ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް ބޭރުގެ ތިން ޤައުމެއްގެ ސަފީރުން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވި ބޭފުޅުންނަކީ، އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން ރެންކިން އާއި، ޢިރާޤު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަހްތާން ޠާހާ ޚަލަފް އާއި، އިރާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ނަބީ ޙައްސާނީ ޕޯރ އެވެ.

ވަކިވަކިން ބޭއްވެވި މިބައްދަލުކުރެއްވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މި ތިން ޤައުމާ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި، ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުންތަކުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެ ޤައުމުތަކާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.