މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު 10 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމަކީ ރާއްޖޭގެ މިހާރުގެ ޙާލަތާއި އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވައި، މި ގޮންޖެހުންތަކުން އަރައިގަތުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ހާމަކުރެއްވިއެވެ. އަދި މިކަންކަން ޙައްލު ކުރެއްވުމުގައި، ބޭރު ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިން ކުރެއްވި ބައެއް ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.