމަތް، ދިވެހިރާއްޖެއަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މިނިވަންކަމުގެ ރިސާލަތާއިގެން މާތްﷲ މިދުނިޔެއަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. އެއަށްފަހު، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އަހުރަވެތި އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަން.

އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައްކަމުން، މި މުނާސަބަތުގައިވެސް މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އަދި މި މަތިވެރި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބާއި ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

މިނިވަންކަމުގެ އުފާ ހާސިލު ކުރަމުންދާއިރު، ކޮންމެ ޤައުމެއްގެވެސް ޤައުމީ މިނިވަންކަމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ތަނބެއް. އެ ތަނބު ވަރުގަދަވެގެން މެނުވީ، އަޅުގަނޑުމެން ބޭނުންވާ މިޞްރާބަކަށް ދަތުރެއް ނުކުރެވޭނެ. ޙަޤީޤީ މަންޒިލަކަށް ވާސިލެއް ނުވެވޭނެ. އެކަން ދެމެހެއްޓުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން ގެންދަން އެބަޖެހޭ.

ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރުން. ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަ ކުރުން. ހަމައެއާއެކު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ސަފުތައްވެސް އިތުރަށް ބަދަހިކުރުން.

ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

މިއަދު ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިން ހޯދާފައިވާ ޤައުމީ، ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމަކީ، މި ޤައުމުގެ ތާރީޚުގެ އެކި ދުވަސްވަރު، ދިވެހިން ވަރަށްބޮޑު ހިތްވަރަކާއި ޤުރްބާނީތަކެއްވެގެން ހޯދާފައިވާ މިނިވަންކަމެއްކަން ހަނދާންކުރަންޖެހޭ. އަދި އެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ހަނދާންކޮށް، އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި ޖިހާދުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ.

ސިޔާސީގޮތުން އެފަދަ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާއިރު، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ހަނދާންކުރަން. ދިވެހި ޤައުމަށްޓަކައި، އެ ތަކުރުފާނު ވެވަޑައިގެންނެވި ޤުރްބާނީއާއި ކުރެއްވި ޖިހާދުގެ ހަނދާންތަކަކީ، ދުވަހަކުވެސް މި ޤައުމުގެ ފަސްގަނޑުން ފުހެވިގެންދާނެ ހަނދާންތަކެއް ނޫން.

ހަމައެއާއެކު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވެވަޑައިގެންނެވި ޤުރްބާނީގެ ހަނދާންތައްވެސް އަޅުގަނޑުމެން އާކުރަންޖެހޭ. އެ މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ އަދި ހެޔޮ ހިތުން ބަލައިގަންނާނެ މަސައްކަތްޕުޅުތަކެއް. އަދި ހަމައެހެން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، ޙިމާޔަތް ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މި ފުރްޞަތުގައި މިހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ބޮޑުތަކުރުފާނާއި ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ޒިކުރާ އާކުރަމުން، އެދެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން!

ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުން، ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް މިފަދަ ދުވަހެއްގައި، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ މަސައްކަތްޕުޅުތަކެއް. އެގޮތުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތައް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. ރާއްޖޭގެ ވިޔަފާރި، ބޭރު ބައެއްގެ އަތްދަށަށް ދިޔަނުދީ ހިފެހެއްޓުމަށާއި، ދިވެހި ފަތުރުވެރިކަން، ދިވެހިންގެ ވިސްނުމާ އެއްގޮތަށް ފަރުމާކޮށް ކުރިއެރުވުމަށާއި، ދިވެހި މަސްވެރިކަން ޒަމާނާ އެއްގޮތަށް ބަދަލުކޮށް، މަސްދޯނިފަހަރުގައި އިންޖީނު އަޅައި، މަސްދޯނިފަހަރު ތަރައްޤީ ކުރައްވައި، ރާއްޖެއަށް ޒަމާނީ ތަރައްޤީއާއި، ޒަމާނީ ބަދަލުތަކެއް ގެންނެވިކަމީ، މިދެންނެވި ވެރިންގެ މޭސްތިރިކަމުގެ ދަށުގައި އެޅިފައިވާ ކާމިޔާބު ފިޔަވަޅުތަކެއް.

ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެޓިކް ވެށްޓަކީ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ހަލުވި ބާރުމިނެއްގައި ޤާއިމުވެފައިވާ ވެށްޓެއް. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ މިނިވަންކަމުގެ ކުރިއެރުމާ އެއްވަރަށް އިޖްތިމާޢީ އަދި ސިޔާސީ ޙާލަތަކީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މި ޤައުމުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، އިޖްތިމާޢީ ގޮތުން ކުރަންޖެހި، ނުކުރެވިފައި ހުރި ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެއް.

މިއަދު އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ، ޒަމާނީ ޑިމޮކްރަސީއެއްގެ ކުލަތައް. ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން، މި ޤައުމަށްވުރެ ބޮޑަށް ލިބިފައި އޮތީ ކޮން ޤައުމެއްގައިތޯ؟ ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، ދައުލަތުގެ މިނިވަން މުއައްސަސާތައް މިއަށްވުރެ ގިނައިން ހެދި، މަސައްކަތް ކުރަމުންދަނީ، ވަކި ކޮން ޤައުމެއްގައިތޯ؟ ކޮންމެ މީހަކަށްވެސް ޤާނޫނުގެ ރައްކާތެރިކަން، މިއަށްވުރެ ބޮޑަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ނިޒާމެއް އޮތީ، އެހެން ކޮން ޤައުމެއްގައިތޯ؟

އެހެން ނަމަވެސް، ފަރުދުންނަށް ޤާނޫނު ލިބިދޭ ރައްކާތެރިކަން ހޯދައިދީ، ހަމަޖެހޭ މުޖްތަމަޢެއް ޤާއިމު ކުރެވޭނީ، އަލަށް ބިނާކުރެވެމުންދާ ޑިމޮކްރެޓިކް ނިޒާމުގައި ހުރި އަޑިގުޑަންތަކާއި، ތޫނު ކަންތައްތައް އޮމާން ކުރެވިގެން. ހެޔޮވެރިކަމެއް ޤާއިމް ކުރެވޭނީ، މިދެންނެވި ތޫނުކަމާއި، އަޑިގުޑަންތައް ފިލުވާލައިގެން. އޮމާން އަމާން ޑިމޮކްރަސީއެއްގެ ފުރިހަމަ ހިޔާ އަޅުގަނޑުމެންނަށް ލިބެންދެންވެސް އިޚްލާޞްތެރިކަމާއެކު، ހެޔޮވެރިކަމެއް ކޮށްދެވިގެން. ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ބޭނުން، ނަހަމަގޮތުގައި ނުކޮށް، ނިޒާމުގެ ބޭރަށް ނުގޮސް، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވިގެން. އަދި ހެދިފައިވާ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯލަނބައި، ޤާނޫނުގެ ވެރިކަން ދަމަހައްޓައިގެން.

ރާއްޖޭގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ދެންމެ މިދެންނެވިހެން މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތްގޮތާމެދުވެސް ވަރަށް ބޮޑަށް ވިސްނާލަންޖެހޭ. ރާއްޖޭގެ އިޖްތިމާޢީ ފޭރާން ދަށްވެ، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން މިއަދު ގޮސްފައިވާކަމީ، ހިތާމަކުރަންޖެހޭ ކަމެއް. އެއްވެސް ކުށެއްނެތް މީހުން މެރުމާއި، ވަކިވަކި ފަރުދުންނަށް ޙަމަލަ ދިނުމާއި، ބިރު ދެއްކުމާއި، މިފަދަ ކަންކަން، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ތަކުރާރުވަމުންދާކަމީ، ވަރަށް ހިތާމަހުރި ކަމެއް.

އަޅުގަނޑުމެންގެ ކުރިމަތީގައި، މީހުން މަރަމުން، އެހެން މީހުންގެ އަބުރަށް އަރައިގަންނަމުން، ވައްކަން ކުރަމުން، ފޭރެމުންދާއިރު، އެ މަންޒަރުތައް ބަލަން މިއަދު އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. މީހެއްގެ ފުރާނައަކީ، އޭގެ ޙައްޤު ބަދަލު ދެވޭނެ އެއްޗެއްތޯ؟ މީހުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދީ، މާރާމާރީ ހިންގުމަށް، އެކަންކުރާ ބަޔަކަށް ފުރްޞަތުދީގެން ތިބެން ވެއްޖެނަމަ، ޤައުމުގެ ޙާލަތު އޮންނާނީ ކިހިނެއްތޯ؟ ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދަމަހައްޓާނީ ކިހިނެއްތޯ؟ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ހޯދައިދޭނީ ކިހިނެއްތޯ؟

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން!

ރާއްޖެއަކީ ވަރަށް އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި، މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ ޤައުމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަން ނަގާލުމަށް މަދުބަޔަކު ނަމަވެސް މަސައްކަތް ކުރަމުން ގެންދާކަމީ ހިތާމަހުރި ކަމެއް. އަދި މިއީ ޙަޤީޤަތުގައި މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެއް. ކަމަކާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، ފިތުނަފަސާދަ އުފެއްދުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ. އެފަދަ މަސައްކަތްތައް ވަގުތުން ހުއްޓުވަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ރީތި އާދަކާދަތައް މުގުރާލައި، އަޚްލާޤީ މިންގަނޑުގެ ބޭރުން އެއްވެސް މީހަކު ޢަމަލުކޮށްގެނެއް ނުވާނެ.

ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ އަގު ވައްޓާލުމަކީ، އެބަޔަކަށް ލިބޭ ޝަރަފެއް ކަމަށް ދެކޭ މަދު ބަޔަކު، ދިވެހިންގެ ތެރޭގައި ތިބިކަމީ، ވަރަށް ހިތާމަހުރި ކަމެއް. މިއީ ދިވެހި ކޮންމެ ރައްޔިތަކު، އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާއިރު، ތިމާގެ ޤައުމަށްޓަކައި ތިމާގެ ހިތުގައި އޮތް ލޯތްބާއި، ޤައުމަށްޓަކައި ދެވިފައިވާ ޤަދަރު އޮތީ ކޮން ތަނެއްގައިކަމާމެދު ސުވާލު އުފެދޭ. އެހެންކަމުން، މުޅި ޤައުމަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް، ޤައުމުގެ މުސްތަޤްބަލުގެ ޖީލުތަކަށް އަސަރު ފޯރުވަނިވި އެއްވެސް ކަމެއް، އަޅުގަނޑުމެން ކޮށްގެން ނުވާނެ. އެކަމުގެ ގެއްލުން އާޚިރުގައި ލިބޭނީ، ހަމައެކަނި އެންމެ ފަރުދަކަށް ނޫން. އެ ގެއްލުން ލިބޭނީ މުޅި ރާއްޖެއަށް. ރާއްޖޭގެ ރައްޔިތުންނަށް. ރާއްޖޭގެ އިޤްތިޞާދަށް. އަދި މިއީ، ރާއްޖޭގެ މިނިވަންކަމަށާއި، ޤައުމުގެ އިސްތިޤްލާލަށް އޮތް ވަރަށްބޮޑު ނުރައްކަލެއް.

ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން!

މިއަދު ޤައުމަށް ދިމާވެފައިވާ ދެންމެ މިދެންނެވި ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަނުޖެހުމުގެ ތެރެއިން ސަލާމަތްވުމަށް، ތިޔަ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް، ޤައުމު މިއަދު ވަނީ ބޭނުންވެފައި. ސިޔާސީގޮތުން އެއް މިޞްރާބަކަށް ދިޔުމަށްޓަކައި ބޭނުންވަނީ ޤައުމުގެ މަޞްލަޙަތު އިސްކުރުން. ޤައުމުގެ ތަރައްޤީގެ އަމާޒުތަކަށް އެންމެންގެ ސަމާލުކަން ސީދާކުރުން.

މިގޮތުން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ދުސްތޫރީ އަދި ޤާނޫނީ ވެރިކަން ފުރިހަމަ ކުރުމަށްޓަކައި ޤާނޫނުތައް ފާސްކުރައްވައި ނިންމެވުމަށް އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް. އަޅުގަނޑުމެންގެ ޒަމާނީ ދުސްތޫރާ އެކަށީގެންވާ ޤާނޫނުލްޢުޤޫބާތެއް ނުވަތަ ޕީނަލް ކޯޑެއް އަވަހަށް ފާސްކޮށްދެއްވުމަށް. ހަމައެހެން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ހިންގުމަށް ބޭނުންވާ ސިޔާސީ ޕާޓީތަކާއި، ކޯލިޝަން ސަރުކާރާބެހޭ ޤާނޫނެއްވެސް ފާސްކޮށްދެއްވުމަށް. ޤައުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ޖިނާއީ އިޖުރާޢަތުގެ ބިލް ފާސްކޮށްދެއްވުމަށް. މިދެންނެވި ޤާނޫނުތައް ފުރިހަމަކުރުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށާއި، ކުށްތައް މަދުކުރުމަށާއި، މުޅި ޤައުމުގެ ސަލާމަތާއި އަމަންއަމާން ކަމަށްޓަކައި ކުރަން ޖެހިފައިވާ މުހިންމު މަސައްކަތްތަކެއްކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.

ޢިއްޒަތްތެރި ރައްޔިތުން!

އިޤްތިޞާދީ ގޮތުން މިއަދު ޤައުމު މިވަނީ ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައި. އެކިއެކި ސިޔާސީ ބޭނުމަށްޓަކައި، ޤައުމަށް އާމްދަނީ ލިބޭވަރަށްވުރެ ޚަރަދުތައް ބޮޑުކޮށް، މިވޭތުވެދިޔަ އަށެއްކަ އަހަރު ބަޖެޓަށް ލިބެމުން އައި ހީނަރުކަން، މިއަދު މިވަނީ ޤައުމީ ނާޒުކު ޙާލަތަކަށް ގޮސްފައި. ސިޔާސީ ގޮތުން ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި، މުސްތަޤްބަލަށް ވިސްނުމެއްނެތި، ވަގުތީ ފައިދާއަށްޓަކައި ޚަރަދުތައް ބޮޑުކުރަމުން ގޮސް، އަތްނުފޯރާ ހިސާބަށް ޚަރަދުތައް މިވަނީ ބޮޑުވެފައި. ޤައުމަށް ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކޮށް، ޚަރަދުތައް ކުޑަކޮށްގެން މެނުވީ، އިޤްތިޞާދީ ހަމަޖެހުމެއް ގެނެވޭކަށް ނޯންނާނެ.

އެހެންކަމުން، ޤައުމަށް ދިމާވެފައިމިވާ ސިޔާސީ އަދި އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުން އަޅުގަނޑު އެދެން. އެގޮތުން، ސަރުކާރުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން މިހާރު މިވަނީ މަޖުބޫރުވެފައި. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުންދޭ ސަބްސިޑީތަކުގެ ޚަރަދުތައް ހަމަޖެހިފައިވަނީ، އޭގެތެރެއިން ބޮޑު ބައެއް، ރާއްޖޭގައި ދިރިއުޅޭ އެއްލައްކައަށްވުރެ ގިނަ ބިދޭސީންނާއި އަދި އެއަށްވުރެ ގިނަ ފަތުރުވެރިންނަށްވެސް ހޭދަކުރެވޭ ގޮތަކަށް. ކަން މިހެން ހުރުމާއެކު، މިފަދަ ބޮޑެތި ޚަރަދުތައް ކުރުމަށްޓަކައި މިދެންނެވި ގިންތިތަކުންވެސް މިހާރަށްވުރެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބެން އެބަޖެހޭ.

ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

އަޅުގަނޑުމެން ފަށާފައިވާ ޑިމޮކްރަސީގެ ދަތުރު، ﷲގެ އިރާދަފުޅާއެކު، ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މިފުރްޞަތުގައިވެސް ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. މިދުވަސްވަރު މި ޤައުމުގެ ނައު ދަތުރުކުރަމުން މިދަނީ، ކިތަންމެ ގަދަ ކަނޑެއްގައި ކަމުގައިވިޔަސް، މޫސުމުގެ ވިއްސާރަ ނިމުމާއެކު، ޤައުމުގެ ދުވެލި އަވަސްވެ، ﷲގެ ރަޙްމަތްފުޅާއެކު، ނަލަ ދަތުރަކަށް އަނެއްކާވެސް ނުކުންނާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.

ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއި އަދި ތިޔަބޭފުޅުންގެ ކެތްތެރިކަމާއެކު، މި ޤައުމު ކާމިޔާބު މަންޒިލަކާ ހަމައަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން!

މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ އިޚްތިޔާރުގައި މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު، އޭރު އިންތިޚާބު ކުރެވިފައިހުރި ނައިބު ރައީސަކީ އަޅުގަނޑު ކަމަށްވުމާއެކު، ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ)ގެ ދަށުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވީ، މި ޤައުމު ނުރައްކާތެރި ހަތަރު އަނގޮޅިއެއްގައި ވަނިކޮށް. ތަފާތު ސިޔާސީ ފިކުރުގެ ޕާޓީތަކާއެކު ސަރުކާރެއް އެކުލަވާލައި، މިވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި، ޤައުމަށް ވަނީ ފަސޭހަ ނޫނަސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެވިފައި. ޤައުމުގެ ނައު ފަރަކަށް އެރިޔަނުދީ އަދި އަޑިޔަށްދިޔަނުދީ، ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި ދަތުރު ކުރަމުން މިދަނީ، ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުރިހަމަކުރެވިފައިވާ މިއަށްވުރެ ހަމަހިމޭން ބަނދަރެއްގެ އިންތިޒާރުގައި.

އެހެންކަމުން، މިއަދު ރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި އަސާސްތަކަށް ޙުރްމަތްތެރިކޮށް ހިއްތެވުމަށް. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބޯލަނބައި، މުޖްތަމަޢުގެ ރިވެތި އަޚްލާޤީ މިންގަނޑުގައި ސާބިތުވެ ތިއްބެވުމަށް. ޤައުމު ހަމަޖެހުމަކަށް ގެނައުމަށް މެދުނުކެނޑި ކުރެވެމުންދާ މަސައްކަތްތަކުގައި، ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް. ޤާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެއްވުމަށް. އަޅުގަނޑުމެންނަކީ މި ޤައުމުދެކެ ނުހަނު ލޯބިވާ، ޤައުމަށް ހުރިހާ ގޮތަކުންވެސް ހެޔޮއެދޭ، ޤައުމަށްޓަކައި ފަޚްރުވެރިވާ ބައެއް ކަމުގައި ދެއްކެވުމަށް. އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަތުމަށް.

މާތްﷲ، އަޅުގަނޑުމެންގެ މި ޤައުމު، މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި! ރާއްޖޭގެ ރައްޔިތުންނަކީ މިނިވަންކަމަށް ލޯބިކުރާ، މިނިވަންކަމުގެ ނިޢުމަތް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއް ކަމުގައި ލައްވާށި! އަޅުގަނޑުމެން އެންމެންނަކީ އިސްލާމީ ރީތި އުސޫލުތަކުގައި ހިފަހައްޓައި، އެ އުސޫލުތަކަށް އިޙްތިރާމްކުރާ ބައެއް ކަމުގައި ލައްވާށި! އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމާއި، ފިކުރީ މިނިވަންކަން ރައްކާތެރި ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه