ހުޅުމާލޭ ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދްމަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙު ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު އެ ހޮސްޕިޓަލްގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ޚިދްމަތް ފެށްޓެވުމުގެ އަޞްލަކީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލެއިން ބޭރުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައިވެސް، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އިތުރު ޚިދްމަތްތައް ދެއްވުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ހަމައެކަނި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފަރާތްތަކުގެ އެހީއާ އެކީގައި، ކަންތައްތައް ކުރައްވަމުން ގެންދެވޭތޯ ބެއްލެވުމަކީވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑައިލިސިސްގެ ޚިދްމަތަކީވެސް އަމިއްލަ ފަރާތްތަކުގެ އެހީ ލިބިގެން ދެމުންދާ ޚިދްމަތެއްކަން ފާހަގަކުރައްވަމުން، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލޭ ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދްމަތް މިއަދު ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ ޢާއިލާތަކުގެ ކުދިންނަށާއި މީހުންނަށް މާލެނައިސް، ހުޅުމާލޭގައި ތިބެގެން، މި ޚިދްމަތް ލިބޭގޮތް ހަމަޖެހުމަކީ، ﷲގެ އިރާދަފުޅުން ލިބުނު ވަރަށްބޮޑު ނިޢުމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އާބާދީ ގިނަ، ރާއްޖޭގެ އެހެން ދެ ދިމާއެއްގައި، މި ޚިދްމަތް މިއަހަރު ފެށްޓެވޭތޯ ހިންމަތާއެކު މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޑައިލިސިސް ޚިދްމަތް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވުމަށްފަހު، އެ ޚިދްމަތްދޭ ތަން ބައްލަވާލެއްވިއެވެ.