بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޖަމްޝީދު އަދި މާލޭ ހެލްތް ކޯޕަރޭޝަންގެ އެކްޓިންގ ސީ.އީ.އޯ ޑޮކްޓަރ ޝަކީލް، މި ހޮސްޕިޓަލްގެ ހުރިހާ ސްޓާފުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ މި ހޮސްޕިޓަލްގައި މުޅިން އާ ޚިދްމަތެއް މިއަދު ފެށިގެންދާކަން. މި ޚިދްމަތް ފެށުމުގެ އަޞްލެއް ކަމުގައި މިވަނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލެއިން ބޭރުގައިވެސް، ރާއްޖޭގެ ހުރިހާ ރަށްރަށެއްގައިވެސް ސަރުކާރުގެ ކެރިފޯރުންކަން ހުރިވަރަކުން ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި ގަސްދު ކުރެވޭ ގަސްދުކުރުން. މިގޮތުން، ސަރުކާރަށް ހަމައެކަނި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފަރާތްތަކުގެ އެހީއާ އެކީގައި ކަންކަން ކުރެވޭތޯ ބަލަމުން މިގެންދަނީ. އެގޮތުން، ޚާއްޞަކޮށް، ޑައިލިސިސްގެ ޚިދްމަތަކީ، ވަރަށްބޮޑު އެހީތެރިކަމެއް އަމިއްލަ ފަރާތްތަކުން ލިބިގެން ދެމުންދާ ޚިދްމަތެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ޚިދްމަތް މާލޭގައި ފެށުމުގައިވެސް ވަކިން ޚާއްޞަކޮށް، ޔުނިވަރސަލް އެންޓަރ ޕްރައިޒަސް އަދި ވަރަށް ސްޕެސިފިކްކޮށް އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު ވަރަށްބޮޑު އެހީތެރިކަމެއްވަނީ ވެދެއްވާފައި. އެހެންވީމާ، މިއަދު އަޅުގަނޑު އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިތަނަށް ވަޑައިގެން އެބަ އިންނެވި، އަލްފާޟިލް މޫސާ މުޙަންމަދު. އަޅުގަނޑުމެން އެންމެން ދަންނަ ކުޑަމޫސަ. އެބޭފުޅާ އަމިއްލަގޮތުންވެސް މިކަމުގައި ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާކަން އަޅުގަނޑަށް އޮތީ އެނގިފައި. އެހެންވީމާ، އަޅުގަނޑުމެންގެ ކުޑަމޫސައަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިހާރު މި ޚިދްމަތް ބޭނުންވާ ގާތްގަނޑަކަށް ސަތޭކައެއްހާ މީހުން އެބަތިބި. ކުޑަކުދިންނާ އެކީގައި. މިހުރިހާ ކުދިންނަށް އަދި ރާއްޖޭގައި ޚިދްމަތް ދެވެންހުރީ ހަމައެކަނި މާލޭގައި. އެހެންވީމާ، ފުރަތަމަފަހަރަށް މާލެއިން ބޭރުގައި ހޮސްޕިޓަލެއްގައި، މި ޚިދްމަތް ދެވެން މިހާރު މިފެށެނީ. އެހެންވީމާ، މިއަދު މިހާ އުފާވެރި ދުވަހަކަށް، މިހާ ތާރީޚީ މުނާސަބަތަކަށް ވެގެން މިދަނީ. މިރަށުގައި ދިރިއުޅޭ ޢާއިލާތަކުގެ ކުދިންނަށް ދެން ﷲ އިރާދަކުރެއްވިއްޔާ، ކަނޑު ހުރަސްކޮށްފައި މާލެނުގޮސް، މިރަށުގައި ތިބެގެން މި ޚިދްމަތް ލިބޭނެގޮތްވުން އެއީ ވަރަށްބޮޑު ނިޢުމަތެއް. ހަމައެހެން، އަޅުގަނޑުމެންގެ އުންމީދަކީ، މުސްތަޤްބަލުގައި ވަރަށް އަވަސް މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެހެން ދެ ދިމާލެއްގައި ފުރްޞަތު ހުޅުވިގެންދާނެ. ޚާއްޞަކޮށް، އާބާދީ އެންމެގިނަ ދެރަށެއްގައި ނަމަވެސް، މި ޚިދްމަތް މިއަހަރުވެސް ފެށޭތޯ އަޅުގަނޑުމެން ހިންމަތާއެކު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދައުލަތުގެ ފަރާތުން ދޭންޖެހޭ ޚިދްމަތަކީ އެއީ، ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތެއް. ވަކިބަޔަކަށް، ވަކިރަށަކަށް، ވަކިތަނަކަށް ނުބަލާ ދޭންޖެހޭ ޚިދްމަތެއް. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ޔަޤީންކޮށްދޭ، ރައްޔިތުންނަށް ލިބިދޭންޖެހޭ ޞިއްޙީ ޚިދްމަތްތަކަކީ އެއީ، ހުރިހާ އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދޭންޖެހޭ އެއްޗެއްކަން. ވީމާ، ދައުލަތުގެ ފަރާތުން އެއީ، ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިނަމަވެސް، އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ، ހުރިހާ ރައްޔިތުންނަށްވެސް ޚިދްމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދެވޭތޯ. އެގޮތުން، އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރާނެ ވާހަކަ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުބަލާނަން، ވަކިބަޔަކަށް ޚާއްޞަކޮށްގެން، އެއްވެސް ޚިދްމަތެއްދޭކަށް. އަޅުގަނޑު މިރަށަށް އައިއިރުގައިވެސް ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުންތަކެއް ފާޅުކުރާ ބަޔަކު، މި ހޮސްޕިޓަލް ވަށާލައިގެން އެބަތިބި. އެހެން ނަމަވެސް، އެބޭފުޅުންވެސް ދެނެވަޑައިގަންނަވަން އެބަޖެހޭ، ދައުލަތުން ކުރަންޖެހޭ ކަންކަން، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި ކުރެވޭ މަސައްކަތަކީ އެއީ، ވަކިބަޔަކަށް ކުރާ މަސައްކަތެއް ނޫންކަން. އަދި އަޅުގަނޑުމެން ރީތިނަމެއް ހޯދާކަށް، އަޅުގަނޑުމެން މިކަމުގައި ވަކިބައެއްގެ ރުހުން ހޯދާކަށް ކުރާ ކަމެއްވެސް ނޫން. މިއީ، ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތެއް ދިނުމަށްޓަކައި އެވަގުތަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިބާވަތުގެ ކަންކަމުގައި ހުރަސްއަޅައި، މިކަމާ ދެކޮޅުހަދާ، މުޒާހަރާކޮށް، މިކަހަލަ ކަންކަން ކުރުމަކީ މިއީ ވަރަށް ވިޔާނުދާ ކަމެއް ކަމުގައި އަޅުގަނޑަށް ދެންނެވޭނީ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިތާނގައި މިއަދު މި ޤާއިމްކުރެވޭ ޑައިލިސިސް ސެންޓަރަކީ އެއީ، ވަކި ކުލައެއްގެ މީހުންނަށް، ކުދިންނަށް ލޭއަޅާ ތަނެއް ނޫން. ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި، ﷲ އިރާދަކުރެއްވިއްޔާ، ޞިއްޙީ ޚިދްމަތްތައް ދެމުން ގެންދާނަން.

އާދެ! އަޅުގަނޑު ޔަޤީންކުރަން، އަޅުގަނޑު ވަކި މިވަގުތު މި ސަރުކާރު ހިންގުމާ ޙަވާލުވެހުރީމަކާ ނޫން. އެހެން ނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިވޭތުވެދިޔަ ހަތަރު ފަސްމަހެއްގެ ތެރޭގައި، ޞިއްޙީ ޚިދްމަތްތައް މިއަންނަނީ މަޑުމަޑުން ރަނގަޅުވަމުން. މާލޭގައިވެސް އަދި އަތޮޅުތެރޭގައިވެސް. އެކަން އެހެންވަނީ، އިޚްލާޞްތެރިކަމާއެކީގައި، ބަޔަކު އެމަސައްކަތް ކޮށްދޭން ތިބީމާ. ސިޔާސީ ވިސްނުމަކާ ނުލައި، ޕްރޮފެޝަނަލް ވަޒީފާތަކެއް، ޕްރޮފެޝަނަލް މަސައްކަތްތަކެއް ބަޔަކު ކުރަމުން ގެންދާތީ. އެހެންވީމާ، އެކަމަށްޓަކައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަޅުގަނޑުގެ އިލްތިމާސަކީ، އަބަދުވެސް ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާށޭ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި. އެއްވެސް ބަޔަކަށް އެއްވެސް ތަޢައްޞުބެއްނެތި، ތިޔަބޭފުޅުން ދެއްވަމުން ގެންދަވާ ޚިދްމަތްތައް ދެއްވަމުން ގެންގޮސްދެއްވާށޭ. މިގޮތުގައި އަޅުގަނޑަށް އެނގޭ، މިއަދުގެ އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޖަމްޝީދު ވަކިފަރާތަކަށް ބެއްލެވުމެއްނެތި، ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން، އަޅުގަނޑު ދަންނަން. އެކަމަށް އަޅުގަނޑު ޔަޤީންކުރަން. ވީމާ، ޑޮކްޓަރ ޖަމްޝީދު ތިޔަކޮށްދެއްވާ މަސައްކަތަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މާލޭ ދާއިރާގެ ޞިއްޙީ ޚިދްމަތްތައް ރަނގަޅު ކުރުމަށްޓަކައި، ހޮސްޕިޓަލްގެ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި، ޑޮކްޓަރ ޝަކީލް ރެޔާދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ދުވަސް އަޅުގަނޑު ވަރަށް ގާތުން ބަލަމުން ގެންދާނަން. އަޅުގަނޑަށް އެނގޭ، ޑޮކްޓަރ ޝަކީލްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަކިމީހަކަށް، ވަކިފަރާތަކަށް ބެއްލެވުމެއްނެތި. ހަމައެކަނި ޚިދްމަތް ރަނގަޅު ކުރެވޭތޯ. އެހެންވީމާ، އަޅުގަނޑު ޔަޤީންކޮށް އަރުވަން، މިއަދު ޞިއްޙީ ދާއިރާގެ ކަންކަން ހިންގެވުމަށް ތިއްބެވި ބޭފުޅުންނަކީ، މިއީ ވަރަށް ޕްރޮފެޝަނަލް، ވަރަށް ޤާބިލް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ، މި ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް، ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުންދާނެކަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަނީ، މާލޭގައިވެސް އަދި މާލެއިން ބޭރުގެ އެހެން ރަށްރަށުގައިވެސް، އެ ހުރިހާ ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދްމަތްދޭ ތަންތަން މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް. އެގޮތުން، އަޅުގަނޑުމެން އަތޮޅުތެރޭގައި މިކުރާ ދަތުރުތަކުގައިވެސް ހަމަ ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޙާލަތު ހުރިނެތްގޮތް ބަލައި، އެތަންތަނަށް ކޮށްދެވެންހުރި ޚިދްމަތް ފާހަގަކޮށް، އަޅުގަނޑުމެން މިދަނީ އެކަންކަން އަޅުގަނޑުމެންނަށް ކުރެވެންހުރި އެންމެ ރަނގަޅަކަށް ހަމަޖައްސައިދެމުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރަޙްމަތް ލައްވައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ބައެއް ކަމުގައި ލެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ޞިއްޙީ ޚިދްމަތްދޭ ހުރިހާ ފަރާތްތަކަށް އެކަމުގެ ކުޅަދާނަކަމާއި، ޤާބިލްކަމާއި، ކެތްތެރިކަމާއި، މުރާލިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه