ޖީ.އެމް.އާރު. އިން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަދަމުންގެންދާ ޓަރމިނަލްގެ މަސައްކަތް، ވަގުތީގޮތުން ހުއްޓަވާލެއްވުމަށް އެންގެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިމަސައްކަތް ވަގުތީގޮތުން ހުއްޓަވާލެއްވުމަށް ނިންމެވީ، ޖީ.އެމް.އާރު. އިން މިމަސައްކަތް ފަށާފައިވަނީ، ޤާނޫނު ނަންބަރު: 2012/2 މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތަކާއި، ޢިމާރާތް ކުރުމާ ގުޅޭގޮތުން ހޯދަންޖެހޭ ހުއްދަތައް ނުހޯދާ ކަމަށްވާތީއެވެ.

އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަންވާނީ، ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމާއި، ތަރައްޤީގެ ޕްލޭން ތަންފީޛު ކުރެވެންވާނީވެސް ދައުލަތުގެ އޭވިއޭޝަނާބެހޭ ރެގިއުލޭޓަރީ އޮތޯރިޓީއިން ހުއްދަ ދިނުމުންކަން ފާހަގަކުރެއްވިއެވެ.