ޔޫރަޕިއަން ޔޫނިއަންގެ ވަފްދެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުންނާއި، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭ މަޢުލޫމާތު ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ހަމަޖެހުން ޤާއިމް ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި، މިނިވަން މުއައްސަސާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ހަމައެއާއެކު، ސިޔާސީ ޕާޓީތަކާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުންވެސް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އީ.ޔޫ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމަޖެހުމަކަށް ގެނައުމަށް ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަވަހަށް ފެށުމަކީ، ރާއްޖޭގައި އެއްބައިވަންތަކަން ޤާއިމް ކުރުމަށާއި، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި މިދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.