بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވިލިމާލޭ ލޮބުވެތި ޒުވާނުން، އަޅުގަނޑުމެންގެ ޒުވާން މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް، ޙާޒިރުވެވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހާ ވަޒީރުން. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ މާތްވެގެންވާ ރަމަޟާން މަސް. އެހެންވީމާ، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ދެންނެވުން.

އާދެ! އެއަށްފަހު، ވިލިމާލޭގެ ޒުވާނުންގެ މަރްކަޒު އަނެއްކާވެސް ހުޅުވުނު ކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! މިއަދު ވަރަށްގިނަ ބައެއްގެ އެހީއާ އެކީގައި، މިހުޅުވޭ މަރްކަޒަކީ މިއީ އަޅުގަނޑުމެން މިހާރު ދުވަސްކޮޅެއް ވަންދެން ކުރަމުން އައިސްފައިވާ އުންމީދެއް. ދެކެމުން އައި ހުވަފެނެއް. މި މަރްކަޒު އަނެއްކާވެސް ހުޅުވުމުގައި ވަރަށްގިނަ ބޭފުޅުން މަސައްކަތް ކޮށްދެއްވައިފި. އަޅުގަނޑު ޚާއްޞަ ގޮތެއްގައި، އެކަމަށްޓަކައި މިއަވަށުގެ ޒުވާނުންނަށް އަޅުގަނޑުވެސް ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީގައި، މިކަމުގައި އެންމެ އިސްކޮށް ދެއްވައި، މިކަން ޙަޤީޤަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއަށާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ވަޒީރުންނާއި، އޮފިޝަލުންނާއި، އެމިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިކަމުގައި ރެޔާދުވާލު ކެނޑިނޭޅި ވިލިމާލެއަށްޓަކައި މަސައްކަތް ކުރައްވަމުން މިގެންދަވާ އަޅުގަނޑުމެންގެ އަޚު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް އަޙްމަދު ނިހާނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

ޒުވާނުންގެ މަރްކަޒު އަލުން ހުޅުވިގެންދާއިރުގައި، މި މަރްކަޒުގައި ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރްޞަތު ހުޅުވާލެވެމުންދާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެގޮތުން، ޚާއްޞަކޮށް، އަންހެން ބޭކަނބަލުންނަށް އެއޮރޮބިކްސްއަށް ވަކި ތަނެއް ޚާއްޞަ ކުރެވިފައިވާ ކަމަށްޓަކައި، އަޅުގަނޑު އެކަމަށްޓަކައި ވަރަށް އުފާކުރަން. ބައެއްފަހަރަށް ރައްޔިތުން ކަންކަން ކުރަމުން ގެންދާއިރުގައި، ޚާއްޞަކޮށް ކުޅިވަރުގެ ކަންތައް ރާވަމުން ގެންދަވާއިރުގައި، އަންހެން ބޭކަނބަލުންނާ ދޭތެރޭގައި އޮންނަނީ އެކަށީގެންވާ ވަރަށް ނުވިސްނިފައި. ނަމަވެސް، މިއަދު އަޅުގަނޑަށް ފެނިގެން މިދަނީ، އެއާ ޚިލާފަށް އެންމެ ފުރަތަމަ އިސްކަމެއް އަންހެން ބޭކަނބަލުންނަށް ދެވިފައިވާކަން. އެކަމަށްޓަކައިވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މުބާރަކްބާދު ދަންނަވަން.

އާދެ! އޭގެއިތުރުން، ވަރަށް ފުރިހަމަ ޖިމެއް މިތާނގައި ތައްޔާރުވެގެންދާނެ ކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައިވަނީ. އަދި ހަމައެއާއެކީގައި މިހާރުވެސް ތަފާތު އެކިއެކި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމް ހުރީ ހަމަޖެހިފައި. އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި، މިތާނގައި ގޭމިންގ ސެންޓަރެއްވެސް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑަށް ވަނީ މަޢުލޫމާތު ލިބިފައި.

އާދެ! މި ޝުކުރުގެ ލިސްޓްގައި، އަޅުގަނޑު ހިމަނަން ބޭނުން، ޚާއްޞަ ގޮތެއްގައި، މި މަރްކަޒު ހުޅުވުމަށްޓަކައި އެކި ފަރާތް ފަރާތުން ދެއްވާފައިވާ އެހީ. އެނގިވަޑައިގަންނަވާނެ ފަދައިން، މިދުވަސްވަރަކީ މިއީ، ސަރުކާރުގެވެސް ބަޖެޓް ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއް. އެހެން ނަމަވެސް، އެ ދަތިކަމުގެ ތެރޭގައިވެސް އެކި ފަރާތްތަކުން ޚާއްޞަކޮށް، އަމިއްލަ ބައެއް ފަރާތް ފަރާތުން އެހީ ހޯދުމާ އެކުގައި، މި މަރްކަޒު އަލުން ހުޅުވިގެންދާކަމީ، އެއީ އަޅުގަނޑުމެން ކަމެއް ކުރަން ޤަޞްދުކޮށްފި ކަމަށްވާނަމަ، އެކަން ކުރުމުގެ ޔަޤީންކަމާއި، މަޤްޞަދު އޮތް ކަމަށްވާނަމަ، ކަންކަން ކުރެވެމުންދާނެ ކަމުގެ ވަރަށް ފުރިހަމަ ދަލީލެއް، މިތަން މިއަދު ހުޅުވިގެންދާކަން އެއީ. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށްގިނަ ދަރިން މި ޤައުމުގެ ތަރައްޤީއަށްޓަކައި އަބަދުވެސް ޙިއްޞާ ކުރަމުންދާ ޤައުމެއް. ވަރަށްގިނަ ޤައުމުތައް ތިބީ އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރަން ތައްޔާރަށްކަން މިއަދު އެނގިގެން މިދަނީ. މިއީ ހަމައެކަނި ސަރުކާރަކަށް އޮތް ކަމެއް ނޫންކަން. ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާނެ، އެކަމުގައި އެހީވެވަޑައިގެންދެއްވާނެ ކިތަންމެ ފަރާތްތަކެއް ތިބިކަން ވަރަށް ސާފުކޮށް އެނގިގެން މިދަނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އުފާކޮށް، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މި މަރްކަޒު ހުޅުވުމަށްޓަކައި އަޅުގަނޑުމެން މަޤްޞަދު ކަނޑައަޅައި، އެކަމަށްޓަކައި ތިޔަބޭފުޅުންގެ އަރިހުގައި މިވާހަކަ ދެންނެވުނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި. މާޗްމަހުން ފެށިގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، ހަމަ ވަރަށްބޮޑު ހިތްވަރަކާ އެކީގައި މަސައްކަތް ކުރެވުނީމަ، މިކަން މި ޙަޤީޤަތަކަށް ވެގެންދިޔައީ. އެކަން އަޅުގަނޑުވެސް އުފަލާއެކީ ފާހަގަކުރަން. އަޅުގަނޑުމެންވެސް މިރަށަށް އައިން. މިރަށުގެ ސްކޫލާއި، ޒުވާނުންގެ މަރްކަޒާއި އަދި އެހެނިހެންވެސް ތަންތަން ބަލައި، އަޅުގަނޑުމެންނަށް ކޮށްދެވެންހުރީ ކޮންކަމެއްތޯ ދެނެގަތުމަށްފަހުގައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދެންނެވިން، އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ވާހަކަ. ދެން އެކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެން އޭރުއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ. ﷲގެ އިރާދަފުޅުން މިއަދު މިކަންކަން މިހިރީ ޙަޤީޤަތަކަށްވެފައި. އެކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ފަށްފަށުން ދަންނަވަން.

މި މަރްކަޒަކީ މިއީ، އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އުފެދި، އެއްބާރުލުން އުފެދި، އުޚުއްވަތްތެރިކަން އިތުރުވަމުންދާނެ މަރްކަޒެއް ކަމުގައި އަޅުގަނޑު ޔަޤީންކުރަން. މިތާނގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވައި، މި މަރްކަޒަކީ ހުރިހާ ޒުވާނުންނަށް ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނުބައްލަވައި، މި މަރްކަޒަކީ ހުރިހާ ބަޔަކަށްވެސް މަރްޙަބާކިޔާ މަރްކަޒަކަށްވުން އަޅުގަނޑުގެ އުންމީދަކީ. އެހެންވީމާ، މަރްކަޒު ހިންގަވަމުން ގެންދަވާއިރުގައި، އެކަމަށް ސަމާލުކަން ދެއްވައި، އެކަމުގައި އެކިއެކި ގޮތްގޮތް ފަހިކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ! އަޅުގަނޑު އަނެއްކާވެސް ކުރިއަށް އޮތް ރަމަޟާން މަހުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮ ތަހުނިޔާ ދަންނަވަން. އަދި މާތްﷲ ތިޔަބޭފުޅުންނަށް ރަޙްމަތް ލައްވައި، މި ހެޔޮކަމުގެ މައްސަރުގައި، ތިޔަ ހުރިހާ ބޭފުޅުންވެސް اللّـه سبحـانـه وتعـالى އަށް އަޅުވެތިވެ، އަޅުކަން ކުރުމުގައި ދެމިތިއްބަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، ތިޔަބޭފުޅުންނަށް ތައުފީޤު ދެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه