بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ނުކުޅެދުންތެރިކަން ހުރި އެކިއެކި ބޭފުޅުންނާއި، އެބޭފުޅުންގެ ޢާއިލާތައް، މި ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ ވަރަށް އުފާވެރި ރެއެއް. ސަބަބަކީ ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ޑިސްއެބިލިޓީ އެވޯޑެއް ކަނޑައެޅި، އެ އެވޯޑް އެކިއެކި ފަރާތްތަކަށް ދެވުނުކަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފަލާއެކުގައި، ޚާއްޞަ ގޮތެއްގައި ޑިސްއެބިލިޓީ ކައުންސިލަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ހަމައެހެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އޯގާތެރި، ޢަދުލުވެރި މުޖްތަމަޢެއްގައި، އެ މުޖްތަމަޢެއްގެ އޯގާތެރިކަމާއި ޢަދުލުވެރިކަން ދައްކުވައިދޭ އެންމެ މުހިންމު އެއްކަމަކީ، މުޖްތަމަޢުގައި އުޅޭ އެންމެ ނިކަމެތިންނާ ދޭތެރޭގައި އަޅާލެވޭގޮތް. އެގޮތުން، ދިވެހިރާއްޖޭގައިވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ އެތަކެއް އަހަރު ވަނީ ޚާއްޞަ ގޮތެއްގައި، ނުކުޅެދުން ހުންނަ މީހުންނަށް ދައުލަތުގެ ފަރާތުން އެކިއެކި ޕްރޮގްރާމްތައް ރާއްވަވައި ހިންގަވާފައި. އަދި އަހަރަކަށްފަހު އަހަރެން، މިދެންނެވި ޕްރޮގްރާމްތައް ވަރުގަދަވަމުން އައިސް، 2010 ވަނަ އަހަރުވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާއި އަދި އެމީހުންނަށް ލިބެންޖެހޭ މާލީ އެހީއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރެވިފައި. އެ ޤާނޫނު ފާސްކުރެވުމާ ގުޅިގެން، ދެންމެ މިނިސްޓަރު އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ދޭހަވެގެން މިދިޔައީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމަކީ އެއީ އަޅުގަނޑުމެންގެ އޯގާތެރިކަމުން ކުރަންޖެހޭ ކަމެއް ނޫންކަން ހަމައެކަނި. އެއީ، އިންސާނީ ޙައްޤެއްކަން. އެއީ، އެމީހުންގެ އަސާސީ ޙައްޤުތަކެއްކަން. ޙައްޤުތަކެއް ކަނޑައެޅުމާއެކީގައި، އެ ޙައްޤުތައް ލިބިދޭންޖެހޭ، އެކަން ޔަޤީންކޮށްދޭންޖެހޭ ފަރާތްތަކެއްވެސް ހުންނަންޖެހޭނެ. އެގޮތުން، އެކަމުގެ ޒިންމާ އެންމެ ފުރަތަމަ އެޅޭ ފަރާތަކީ ދައުލަތް. ދައުލަތުގެ ފަރާތުން އެ ޒިންމާ އުފުއްލަވަމުން ގެންދަވަނީ، ދައުލަތުގެ ކެރި ކުޅަދާނަކަން ހުރި މިންވަރަކުން. ހަމައެއާއެކީގައި، އެ ޒިންމާ އުފުލަންޖެހޭ، މުޖްތަމަޢުވެސް އަދި ހަމަ ޢާއިލާތައްވެސް، އެކިއެކި ފަރުދުންވެސް.

އަޅުގަނޑުމެންގެ މުޖްތަމަޢަކީ އޯގާތެރި، ޢަދުލުވެރި، އަޅާލާ މުޖްތަމަޢަކަށް ހެދޭނީ، އަޅުގަނޑުމެން އެންމެން، ނުކުޅެދުންތެރިކަން ހުރި މީސްމީހުންނާ ދޭތެރޭގައި އަޅާލުން އިތުރުކޮށްގެން. އަޅުގަނޑުމެންގެ މުޖްތަމަޢަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ރައްޓެހި ތަނަކަށް ހެދިގެން. އެހެންވީމާ، އެންމެ ފުރަތަމަ ކުރަންޖެހޭ އެއްކަމަކީ، މިހާރު ހެދިފައިވާ ޤާނޫނު ބުނާ، ޤާނޫނު ލާޒިމްކުރާ އެކިއެކި ޤަވާޢިދުތައް އަވަހަށް ހަދާ ނިންމުން. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އޭގެތެރެއިން ބައެއް ޤަވާޢިދު ވަނީ ހެދިފައި. އެހެން ނަމަވެސް، މި ޖަލްސާގައި އިވިވަޑައިގެންނެވި ފަދައިން، އެއީ 6 މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމަންޖެހޭ ކަމެއް. އެހެންވީމާ، އެކަންނުވެ ހުރި ފަރާތްތަކުން، ޚާއްޞަކޮށް، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އެކަން ކުރެއްވުމަށް، އެ ޤަވާޢިދުތައް އަވަހަށް ހެއްދެވުމަށް އަޅުގަނޑު މިރޭ އިލްތިމާސްކޮށް ދަންނަވަން. އަދި ހަމައެއާއެކީގައި، އެ ޤަވާޢިދުތައް ހެދެންދެންވެސް، އެކިއެކި ޚިދްމަތްތައް ފޯރުކޮށްދޭ ފަރާތްތަކުންވެސް، އެ ޚިދްމަތްތައް މިހާރަށްވުރެން ރަނގަޅަށް އިންތިޒާމް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! ނުކުޅެދުންތެރިކަމަކީ އެއީ ދެންމެ، ކުރިން ރިޕޯޓުން އިވިވަޑައިގެންނެވި ފަދައިން، ގާތްގަނޑަކަށް މުޖްތަމަޢުގެ 10 ޕަސެންޓް މީހުންގެ ގައިގައި ހުންނަ ކަމެއް. އެކަމަކީ ފިޠުރީގޮތުން ގިނަފަހަރަށް ހަމަ އުފަންވާއިރުގައި ހުންނަ ސިފައެއް. ނުކުޅެދުންތެރިކަމަކީ އެކިމީހުންގައި އެކިވަރަށް ހުންނަ ކަމެއް. ބައެއް މީހުންގެ ނުކުޅެދުންތެރިކަމާހެދި ދިރިއުޅުން އުނދަގޫވާ ހިސާބަށް، އަމިއްލައަށް ނޫޅެވޭ ހިސާބަށްދޭ. އަނެއްބައި މީހުންނަކީ، ތަންކޮޅެއް މައިލްޑް ނުކުޅެދުންތެރިކަން ހުންނަ މީހުން. އެހެންވީމާ، މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރިއަރުވާ ސިޔާސަތަކީ، ނުކުޅެދޭ މީހުން މެއިން ސްޓްރީމް ކުރުން. ވަކި މުއައްސަސާތައް ހަދައިގެން، އެ މުއައްސަސާތަކުގައި ނުކުޅެދުން ހުރި މީހުން ގެންގުޅޭ ގޮތަކަށް ނޫން. އެއީ މުޖްތަމަޢުގެ ބައެއް ކަމުގައި ދެކިގެން، އެހެން މީހުންނާއެކީގައި އެކިއެކި ޕްރޮގްރާމްތަކުގައި އުޅުން. އެގޮތަށް ޕްރޮގްރާމްތައް ރާވާ ހިންގޭނީ، އެ ރާވާ ހިންގާ ފަރާތްތަކުގެ ވިސްނުން މިގޮތަށް ބަދަލުވެގެން. އެއީ ތަޢުލީމީ ނިޒާމުގެ ތެރެއިން ކަމުގައިވީނަމަވެސް، ސްކޫލްގައިވެސް ހުރިހާ ކުދިންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި ކުދިންވެސް ތިބުމުގެ ފުރްޞަތު އެބަ އޮންނަންޖެހޭ. އަދި އެކުދިންނާ ދޭތެރޭގައި އަޅާލެވޭނެ އިންތިޒާމްތައްވެސް އެބަ އުފައްދަންޖެހޭ.

އެންމެ މުހިންމު އެއްކަމެއް ކަމުގައި އަޅުގަނޑު ދެކެނީ، ވީހާވެސް ޅަފަތުގައި ނުކުޅެދުން ދެނެގަންނާނެ ގޮތެއް ހަމަޖެހިފައި އޮތުން. ޢާންމު އުޞޫލެއްގެ ގޮތުން، އެކަމަކީ އެއީ، ޞިއްޙީ ނިޒާމްގެ ތެރޭގައި ހަމަޖެހިފައި އޮންނަންޖެހޭ ކަމެއް. އެގޮތުން، ޞިއްޙީ މަރްކަޒުތަކުގައި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް އެކަމުގެ ތަމްރީނު އެބަ ލިބެންޖެހޭ. އެއީ ހުރިހާ ޑޮކްޓަރުންނަކަށް ލިބިފައި ހުންނަ ތަމްރީނެއް ނޫން. އެކިއެކި ޑިސްއެބިލިޓީޒް ޚާއްޞަކޮށް، ފިޒިކަލް ޑިސްއެބިލިޓީޒް، ޑިވެލޮޕްމަންޓަލް ޑިސްއެބިލިޓީޒް ދެނެގަތުމުގެ ހުނަރުތަކަކީ އެއީ ހުރިހާ ޑޮކްޓަރުންނަށް ލިބިފައި ހުންނަ އަދި ހުރިހާ ނަރުހުންނަށްވެސް ލިބިފައި ހުންނަ ހުނަރުތަކެއް ނޫން. އެކަން އެބަޖެހޭ ކިޔަވައިދޭން. ހޮސްޕިޓަލްތަކުގައި ކުޑަކުދިން ބަލާ ޑޮކްޓަރުންނާއި ނަރުހުންނަށް އެބަ އެނގެންޖެހޭ، ކޮބައިތޯ އެ އިންޑިކޭޓަރސްތަކަކީ. އެ އިންޑިކޭޓަރސްތައް މެޝަރކުރާނީ ކިހިނެއްތޯ؟ އަދި ހަމައެއާއެކުގައި، އެކަހަލަ ނިޝާނެއް ފެނުމާއެކީގައި، އެކަމަށް ޢަމަލުކުރާނެ ގޮތެއްވެސް އޮންނަންވާނެ ކަނޑައެޅިފައި. ހަމައެކަނި ޑިސްއެބިލިޓީއެއް އައިޑެންޓިފައި ކުރުމަކުންނެއް އެ ހިސާބަކުން ނުނިމޭ. އައިޑެންޓިފައި ކުރުމަށްފަހުގައި، ރިފަރަލް ސިސްޓަމެއް އޮންނަން އެބަޖެހޭ. އެހެންވީމާ، ރިފަރަލް ސިސްޓަމްވެސް ހޮސްޕިޓަލާ ގުޅިގެން އެބަ އިންތިޒާމް ކުރެވެންޖެހޭ. ކަންދިމާވެފައި އޮންނަގޮތުން ދިވެހިރާއްޖޭގައި އަދިވެސް ވަރަށްމަދު ޢަދަދަކަށް މިތިބީ ޑިވެލޮޕްމަންޓަލްގެ ރޮނގުން ތަމްރީނު ޙާޞިލްކޮށްފައި ތިބި މީހުން. ސައިކޮލޮޖިސްޓުންވެސް އެހާ މަދު. އަދި އެކި ބާވަތްބާވަތުގެ ތެރަޕިސްޓުންވެސް ވަރަށްމަދު. އެހެންވީމާ، މިރޮނގުރޮނގުން އަޅުގަނޑުމެންގެ ރަށްރަށުގައި އަދި ޚާއްޞަކޮށް، އާބާދީ ގިނަ ރަށްރަށުގައި މި ހުނަރުތައް އުފެއްދުމަށްޓަކައި މީހުން ފާހަގަކޮށްގެން، އެމީހުންނަށް އެބަ ތަމްރީނު ދޭންޖެހޭ. އަޅުގަނޑުމެން ޚާއްޞަ ޕްރޮގްރާމެއްގެ ތެރެއިން މިކަން ރޭވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

އާދެ! ކުރިން ވިދާޅުވި ފަދައިން، މިކަމުގެ މަޢުލޫމާތާއި ހޭލުންތެރިކަން ޢާންމުކޮށް ރައްޔިތުންނަށް ހުރިހާ އެންމެންނަށްވެސް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ހިތާމަކުރަން، މިހާރުވެސް ބައެއް ދަތުރުތަކުގައި އަޅުގަނޑުމެންނަށް އެބަ ދިމާވޭ، ހަމަ ވަރަށް ބޮޑެތިވެފައި ތިބޭ ކުދިންވެސް، ނުކުޅެދޭ ކުދިން، ފޮރުވައިގެން އެބަ ގެންގުޅޭ. މައިންބަފައިންނަށް އެމީހުންގެ ކެރިފޯރުންތެރިކަން ހުންނަވަރުން، ގޭތެރޭގައި ގިނަފަހަރަށް ގެންގުޅެން މަޖުބޫރުވެފައި މިއޮންނަނީ. އެހެންވީމާ، ބައެއް ޙާލަތްތަކުގައި އެކުދިންނަށް ވަރަށް ނިކަމެތިކޮށްވެސް ކަންކަން ދިމާވަމުން އެބަދޭ. މިކަންކަން ޙައްލު ކުރުމަށްޓަކައި އެކިއެކި ސަރުކާރުގެ މުއައްސަސާތަކުން އަދި ލާމަރްކަޒީ އެކިއެކި މުއައްސަސާތަކުންވެސް މިކަމުގައި އެބަޖެހޭ މަސައްކަތެއް ކުރަން. އެކަމުގައި އެހީތެރިވާން. އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަ އެންމެ ކުއްޖަކަށްވެސް، ހަމަ އެންމެ މީހަކަށްވެސް އެ ލިބެންވާ އެހީތެރިކަން ނުލިބި، އޭގެ ބަދަލުގައި އެއްވެސްވަރެއްގެ އަނިޔާއެއް ލިބެމުންދާ ކަމަށްވާނަމަ، އެކަމާމެދު ފިޔަވަޅު އެޅުމަކީ އެއީ، ހުރިހާ އެންމެންގެވެސް މަސްއޫލިއްޔަތެއް. އެކަމުގައި އެހީތެރިވުމަކީ، އެކަން ރަނގަޅު ކުރުމަށްޓަކައި އެހީތެރިވުމަކީ އެއީ ހުރިހާ އެންމެންގެވެސް މަސްއޫލިއްޔަތު. އެއީ އެކަން ކުރެވޭނީ، މިދެންނެވިހެން މިކަމުގެ ހޭލުންތެރިކަމާއި، މިކަމާބެހޭ މަޢުލޫމާތު ގިނަބަޔަކަށް ލިބިގެން.

އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، އަލަށް އުފެދުނު މިނިސްޓްރީގައި ޑިސްއެބިލިޓީއާބެހޭ ޔުނިޓެއް މިހާރު ޤާއިމް ކުރެވުނީ. އަދި އެ ޔުނިޓާ އެކުގައި ޑިސްއެބިލިޓީ ކައުންސިލްގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާވެ، ހަލުވިކަމާ އެކީގައި ކުރިއަށް ދިޔުން އެއީ، އަޅުގަނޑުމެންގެ އެދުމަކީ. އަޅުގަނޑަށް އެނގޭ، މިހާރު ކައުންސިލްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަކީވެސް ޕާރޓްޓައިމް ގޮތެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. ކޮންމެ ބޭފުޅަކީވެސް ވަރަށް މަސްއޫލުވެރި، ޒިންމާދާރު މަގާމެއް މިހާރު ފުރުއްވަމުން ގެންދަވާ ބޭފުޅުން. އެބޭފުޅުން އެމަސައްކަތުގެ އިތުރުން ކުރައްވާ މަސައްކަތެއް މިހާރު ޑިސްއެބިލިޓީ ކައުންސިލްގައި ކުރައްވާ މަސައްކަތަކީ. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ވަރަށް އުފަލާއެކީގައި ކައުންސިލްގެ މެންބަރުންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ހިތަށްއަރާ މިރޭވެސް ތިޔަބޭފުޅުންނަށް ކުރިމަތިވެފައިވާ ހުރިހާ ދަތިތަކާ އެކީގައިވެސް، ތިޔަކުރައްވާ މަސައްކަތް އެއީ އަޅުގަނޑުމެން އެންމެން އެކަމާ ދޭތެރޭގައި ޢަޖައިބުވެ، އަންތަރީސްވެ، އެކަމާ އުފާކޮށް ޝުކުރު ކުރަންޖެހޭ ކަމެކޭ. މިރޭ އަޅުގަނޑުމެންނަށް ޚާއްޞަކޮށް، މި ފާހަގަކުރެވިގެންދިޔަ އެކިއެކި ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރާއި މުބާރަކްބާދު ދަންނަވަން. އަދި މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް އަދި އެމީހުންނަށް އެހީވެދިނުމަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް މުސްތަޤްބަލުގައި އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިރޭގެ މި ޙަފްލާ ރާއްވަވައި ދެއްވައި، މިކަމުގައި އެހީވެވަޑައިގެން ދެއްވި ވަރަށްގިނަ ފަރާތްތަކަކުން. މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން، އެކިއެކި އަމިއްލަ ޖަމާޢަތްތަކުންނާއި ކުންފުނިތަކުން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވައިގެން، މިހާ ރަނގަޅަށް މިކަން އިންތިޒާމް ކުރެވިގެން މިކަން މިކުރެވުނީ. އެހެންވީމާ، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! ސަރުކާރުގެ ފަރާތުން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން، ބަޖެޓް ތަންދިންވަރަކުން، ވީ އެންމެ ރަނގަޅަކަށް އަޅުގަނޑުމެން މި ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަދި އަޅުގަނޑު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، ވަރަށް ދަތީގައި އެމަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް މިކަމުގައި ސަރުކާރުގެ އެކިއެކި މުވައްޒަފުންނަށާއި އަދި އަމިއްލަ ޖަމާޢަތްތަކުގެ ބޭފުޅުންނަށާއި، މިހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ފަށްފަށުން ޝުކުރު ދަންނަވަން.

ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه