بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުރާ ކައުންސިލްގެ ރައީސް، ޑީ.އާރު.ޕީ.ގެ ލީޑަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހުރާގެ ލޮބުވެތި އަޚުންނާއި އުޚުތުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ ހިތަށްއަރަނީ، މިއީ ވާ ރަށެކޭ. ކަންކަން ވާ ރަށެކޭ. އަދި މިއީވާ ރައްޔިތެކޭ. ކަންކަން ކުރާ ރައްޔިތެކޭ. އާދެ! މިރަށުގެ ރައްޔިތުންގެ ރިޕޯޓް އަޅުގަނޑަށް އަޑުއިވުމުން، އަޅުގަނޑު ހިތަށްއަރަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން މިރަށަކީ ހަމަގައިމުވެސް ލާމަސީލު ރަށެކޭ. އެކަން އަޅުގަނޑުމެންނަށް ދޭހަވެގެން ހިނގައްޖެ، މިރަށުގައި އަޅުގަނޑުމެންގެ ފައި ޖައްސާލި ހިސާބުން. އަޅުގަނޑުމެންނަށް ތިޔަ ހުރިހާ ރައްޔިތުން ތިޔަދެއްވި ހޫނު މަރްޙަބާ އެއީވެސް އަޅުގަނޑުގެ ހިތުން ފިލައިގެންދާނެ އެއްޗެއް ނޫން. އެ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑު އަދި އަޅުގަނޑާ އެކުގައި މިރަށަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުންގެ ނަމުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ދެކޭގޮތުގައި، މިއީ ވަރަށް ކާމިޔާބު ރައްޔިތެއް ދިރިއުޅެމުންދާ ރަށެއް. ސަބަބަކީ މިރަށުގެ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމިއޮތުން. މިރަށުގެ ރައްޔިތުންނަކީ، އެކިއެކި ފިކުރުތަކަށް ވަކިވަކިވެގެން ގޮސްފައިނުވާ ރަށުގެ ލޯބިހުރި، ރަށްދެކެ ލޯބިވާ، އެކަކު އަނެކަކަށް އަޅާލުންހުރި އޯގާތެރި ބައެއްކަން މިއަދު އަޅުގަނޑުމެންނަށް ސާބިތުވެގެން މިދަނީ. އޭގެ ވަރަށް ފުރިހަމަ ދަލީލެއް މި މަރްކަޒު. މިފަދަ ރީތި ފުރިހަމަ މަރްކަޒެއް ރައްޔިތުންގެ އަމިއްލަ މަސައްކަތުން އެކި ފަރާތް ފަރާތުން އެހީ ހޯއްދަވައިގެން އެޅުއްވިކަން އެއީވެސް ހަމަ އަޅުގަނޑު ދަންނަވާނީ ލާމަސީލު ނަމޫނާއެކޭ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާއާއި ޝުކުރު ދަންނަވަން.

ރައްޔިތުންގެ އިޖްތިމާޢީ މަރްކަޒެއް ރައްޔިތުން އަމިއްލައަށް މަސައްކަތް ކޮށްގެން ޢިމާރާތްކޮށް ހުޅުވާއިރުގައި، އަދި ހަމައެކަނި މިހިސާބުން ނިންމާލީކީ ނޫންކަން، މީގެ ރޭވުންތައް އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައިރުގައި އެނގިއްޖެ. މީގެ ތަފާތު ފޭސްތައް، ތަފާތު މަރްޙަލާތައް އެބަހުރި. އޭގެތެރޭގައި، އަދި އިތުރު ކޮޓަރިތައް އެޅުމާއި، ވީ.އައި.ޕީ ރޫމެއް އެޅުމާ، މިހެންގޮސް ކިތަންމެ ވިސްނުންތަކެއް އެބަހުރި. ވީމާ، އަޅުގަނޑަށް ހަމަ ޔަޤީންކުރެވޭ، ﷲ އިރާދަފުޅުން ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތް ކާމިޔާބުވެ، މި އިޖްތިމާޢީ މަރްކަޒަކީވެސް ހަމަ ލާމަސީލު ތަނަކަށްވެގެންދާނެކަމަށް. އަދި މި މަރްކަޒުގައި އިޖްތިމާޢީ ގޮތުން މިހާރުވެސް އޮތް ވަރުގަދަ ރައްޔިތެއް، މިހާރަށްވުރެވެސް ވަރުގަދަވެ، ރައްޔިތުންގެ މެދުގައިވެސް ގުޅުންތައް ބަދަހިވެގެންދާނެކަން އަޅުގަނޑު ޔަޤީންކުރަން.

އާދެ! މިރަށަށް އެރުމުންވެސް އަޅުގަނޑުމެންގެ ހިތަށް ފިނިކަން ލިބިގެން ހިނގައްޖެ. އެއީ މިރަށުގެ ރީތިކަމުން. ތިޔަބޭފުޅުން ތިޔަ ބެހެއްޓެވި އޯގާތެރިކަމާއި، ކިޔުއްވި ހޫނު މަރްޙަބާގެ ސަބަބުން. އަދި ހަމައެހެން، ކުޑަވަގުތުކޮޅަކަށް ނަމަވެސް، މާލެއިން ބޭރަށް މިވަގުތު ޖެހިލެވުނީމަ. މިހާރު ކަންދިމާވި ގޮތުން، ހިތާމަކުރަންޖެހޭ ގޮތަކަށް މާލޭގެ ކަންތައްތައް މިހާރު މިހިރީ. އަޅުގަނޑަށް ހީވަނީ، މާލޭގައި ދިރިއުޅޭ އަޅުގަނޑުމެންވެސް އެބަޖެހޭ، މިރަށުގެ ރައްޔިތުންގެ ކިބައިން ފިލާވަޅުތަކެއް ދަސްކުރަން. ތަނެއްގެ ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި، ރައްޔިތުންގެ އުފާވެރިކަން ބިނާވެފައިވަނީ، އެތަނެއްގައި އެކުވެރިކަމާއި، އޯގާތެރިކަން އޮވެގެން. އެތަނެއްގައި ޞުލްޙަ އޮވެގެން. އެކަމުގެ ވަރަށް ރީތި ނަމޫނާއެއް މިއީ. މާލެއަކީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުން މީހުން އައިސް ވަޒަންވެރިވެފައިވާ ތަނަކަށްވީނަމަވެސް، މާލޭގައިވެސް އުޅެނީ ޢާންމު ގޮތެއްގައި، ގިނައިން އުޅެނީ އަދިވެސް ދިވެހިން، ދިވެހި ރައްޔިތުން. އަޅުގަނޑުމެންނަކީ އެއްދަރިކޮޅެއްގެ، އެއްދީނެއްގެ، އެއްބަހަކުން ވާހަކަ ދައްކާ އަޚުންނާއި އުޚުތުން. އެހެންވީމާ، އެކަން ހަނދާންނެތި، އަޅުގަނޑުމެންގެ އަމިއްލަ ބޭނުންތަކަކަށްޓަކައި ނުކުމެ، އެކަކު އަނެކަކާ ދިމާކުރުން އެއީ ރަނގަޅު ގޮތެއް ނޫންކަން، ހެޔޮވިސްނޭ ކޮންމެ މީހަކަށްވެސް އެނގޭނެ. އަޅުގަނޑުމެން އެބަޖެހޭ، މިކަހަލަ ރަށްރަށުން ޢިބްރަތް ލިބިގަންނަން.

އާދެ! އަޅުގަނޑުވެސް މިހާބޮޑު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އަދި ހަމައެހެން، މިކަމުގައި އެހީވެވަޑައިގެންދެއްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަރުގެ ބޮޑު ކަމެއް ކޮށް ނިންމާލެވޭނީ، ގިނަ ބައެއްގެ އެހީއާ އެކީގައި. މިރޭ މި ސްޓޭޖުންވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ވަރަށްގިނަ ފަރާތްތަކެއްގެ އެހީ މިކަމުގައި މިރަށުގެ ރައްޔިތުންނަށް ލިބިވަޑައިގަތްތަން. އެހެންވީމާ، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުވެސް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑަށް ޔަޤީން، މިރޭ މި ޖަލްސާއަށް ނައިބު ރައީސް އަންނަބީލް މުޙަންމަދު ވަޙީދުއްދީން ވަޑައިގަންނަވަން ބޭނުންފުޅުވާނެ. އެހެން ނަމަވެސް، ކޮންމެހެން އިނގިރޭސިވިލާތަށް ކުރައްވަންޖެހޭ ދަތުރުފުޅެއް އޮތީމާ، އެމަނިކުފާނު މިހާރުވަނީ ރާއްޖެއިން ބޭރުގައި. އެހެންވީމާ، ނައިބު ރައީސަށް ވަޑައިނުގެންނެވުނީ. އެހެން ނަމަވެސް، ނައިބު ރައީސްގެ ފަރާތްޕުޅުންވެސް އަޅުގަނޑު މިރޭ ވަރަށް އުފަލާއެކީގައި، ތިޔަ ރައްޔިތުން ތިޔަ ޙާޞިލް ކުރައްވާ ކާމިޔާބީތަކަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އާދެ! މިއަދަކީ ދުނިޔޭގެ އާބާދީ ދުވަސް. މިއަދުގެ ޝިޢާރު ގުޅިފައިވަނީ، އަންހެނުންނާ. އާދެ! މި އިޖްތިމާޢީ މަރްކަޒު ހެދުމާއި، ޢިމާރާތް ކުރުމާއި، މިރޭގެ މި ޖަލްސާ އިންތިޒާމް ކުރުމުގައިވެސް، އަންހެން ބޭކަނބަލުންގެ ވަރަށްބޮޑު ޙިއްޞާއެއްވާކަން މިތަނުން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަދި އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ފިރިހެނުންނެކޭ އެއްވަރަށް އަންހެނުން ޙިއްޞާ ކުރަމުން ގެންދާކަން ވަރަށް ރަނގަޅަށް މިރޭވެސް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް، މި އިޖްތިމާޢީ މަރްކަޒުގެ ސަބަބުން މިރަށުގެ އަންހެން ބޭކަނބަލުންނަށްވެސް ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާނެ ކަމަށް. އަދި ޚާއްޞަކޮށް، ޒުވާން އަންހެން ބޭފުޅުންނަށް ބޭނުންފުޅުވާ ތަޢުލީމާއި، ކުޅިވަރާއި، ތަރައްޤީއަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް، މިހުރިހާ އެއްޗެއް ލިބުމުގައި، މި އިޖްތިމާޢީ މަރްކަޒު ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް.

އާދެ! މިއަދުގެ ޝިޢާރު ގުޅިފައި މިއޮތީ، އަންހެން ބޭކަނބަލުންނަށް ޚާއްޞަކޮށް. އެހެން ނަމަވެސް، އެއަކީ މުޅިއަކުން ހަމައެކަނި އަންހެނުންނާބެހޭ ކަމެއް ނޫން. އެއީ ދަރިމައިވުމުގެ ޞިއްޙަތާ ބެހޭގޮތުން. ދެން އެއަށްކިޔާ ތަންކޮޅެއް އާ ނަމެއްވެސް އޮވޭހެން އަޅުގަނޑަށް ހީވަނީ، އުފަންވުމުގެ ޞިއްޙަތު ކަހަލަ ނަމެއް. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ، ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ ދަރިމައިވުމުގެ ޞިއްޙަތޭ ދެންނެވުމުން.

އާދެ! މިއަދު އަޅުގަނޑުމެން، ދުނިޔޭގެ ފެންވަރުގައި މިދުވަސް ފާހަގަކުރަމުންދާއިރުގައި، ދުނިޔޭގައި އަންހެނުންގެ ދުއިސައްތަ މިލިއަނެއްހާ މީހުން ވިހެއުމުގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތަކުގައި މަރުވަމުން އެބަދޭ. ވަރަށް މަދުން ނަމަވެސް، ދިވެހިރާއްޖޭގައިވެސް އަދިވެސް އަޅުގަނޑުމެންނަށް މި މައްސަލައާ އެބަ ކުރިމަތިލާންޖެހޭ. ތެދެއް، 1990 ވަނަ އަހަރާ ބަލާއިރުގައި، ވަރަށްބޮޑު ކުރިއެރުމެއް މިހާރުވަނީ އަޅުގަނޑުމެން ހޯދާފައި. 1990ގެ ކުރީކޮޅުގައި، ރާއްޖޭގައި ގާތްގަނޑަކަށް ފައްސަތޭކައެއްހާ މީހުން، އެއީ ދިހަހާސް މީހުންގެ ތެރެއިން ފައްސަތޭކައެއްހާ މީހުން ރާއްޖޭގައި އޭރުގައި ވިހެއުމުގެ ތެރޭގައި މަރުވޭ. ނަމަވެސް، މިހާރު އެ ޢަދަދު ވަނީ ގާތްގަނޑަކަށް ތިރީހާ ހަމައަށް ކުޑަކުރެވިފައި. އެއީ ވަރަށްބޮޑު ކުރިއެރުމެއް. އެހެން ނަމަވެސް، މިއަދުގެ ދުނިޔޭގައި، މިއަދުގެ ދިވެހިރާއްޖޭގައި މިހާރު އަޅުގަނޑުމެންގެ ތެރޭގައި ޞިއްޙީ ކަންތައް ހުރިގޮތުން، ހަމަ އެންމެ ފުރާނައެއްވެސް ވިހެއުމުގެ ތެރޭގައި ގެއްލުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން. އެކަމަށް އަޅުގަނޑުމެން އެބަޖެހޭ އަދިވެސް ބޮޑަށް ސަމާލުކަންދޭން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އަދިވެސް ގައިނޮކޮލޮޖިސްޓެއް ނުހުރޭ. މިރަށުގައިވެސް ގައިނޮކޮލޮޖިސްޓެއް ނުހުރޭ. އެހެންވީމާ، މިފަދަ ރަށްރަށުގައި ވިހަންވީމާ އަންހެން ބޭކަނބަލުންނަށް ޖެހެނީ އަދި އެ އަންހެން ބޭކަނބަލުންގެ ޢާއިލާއަށް ޖެހެނީ، އެ ބޭކަނބަލަކު ގޮވައިގެން އެހެން ރަށަކަށް ދަތުރުކުރަން. މި ދަތުރުކުރުމުގެ ތެރޭގައި ކަނޑުމަތީގައިވެސް ބައެއް ބޭފުޅުން ވިހާފައިވެސް އެބަހުރި. އަދި ގެއްލުންވެސް ލިބިފައި އެބަހުރި. އެހެންވީމާ، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ، ޤައުމީ ފެންވަރެއްގައި ވިސްނުންތަކެއް ވިސްނައި، މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ ކުރިއެރުން މިއަށްވުރެ ބޮޑަށް އަދި ކުރިއަށް ގެންދަން. އެކަމުގައި ކުރަންޖެހޭ އެއްކަމަކީ، އަޅުގަނޑު ކުރިން ދެންނެވިހެން ގައިނޮކޮލޮޖިސްޓުންގެ ޚިދްމަތް، ހަމަ ހުރިހާ ރަށެއްގައިވެސް ލިބޭނެގޮތެއް އިންތިޒާމްވެގެންދިޔުން. އަދި ހަމައެހެން، ކައިރި ކޮންމެވެސް ރަށެއްގައި، ވަރަށްކުރު ވަގުތުކޮޅެއްގެ ތެރޭގައި ދެވޭފަދަ ކައިރި ތަނެއްގައި ޞިއްޙީ ފަރުވާ ރަނގަޅު ފެންވަރެއްގައި ލިބެންހުރުން. އެއީ، ވިހަން ބަނޑުގައި ރިހޭމީހާ ވިހަން ޖެހުމުން، ދެން މާގިނަ ވަގުތުތަކެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް. އެ ކުރު ވަގުތުކޮޅުގެ ތެރޭގައި ހޮސްޕިޓަލަކާ ހަމައަށް ދެވޭނެ އިންތިޒާމް ހުރުމަކީ އެއީ، ހަމައެކަނި ޢާއިލާގެ މަސްއޫލިއްޔަތަކަށް ވެގެން އެކަން ކުރުމަށް ވަރަށް ދަތިވާނެ. ރާއްޖޭގެ ޚާއްޞަކޮށް، ދަތުރުފަތުރުގެ ކަންތައްތައް މި ހުންނަގޮތުން. ދޯންޏަށް ކުއްޔަށް ހިފުމަކީވެސް ފަސޭހަ ކަމެއް ނޫން. އެހެންވީމާ، މިކަމަށް ރަށުގެ ފެންވަރުގައިވެސް އަދި އަތޮޅުގަޔާއި ޤައުމީ ފެންވަރުގައިވެސް ވަރަށްބޮޑު ސަމާލުކަމެއް އެބަދޭންޖެހޭ. އަދި ހަމައެހެން، ވިހަންވާ މީހާ ހޮސްޕިޓަލަށް އައުމާ ގުޅިގެން، އިތުރު ޑިލޭ ތަކެއް ނެތި، ދިގު ވަގުތުތަކެއް ހޭދަނުކޮށް، އެމީހަކަށް ފަރުވާލިބުން އެއީ، ވަރަށް މުހިންމު ކަމެއް. ވަގުތު މީގެ ހުރިހާވެސް އެއްޗަކީ. އެހެންވީމާ، މިކަންކަމަށް ޞިއްޙީ މަރްކަޒުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ވަރަށްބޮޑު ސަމާލުކަމެއް އެބަ ދެއްވަންޖެހޭ. މިއަދު ރީޖަނަލް ހޮސްޕިޓަލް ހުންނަ ތަންތަނަށްވެސް ވަރަށް އުނދަގުލުން ދަތުރުކޮށްފައި އެތަންތަނަށް ދާން މިޖެހެނީ. އަދި ގޮސްފައި ތިބުމުގެ އިންތިޒާމްވެސް ވަރަށް އުނދުގަލުން ގިނަ ތަންތާނގައި މިހުންނަނީ. އެހެންވީމާ، މިކަމަކީ މިއަދު އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނައި، މިކަމުގައި ރާއްޖޭގައިވެސް މިހާރު ދެން ރަނގަޅު ގޮތްތަކެއް ހޯދޭތޯ މަސައްކަތް ކުރަންޖެހޭ ކަންތައްތަކެއް.

އާދެ! ދަރިމައިވުމުގެ ޞިއްޙަތުގެ ހަމައެކަނި މައްސަލައަކީ މިދެންނެވީކީ ނޫން. މީގެއިތުރުން، ދަރިމައިވުމަކީ މިއީ އެކަކު އެކަނި ކުރާ ކަމެއް ނޫން. މިއީ ޢާއިލާއެއްގެ ތެރޭގައި ފިރިހެނުންވެސް ހިމެނިގެންވާ ކަމެއް. އެހެންވީމާ، ފިރިހެނުންގެ މަސްއޫލިއްޔަތެއްވެސް މިކަމުގައި އެބައޮވޭ. ފިރިހެނުންގެ އެހީތެރިކަމާއެކީގައި، ޢާއިލާ ރޭވިގެން، އެކަމަށް ތައްޔާރުވެވިގެން ދަރިން ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ، ޢާއިލީ ޞިއްޙަތަށްޓަކައި ވަރަށް މުހިންމު ކަމެއް. އެގޮތުން މިފަދަ މަރްކަޒުތަކުންދޭ ޞިއްޙީ ފިލާވަޅުތަކުގައި އަންހެން ބޭކަނބަލުންގެ އިތުރުން، ފިރިހެން ބޭފުޅުންވެސް ހިމަނުއްވައިގެން، އެ ދެއްވަންޖެހޭ މަޢުލޫމާތުތައް ދެއްވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މިއަދު އަޅުގަނޑުމެންނަށް މިރަށުން މި ފެނިގެންދަނީ، އެހެނިހެން ގޮތްގޮތުންވެސް ވަރަށް ލާމަސީލު މިސާލެއް އަނެއްކާވެސް. އެއީ ޚާއްޞަކޮށް، މިރަށާ ކައިރީގައި ހުރި ރިޒޯޓްތަކާ އެމީހުންނާ ޚާއްޞަ ގުޅުން މިހުރިހާ ރިޒޯޓްތަކާއި، އެ ރިޒޯޓްތަކުގެ ކައިރީގައި ހުންނަ ރަށްރަށާ އޮންނަ ގުޅުމެއް މިއީ. އަޅުގަނޑަށް ފެނިފައި އެބަހުރި، ހަމަ ނުލާހިކު ރަނގަޅު ރިޒޯޓްތަކާ، ހަމަ ޖެހިގެން ހުންނަ މީހުން ދިރިއުޅޭ ރަށްރަށް، ވަރަށް ނިކަމެތި ހާލުގައި ހުންނަ ތަންތަން. އެއްފަޅުތެރޭގައި ހުންނަ ރަށްރަށްވެސް އެބައޮވޭ. އެހެން ނަމަވެސް، މިރަށާ ފޯރސީޒަންސްއާ މިއޮންނަ ގުޅުން ވަރަށްގިނަ ރަށްރަށަކު ނުހުރޭ. މިއީ، ޚާއްޞަކޮށް ރިޒޯޓްތަކުން ބަލައިލަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރިޒޯޓްތަކުގެ ޚިދްމަތް ރަނގަޅު ކުރެވޭނީ، އެ ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ރަނގަޅުވެގެން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދާދިފަހުން މިވަނީ ސަރުކާރުގެ ފަރާތުން ރިޒޯޓްތަކުގައި ޢިމާރާތް ކުރެވޭ ބިން، 20 ޕަސެންޓުން 30 ޕަސެންޓަށް އިތުރުކޮށްދީފައި. މިކަން ކޮށްދީފައިވަނީ ޝަރުޠަކާ އެކީގައި. އެ ޝަރުޠަކީ އެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުން. އެމީހުން ދިރިއުޅެން ހުންނަ ތަންތަން ރަނގަޅުކުރުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކައިރީގައި ހުރި ރިޒޯޓްގައި މަސައްކަތްކުރާ ތިންސަތޭކައެއްހާ މުވައްޒަފުން ދިރިއުޅެނީ މިރަށުގައި. ނިދަން އަންނަނީ މިރަށަށް. އޭގެ ސަބަބުން މިރަށަށް ވަރަށްބޮޑު ދިރުމެއް ވަނީ އައިސްފައި. މިދެންނެވިކަހަލަ ކަންތައް، އެހެން ރިޒޯޓްތަކުން ދެކެންވާނެ. މީގެ ސަބަބުން ކައިރީގައި ހުންނަ އެހެން ރަށްރަށަށް އޭގެ ފައިދާވެސް ކުރަމުންދާނެ. އެހެންވީމާ، އަޅުގަނޑު ރިޒޯޓްތައް ހިންގަވާ ބޭފުޅުންނަށްވެސް، އަޅުގަނޑު މިރޭވެސް އަދި ހަމަ ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ރިޒޯޓްތައް ހިންގަމުން ގެންދާއިރުގައި، އެ ރިޒޯޓްތަކާ ކައިރީގައި ހުންނަ ރަށްރަށުގެ ރައްޔިތުންގެ ޙާލަތު ރަނގަޅުވާނެ ގޮތްތަކަށް ވިސްނާވަޑައިގެން، އެކަމުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ރާއްވަވައިގެން ހިންގަވައިދެއްވާށޭ. ހުރާއަކީ، ފޯރސީޒަންސްއަކީ، މިކަމުގައިވެސް މުޅި ދިވެހިރާއްޖޭގެވެސް ހަމަ ލާމަސީލު ނަމޫނާއެއް.

އާދެ! ދެންއޮތީ ވަރަށް ހިތާމަވެރި ވާހަކައެއް. އެއީ މި ޖަލްސާ ނިމުމަކަށް އަންނާތީ. އަޅުގަނޑުވެސް ވާހަކަ ކުރުކޮށްލާފައި، އަނެއްކާވެސް މާލެއާ ދިމާއަށް ދަތުރުކުރަން މިއޮތީ ޖެހިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް އެކަމަކު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން މިމަސައްކަތާ ޙަވާލުވެގެން މިއުޅެނީކީ، އެއްގޮތަކަށްވެސް މިކަމުގައި އަޅުގަނޑުމެންނަށް ފަހަތަށްޖެހުމުގެ އެއްވެސް ވިސްނުމެއް އޮވެގެނެއް ނޫން. އަޅުގަނޑުމެން މި ޤައުމުގެ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކެރިތިބެގެން ކުރަމުން ގެންދާނަން. މާލޭގެ މަގުތަކަށް ވަގުތީގޮތުން ހުރަސްއަޅާ ބަޔަކު އުޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ހަމަ ކެތްތެރިކަމާއެކީގައި އެކަންވެސް ތަޙައްމަލް ކުރާނަން. އަދި ޖެނީވާގައި އޮންނަ ޖަލްސާއަކަށް ފޮނުވަންޖެހޭ ފޮޓޯ ފޮނުވުމުގެ ފުރްޞަތެއްވެސް އަޅުގަނޑުމެން ނުދޭނަން. އަދި ރާއްޖެއިން ބޭރުން ވަޑައިގެން އުޅުއްވާ ޑިޕްލޮމެޓުންނަށް ދައްކަންޖެހޭ ވާހަކައެއްވެސް، އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަ ހަމަ އަޅުގަނޑުމެންވެސް ދައްކާނަން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ކާމިޔާބުނުވާނެ ކަމުގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެކަމާ ދޭތެރޭގައި ޝައްކުކުރާ މީހަކު ހުރީވިއްޔާ، ހުރައަށްވެސް ޒިޔާރަތެއް ކޮށްލުން އަޅުގަނޑަށް ހީވަނީ ރަނގަޅުވާނެހެން.

އާދެ! އިރާދަކުރެއްވިއްޔާ، ﷲ އިރާދަފުޅުން އަޅުގަނޑުމެންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާކުރަމުން އަޅުގަނޑުމެން ގެންދާނަން. އާދެ! ތިޔަބޭފުޅުންނަށް ދައުލަތުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމަކާއި ރައްކާތެރިކަމަކާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އަރުވަމުން ގެންދާނަން. މިކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް ދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ޑީ.އާރު.ޕީ.ގެ ލީޑަރ އަހްމަދު ތަސްމީން ޢަލީ ވިދާޅުވިހެން، އެކަމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިން ފަހަތަކަށް ނުޖެހޭނެ. އެބޭފުޅުން ތިއްބެވީ ކެރިގެން، ޤައުމުގެ ސަލާމަތް ރައްކާތެރިކޮށްދެއްވުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު އެކަމަށް ފުލުހުންނަށާއި ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އާދެ! އަޅުގަނޑުމެންގެ ކެތްތެރިކަމަކީ، އަޅުގަނޑުމެންގެ ބަލިކަން ކަމުގައި އެއްވެސް ބަޔަކު ހީނުކުރުން އެދެން. ހަރުކަށިވާންޖެހޭ ތަންތާނގައި އަޅުގަނޑުމެން ހަރުކަށިވެސްވާނަން. ފިޔަވަޅު އަޅަންޖެހޭ ތަންތާނގައި، ފިޔަވަޅުވެސް އަޅާނަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ ކެތްކުޑަވެގެން، ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް ނޫން. އަޅުގަނޑުމެން ޙިކްމަތްތެރިކަމާއެކީގައި ކުރަންޖެހޭ ކަންތައް ކުރަމުން ގެންދާނީ. އިރާދަކުރެއްވިއްޔާ، މިވޭތުވެދިޔަ 5 މަސް ދުވަސްވެސް ޞުލްޙަވެރިކަމާއެކުގައި އަޅުގަނޑުމެން މިހިސާބަށް އައީ. ﷲ އިރާދަކުރެއްވިއްޔާ، ދެން ކުރިއަށް އޮތް އެއް އަހަރުވެސް ހަމަ މިގޮތުގައި އަޅުގަނޑުމެން ހަމަ ރައްޔިތުންނާއެކީގައި މަސައްކަތް ކުރަމުން ގެންދާނަން. އެހެންވީމާ، އެކަމުގައި ތިޔަ ހުރިހާ ރައްޔިތުންވެސް ތިޔަދެއްވާ އެހީތެރިކަމާއި، އަޅުގަނޑުމެންނާ ދޭތެރޭގައި ތިޔަބޭފުޅުން ތިޔަ ބާއްވަވާ އިތުބާރަށްޓަކައި އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، މިރޭ އަޅުގަނޑުމެންނަށް ތިޔަދެއްވި ހޫނު މަރްޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه