އަޅުގަނޑުމެންގެ މުޖުތަމަޢަކީ އޯގާތެރި، ޢަދުލުވެރި، އަޅާލާ މުޖުތަމަޢަކަށް ހެދޭނީ، ނުކުޅެދުންތެރިކަން ހުރި މީސްމީހުންނާ ދޭތެރޭގައި ހުރިހާ އެންމެންވެސް އަޅާލުން އިތުރުކޮށްގެން، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ރައްޓެހި މުޖުތަމަޢަކަށް މުޖުތަމަޢު ހެދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އަހަރަކު އެއްފަހަރު ދެއްވުމަށް ހަމަޖެއްސެވި "ޑިސްއެބިލިޓީ އެވޯޑް" ދެއްވުމަށް، ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމުގައި އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ އެއްކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިހާރު ހެދިފައިވާ ޤާނޫނު ލާޒިމްކުރާ އެކިއެކި ގަވާއިދުތައް އަވަހަށް ހަދައި ނިންމުން ކަމަށް ވިދާޅުވެ، އެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް، ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި އެގަވާއިދުތައް ހަދައި ނިމެންދެންވެސް، އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް އިންތިޒާމް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޯގާތެރި ޢަދުލުވެރި މުޖުތަމަޢެއްގައި، އެ މުޖުތަމަޢުގެ އޯގާތެރި، ޢަދުލުވެރިކަން ދައްކައިދޭ އެންމެ މުހިއްމު އެއްކަމަކީ، އެ މުޖުތަމަޢެއްގައި އުޅޭ އެންމެ ނިކަމެތިންނާ ދޭތެރޭގައި އަޅާލެވޭ ގޮތްކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޚާއްޞަ ގޮތެއްގައި، ނުކުޅެދުން ހުންނަ މީހުންނަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދައުލަތުގެ ފަރާތުން އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގައި ރާއްވަވައި ހިންގަވާފައިކަން ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމަކީ، އެމީހުންގެ އިންސާނީ، އަސާސީ ޙައްޤެއް ކަމަށާއި، އެފަދަ މީހުންގެ ޙައްޤުތައް ހޯދައިދީ، ޔަޤީން ކޮށްދިނުމުގެ ޒިންމާ އެންމެ ފުރަތަމަ އެޅޭ ފަރާތަކީ ދައުލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން އެޒިންމާ އުފުއްލަވަމުން ގެންދަވާ ކަމަށާއި، މުޖުތަމަޢާއި، ޢާއިލާތަކާއި، އެކިއެކި ފަރުދުންވެސް އެ ޒިންމާ އުފުލަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޑިސްއެބިލިޓީ އެވޯޑު 2012" ޙާޞިލު ކުރެއްވި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަނދާނީ ފިލައާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން ދެއްވި އެވޯޑު އެފަރާތްތަކަށް ދެއްވީ، ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުނަރުވެރިކަމުގެ ރޮނގުން އެވޯޑު ޙާޞިލު ކުރެއްވީ، މާފަންނު ސްޓެއްލާ އާމިނަތު ޝިދުނާއާއި، ހައްދުންމަތީ ގަމު ރަންދެލިގޭ ތައުފީޤު އަޙްމަދާއި، މައްޗަންގޮޅީ ޗަނބޭލީމާގޭ ޙާމިދު ނަޝީދު މުޙަންމަދާއި، ވިލިނގިލީ އަވަށު ނޯޗާންސް މުޙަންމަދު މާޒިނާއި، ހައްދުންމަތީ ފޮނަދޫ ޢާލަމް ޢަބްދުލްކަރީމް ޢަބްދުﷲ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުވައިދިނުމުގެ ދާއިރާއިން އެވޯޑު ޙާޞިލު ކުރެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މާފަރު ޝިދާތާ ޝަރީފާއި، ހެންވޭރު ތްރީލައިޓްސް ފާޠިމަތު ޢާފިޔާއާއި، ގަލޮޅު ބެރުގޭ ޝަހީޒު ޢަބްދުﷲ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތް ކޮށްދިނުމުގައި، އެންމެ ފާހަގަކުރެވޭ ޖަމްޢިއްޔާގެ އެވޯޑު ލިބުނީ ކެއަރ ސޮސައިޓީއަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ގޮތުން ޚިދްމަތް ކޮށްދެއްވުމުގެ އެވޯޑު ޙާޞިލު ކުރެއްވީ، މައްޗަންގޮޅި ލައިޓްކޯނަރ ފަރުޒާނާ ޝައުޤީއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުވައިދިނުމުގެ އެވޯޑު ލިބުނީ، ހެޕީ މާކެޓް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް އެކިގޮތްގޮތުން ރީތިނަން ހޯދައިދިން ފަރާތުގެ އެވޯޑު ޙާޞިލު ކުރެއްވީ، ފުވައްމުލަކު މޫން ކޯނަރ ދީނާ ޢަބްދުލްޙަމީދެވެ.