މާލޭ ސިޓީ ކައުންސިލުން ދެއްވަންޖެހޭ ބައެއް ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ނުގެންދަވާތީ، އެ ކައުންސިލާ ޙަވާލުކުރެވިފައިވާ ބައެއް މަސައްކަތްތައް އަނބުރާ އެ ކައުންސިލުން ނަންގަވައި، ސީދާ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ ބެއްލެވުމުގެ ދަށުން އެމަސައްކަތްތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ މިއަދު ލަފާއެރުއްވުމާ ގުޅިގެން، އެކަން އެގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

މިކަން މިގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު މިހާރު ހަމަޖެހިފައި އޮތްގޮތުން، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ވަރަށްގިނަ ޚިދްމަތްތަކަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމާބެހޭ ގާނޫނުގެ ދަށުން ކައުންސިލްތަކާ ޙަވާލުކުރެވިފައިވާ ޚިދްމަތްތަކެއް ކަމަށްވީނަމަވެސް، ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދްމަތްތައް، ބައެއް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުއްވައިދެއްވަމުން ނުގެންދަވާތީ، މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން އެރުވި މަޝްވަރާއާ ގުޅިގެންނެވެ. އަދި ކައުންސިލްތަކުގެ ޒިންމާއިން ވަކިކުރައްވައިގެން ނަމަވެސް، މި ޚިދްމަތްތައް ރައްޔިތުންނަށް ދެއްވުން ޔަޤީން ކުރުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްޓަކައެވެ. ހަމައެއާއެކު، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އޮތް ޒިންމާއަކަށްވާތީއާއި، ބަރަކާތްތެރި ރަމަޟާންމަހާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށްޓަކައެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް، ކޮންމެ ކައުންސިލަކުންވެސް ފޯރުކޮށްދިނުމަކީ، ސިޔާސީ ފިކުރާއި ޚިޔާލުގެ ބޭރުން ކޮންމެ ކައުންސިލަކުންވެސް ކުރައްވަންޖެހޭ ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.