بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى رَسُـولِ اللّـه‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم

މިއީ މާބޮޑަށްވެސް ލަސްވެފައި އޮތް ކަމެއް، މިއަދު ނިމިގެން މިދިޔައީ. ދެން މިކަމުގައި، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް އަވަސް ސްޕީޑެއްގައި، ވަރަށްކުރު ވަގުތުކޮޅެއްގެ ތެރޭގައި މި ފިހާރަ ތައްޔާރު ކުރެވިގެން ހުޅުވިގެން މިދަނީ. މިހާ ބޮޑު މަސައްކަތެއް، މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮށްދެއްވީތީ، އަޅުގަނޑު ޚާއްޞަ ގޮތެއްގައި، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރަށާއި، ޗެއަރމަނަށާއި، ހުރިހާ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިހާ ރީތި ރަށެއްގައި ދިރިއުޅުއްވާއިރުގައި، ވިޔަފާރި ކުރުމުގެ ފަސޭހަތަކާއި، އެހެނިހެންވެސް ދިރިއުޅުމުގެ ފަސޭހަތައް އޮންނަންވާނެ ހަމަޖެހިފައި. އެހެންވީމާ، އެގޮތުން އެސް.ޓީ.އޯ.ގެ ފިހާރައެއް މިރަށުގައި ހުޅުވިގެންދާކަން މިއީ، މިރަށުގެ ރައްޔިތުންނަށް އިތުރު އުފަލެއް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އެސް.ޓީ.އޯ.އަކީ މިއަދު ދިވެހިރާއްޖޭގައި އޮތް، ރާއްޖެއަށް އެންމެބޮޑު ޚިދްމަތެއްކޮށްދޭ އަދި އެންމެބޮޑު ކުންފުނި. އެކުންފުނީގެ ޚިދްމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު ދަނީ ލިބެމުން. އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުންވެސް، މިއީ އަޅުގަނޑު ހުރެގެންވެސް ހުޅުވާ ދެވަނަ ފިހާރަ. ދެން އަނެއްކާ އަޅުގަނޑުމެން ރައްޔިތުންނާއި އެސް.ޓީ.އޯއާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އޮންނަމުން މިދަނީ. އެގޮތުން، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، ހަމަ އަޅުގަނޑުމެން އެދޭ ކޮންމެ ކަމެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ވަރަށް ހިތްވަރު ކުރައްވައިގެން ކަންތައްތައް ކޮށްދެއްވަމުން ގެންދަވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެގޮތުން، ދާދިފަހުން އަޅުގަނޑު އެދުނީ، މި ރަމަޟާން މަސް ފެށުމުގެ ކުރީގައި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އެސް.ޓީ.އޯ.ގެ ފިހާރަތަކުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރޯމަސް ގަންނަން ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް. އެކަމުގައި އެސް.ޓީ.އޯ އާއި އަދި މަސް ކުންފުނިތަކާ ގުޅިވަޑައިގަންނަވައިގެން، ވަރަށްގިނަ ފިހާރަތަކެއްގައި، މި ރޯދަމަހު ރޯމަސް ގަންނަން ލިބޭނެގޮތް ހައްދަވައި ދެއްވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! މިރަށުގައި މިހުޅުވޭ ފިހާރައަކީ، ﷲ އިރާދަކުރެއްވިއްޔާ ހަމަ ވަރަށްފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ޚިދްމަތް ދެމުން ގެންދާނެ ފިހާރައެއް. އަދި އެސް.ޓީ.އޯ.ގެ ފަރާތުން ވިއްކަމުން ގެންދާ ހުރިހާ ބާވަތެއްގެ މުދާވެސް، މި ފިހާރައިންވެސް ލިބެން ހުންނާނެ. އެހެން ނޫނިއްޔާ މި ފިހާރަ މެދުވެރިކޮށް އޯޑަރު ކުރައްވައިގެން ލިބިވަޑައިގަންނަވާނެ. އެހެންވީމާ، ޚާއްޞަކޮށް، ހަރު މުދާ ހޯއްދެވުމަށްޓަކައި ފެރީ ނަންގަވައިގެން މާލެ ވަޑައިގަންނަވާކަށް ދެން ޖެހިވަޑައެއްނުގަންނަވާނެ. މިތަނުން އޯޑަރު ކުރެއްވީމާ، މިތަނުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، އަބަދުވެސް ﷲ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދްމަތްތައް ދެވޭނެ ގޮތެއްވޭތޯ ބަލަން. އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަކޮށްދެވޭތޯ ބަލަން. ކަންދިމާވި ގޮތުން، މިދުވަސްވަރަކީ ސަރުކާރުގެ ބަޖެޓަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއް. އަދި ހަމަ އެހެން، ސަރުކާރު ބައިވެރިވާ ކުންފުނިތައްވެސް ހުރީ އަޅުގަނޑުމެން އެދޭހާ އެންމެ ރަނގަޅު ޙާލަތެއްގައެއް ނޫން. އެހެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަ ވީ އެންމެ ބޮޑަކަށް، އެންމެ ފުރިހަމަކޮށް ކޮށްދެވޭތޯ އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް މިރަށަށް އައުމުން، އަޅުގަނޑުމެން އެނގިއްޖެ، ތިޔަބޭފުޅުން ތިޔަ ދެއްވާ ހޫނު މަރްޙަބާއަށްޓަކައިވެސް އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ، ތިޔަބޭފުޅުން ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ތިއްބެވި ޚިދްމަތްތަކެއްކަން މިއީ. އަނެއްކާ ތިޔަބޭފުޅުން މިކަމުގައި އުފާފުޅު ކުރައްވާކަންވެސް އަޅުގަނޑަށް ޔަޤީނުން އެނގޭ.

އާދެ! ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެދެނީ، ދުޅަހެޔޮ ޞިއްޙަތަކާ އެކީގައި، ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަން އަދާކުރެއްވުމުގައި، ތިޔަ ހުރިހާ ބޭފުޅުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައި އަދި ކުރައްވާ އަޅުކަމުގެ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވައި، ތިޔަ ހުރިހާ ބޭފުޅުންނަށް ތައުފީޤު ދެއްވުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه