އެމް.ޑީ.ޕީ. އިން މާލޭގެ މަގުތަކުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަމުން ގެންދާ ޙަރަކާތްތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށާއި، ނޫސްވެރިންނަށާއި، ފުލުހުންނަށާއި ސިފައިންނަށް ގެއްލުން ލިބި، ދައުލަތުގެ މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންގެންދާ މިދަނޑިވަޅުގައި، މި ހަޑި މުޑުދާރު ޢަމަލު ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައެވެ.

ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށްވީހިނދު، މިފަދަ ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ސަރުކާރުން ފުރުޞަތެއް ނުދެއްވާނެއެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ޙާޟިރުކުރެވޭނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ސަރުކާރުން އަރުވަމެވެ.

ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށްވުމާއެކު، އެ ޢަމަލުތައް ހިންގީ ކޮންމެ ބަޔަކު ކަމަށްވިޔަސް، އެބަޔަކު ހޯދައި ޤާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޢަދުލު އިންޞާފް ޤާއިމްކުރާ މުއައްސަސާތަކަށް ސަރުކާރުން ގޮވާލައްވައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައިވެސް ސަރުކާރުން ދެއްވައެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި، ފުލުހުންނަށާއި ސިފައިންނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން އިލްތިމާސް ކުރައްވައެވެ.