މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބޭއްވެވި ރަސްމީ ޙަފްލާ، މިރޭ ޤައުމީ ދާރުލްއާޘާރުގައި ބާއްވަވައިފިއެވެ.

މި ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުނެވެ. ޤައުމީ ސަލާމް ނިމުމުން، ޙާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާޠަބު ކުރައްވައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިވަން ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ލިބިފައިވާ މިނިވަންކަމާއި ތަރައްޤީއަކީވެސް ރާއްޖޭގެ ރައްޔިތުން ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ގިނަގުނަ ޚިދްމަތްތަކާއި، ހަމައެހެންމެ، އަޅުގަނޑުމެންގެ ކާބަފައިން ދިވެހި ޤައުމަށްޓަކައި ކުރައްވާފައިވާ ގިނަގުނަ ޚިދްމަތްތަކާއި، ވެވަޑައިގެންފައިވާ މަތިވެރި ޤުރްބާނީ ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ އަމާން ޞުލްޙަވެރި ޤައުމެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް މިއަދު އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާން ބަދަލުވެ، އަޅުގަނޑުމެންގެ ރަށްތައް ބަދަލުވެ، އަޅުގަނޑުމެންވެސް މިތިބީ ބަދަލުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެން މިއަދުވެސް ކުރާ އުންމީދަކީ، ޞުލްޙަވެރިކަމާ އެކީގައި މި ރަށްތަކުގައި، މަގުމަތީގައި އުޅުމުގެ ފުރްޞަތަށް ކުރާ އުންމީދު ކަމަށާއި، އަޅުގަނޑުމެންގެ ދަރިންނާއި، ކާފަ ދަރިންނާ އެކުގައި މަގުމަތީގައި ހިނގާ އުޅުމުގެ އުންމީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އުންމީދުތައް ޙަޤީޤަތަކަށް ހެދިދާނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކާ އަޅާލައި، އެކަކު އަނެކަކަށް ހެޔޮކޮށްހިތައި، ދޫކުރަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެއްބަޔަކު، އަނެއް ބައެއްގެ ޝަކުވާ އަޑުއަހައި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި އެބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށް، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

މި ޙަފްލާގައި ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި، މިނިސްޓަރުންގެ ނައިބުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.